މާލެއާއި ބްރިޖްގައި ދުވާލެއްގެ މައްޗަށް ހަތް އެކްސިޑެންޓް ހިނގާ: ފުލުހުން

ފުޑް ކޯޓް ކައިރީ އެކްސިޑެންޓުވި ދެ އުޅަނދު: އެ ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފާތިމަތު ސައުނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ އާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 1,355 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

މި އެކްސިޑެންޓްތަކުގެ ތެރޭގައި މީހުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާތައް ވެސް ހިމެނެއެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ އެކްސިޑެންޓް ގިނަ, ނުރައްކާ ތަންތަނަށް ވަނީ ވެފައެވެ.

މާލެއާއި ބްރިޖް އަދި ހައިވޭ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުން އާންމުކުރި ތަފާސްހިސާބު... ފޮޓޯ/ ފުލުހުން

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގާފައިވާއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 191 އެކްސިޑެންޓެވެ.

މީގެ އިތުރުން މާރިޗު މަހު 236 އެކްސިޑެންޓް، އެޕްރީލް މަހު 232 އެކްސިޑެންޓް، މޭ މަހު 238 އެކްސިޑެންޓް އަދި ޖޫން މަހު 205 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ (1,128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ.

މާލެއާއި ބްރިޖް އަދި ހައިވޭ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުން އާންމުކުރި ތަފާސްހިސާބު... ފޮޓޯ/ ފުލުހުން

އަދި ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ ދުވާލު 901 އެކްސިޑެންޓާއި ރޭގަނޑު 454 އެކްސިޑެންޓެވެ.

މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.

ސީރިއަސް އަނިޔާ 31 މައްސަލައެއްގައި ލިބިފައިވާއިރު، 1,322 މައްސަލައެއްގައި ލިބިފައިވަނީ ކުދި އަނިޔާތަކެވެ.

މާލެއާއި ބްރިޖް އަދި ހައިވޭ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުން އާންމުކުރި ތަފާސްހިސާބު... ފޮޓޯ/ ފުލުހުން

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހާދިސާތަކުގައި ޖުމްލަ 1,482 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް ޖުމްލަ 3,284,622 ރުފިޔާ ވަނީ ނަގައިދެވިފައެވެ.

މާލެއާއި ބްރިޖްމަތީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާތީ، ފުލުހުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެމުންނެވެ.

އެގޮތުން ދުވެލި މަޑުކުރުމާއި، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ފުލުހުން މެދުނުކެނޑި އިލްތިމާސްކުރެއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް