ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުންނެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ޓަކައި ވައިގެމަގުންނާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައި ކަމަށެވެ.
އެގޮތުން، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން، ހުވަދޫ ކަނޑުގެ އިތުރުން ލ. އަތޮޅާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ބަލައިފައިވާ ކަމަށް ބުންޏެވެ.
މި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރަމުން އެމްއެންޑީއެފުން ބުނީ، މޯލްޑިވިއަންގެ އެއާކްރާފްޓްތަކުގެ އިތުރުން ރޭގަނޑު ވެސް ކަނޑުމަތި ބެލޭ އިންފްރާރެޑް ސެންސަރު ހުންނަ ސިފައިންގެ "ޓީބީ2" ޑްރޯންތަކާއި، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ޒަމާނީ ޓެކްނޮލޮޖީ މި މަސައްކަތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ ޕީ-8 މަރުކާގެ ޚާއްސަ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ އެކަނި ވެސް 6,300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައި ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، އިއްޔެ އިރުއޮއްސި 18:00 އާ ހަމައަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު އަދި ފަރުތަކާއި ގޮނޑުދޮށްތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ދޯނި އަޑިއަށް ދިޔަ ވަގުތު ކައިރީގައި ލޭންޑިން ކްރާފްޓަކާއި، ފުލުހުން އަދި ސިފައިންގެ ލޯންޗެއް އޮތުމުން ބައެއް މީހުން ސަލާމަތް ކުރެވުނު ނަމަވެސް، ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށެވެ.
މިއީ ޑައިވަރުންނަށް އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް ޑައިވް ކުރެވޭ ފުންމިނަކަށް ނުވާތީއާއި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެއްލުނު ތިން މީހުން ކަނޑުމަތިން ހޯދުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
"މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫނެވެ،" އެމްއެންޑީއެފުން ބުންޏެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ:
- ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
- އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
- ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)