އިންޑިއާގެ މަގުބޫލު ތަރި ބާދްޝާއާއެކު ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ޚާއްސަ ދަތުރު ނިންމާލައިފި

އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މި އަހަރު ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ، މިއުޒިކީ ތަރި، ބާދްޝާ އާއެކު ކުރިއަށްގެންދިޔަ ހަތަރު ދުވަހުގެ ދަތުރު ވިޒިޓް މޯލްޑިވްސްއިން ނިންމާލުން.. ފޮޓޯ/ ވިޒިޓް މޯލްޑްޑިވްސް

އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މި އަހަރު ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް، ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު އިންޑިއާގެ މިއުޒިކީ ތަރި، ޓީވީ ޝަހްސިއްޔަތު އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދްޝާ ވަނީ ހަތަރު ދުވަހުގެ ދަތުރެއް ރާއްޖެއަށް ކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރުގެ ގޮތުގައި ބާދްޝާ ކުރި މި ދަތުރު ހޯސްޓްކޮށްދީފައި ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އިންނެވެ.

މި ދަތުރަކީ އިންޑިއާގެ ނުފޫޒުގަދަ ސަގާފީ ޝަޚްސިއްޔަތަކާއި ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލް ގުޅުވައިދިން މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަގްސަދަކީ އިންޑިއާގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ރީތިކަން އިޝްތިހާރުކޮށް، އެ ގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމެވެ.

ބާދްޝާ ވަނީ މި ދަތުރުގައި ރާއްޖޭގެ މެހުމާންދާރީއާއި، ވޯޓަ އެޑްވެންޗާ އަދި ލަގްޒަރީ ޔޮޓް ދަތުރުތައް ތަޖުރިބާކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ އިބްރާހީމް ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ ހަމައެކަނި ފަތުރުވެރިން އަންނަ ގައުމެއް ނޫންކަމަށާއި އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ނުހަނު މުހިންމު މާކެޓެއް ކަމަށެވެ.

އަދި ބާދްޝާއާއެކު މި ފެށި މަސައްކަތަކީ އިންޑިއާގެ ދަތުރުވެރިންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިންޑިއާއަކީ ހަމައެކަނި ފަތުރުވެރިން އަންނަ ގައުމެއް ނޫން، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ނުހަނު މުހިންމު މާކެޓެއް. ބާދްޝާއާއެކު މި ފެށި މަސައްކަތަކީ އިންޑިއާގެ ދަތުރުވެރިންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް." ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

އަދި ބާދްޝާގެ މަގުބޫލުކަން ބޭނުންކޮށްގެން ރާއްޖެއަކީ ކައިރި، ފަސޭހައިން އާދެވޭ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއްކަން ހަނދާންކޮށްދިނުމަކީ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު، އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ހޯދައިދީފައިވާ މާކެޓެކެވެ. 2020 އިން ފެށިގެން 2022 އާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު 209,193 ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އެ ގައުމުން އަދާކޮށްފައިވާއިރު، މި އަހަރުގެ ޖުލައި 19 އާ ހަމައަށް 68,933 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ކޮލަބްރޭޝަންގެ ދަށުން ބާދްޝާ އުފެއްދި ކޮންޓެންޓްތައް ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެއެވެ. މީގެ ތެރޭގައި އިންސްޓަގްރާމް ރީލްސް، ޕޯސްޓްތައް އަދި ޔޫޓިއުބް ވްލޮގްތައް ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިފަދަ މަގުބޫލު ޝަޚްސިއްޔަތުތަކާ ގުޅިގެން މަސައްކަތްކޮށް، އިންޑިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމެވެ.

comment ކޮމެންޓް