ހުޅުމާލެ ފޭސް އެކެއްގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފޭރުނު ފައިސާ ފުލުހުން ހޯދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރުއެވެ.
މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ގުޅިގެން ވަނީ ފަށާފައެވެ. އެގޮތުން، ސީސީޓީވީ ފުޓޭޖް ބަލައިގެން ކުރި މަސައްކަތުން، އެ ރޭ 12:30 އެހައިކަންހާއިރު އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި ހަމަ އެ ވަގުތު، މި މައްސަލައިގެ ތުހުމަތުގައި ގދ. ވާދޫ، އަތަމާގެ، އުމުރުން 40 އަހަރުގެ ޢިޖާޒު ނަޞީރު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ފުލުހުން ހޯދީ ތަހުގީގުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް، އެ މީހާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
އޭނާ ދޫކޮށްލި ސީދާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ބަންދުގައި ހުރި ޢިޖާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސައިކަލެއްގައި ގޮސް ބިދޭސީ މީހާގެ އަތުން ފޭރުނު ވޮލެޓާއި އޭގައި އޮތް 10،000 ރުފިޔާ ފުލުހުން މިހާރު ވަނީ ހޯދާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.