ސިނަމާލެ ބްރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަރާ މަގުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރެފިކް ލައިޓް ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:38 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"ހޮސްޕިޓަލުގައި އެ މީހާއަށް މިހާރު ދަނީ ފަރުވާ ދެމުން،" ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެއާޕޯޓަށް އަރާ ސަރަހައްދަކީ އާންމުކޮށް ވެސް ބާރުބޮޑު ސަރަހައްދަކަށް ވާތީ، މިފަދަ އެކްސިޑެންޓް ތައް މަދުން ނަމަވެސް އަންނަނީ ހިނގަމުންނެވެ. އެހެން ކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.