ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކޮށްފި

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު، ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުންތަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.

އޭގެ ތެރެއިން މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ މަޖިލީހުގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދިނެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން އެހުމުން ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 40 މެންބަރަކު މުސާރަ ބޮޑުކުރަން ފާސްކުރަން ފެންނަ ކަމަށް ވޯޓުދިންއިރު، ނުފެންނަ ކަމަށް ވޯޓުދިނީ 12 މެންބަރުންނެވެ.

މިދިޔަ ބުދަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމުގައިވާ ގޮތުން މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

ކޮމިޓީގައި އިއުލާނުކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އިންސައްތައާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

https://sun.mv/229634

އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

އެއަށްފަހު، އިއްޔެ އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ މުސާރަ މުރާޖައާކޮށްދިނުމަށް ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ވިދާޅުވި ގޮތުގައި، އެގޮތަށް ހުށަހެޅުއްވީ، މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. މިގޮތުން، އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ.

މި ބަދަލު ގެންނަން ނިންމުމާއެކު ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިދިޔަ ހޯމަ ދުވަހު ހުށަހެޅިއެވެ. ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައްވާފައެވެ.

comment ކޮމެންޓް