ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު ހުޅުވުން.. ފޮޓޯ/ ރައީސް އޮފީސް
ޖަޕާނު ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަޕާނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިއަދު ހުޅުވި އެމްއާރުސީސީގެ އައު އިމާރާތަކީ 23 ޖޫން 2022 ގައި ބިންގާ އެޅި އިމާރާތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކޮށް ނިންމާލާފައެވެ.
މިއީ ކޯސްޓްގާޑުގެ ގާބިލްކަން އިތުރުކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ ފަންޑުގެ ދަށުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މީގެ އިތުރުން، މި ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާކަން އެމްއެންޑީއެފުން ހާމަކުރެއެވެ.
އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ.
އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒެވެ.

މިއަދު ހުޅުވި އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ 23 ޖޫން 2022 ގައި އެޅުން... ފޮޓޯ/ ޕީއެސްއެމް
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެމްއާރުސީސީއަށް 3,713 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، 8,359 މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެ ސެންޓަރުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުސީސީގެ ޚިދުމަތް ފެށުނީ "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް"، ޖީއެމްޑީއެސްއެސްގެ ނަމުގައެވެ.
އެގޮތުން ވިލިމާލޭގައި ޖީއެމްޑީއެސްއެސްގެ އޮޕަރޭޝަން ސެންޓަރެއް 2006ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި، 27 ޖުލައި 2012 ގައި، އެ މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.