ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ --- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަން ނިންމައިފިއެވެ.

މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާއިން އިޢުލާންކުރި ގޮތުގައި، ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ވަނީ ހޮވާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ ފިނަސްޓްރާގެ 'އެސެންސް' ޕްލެޓްފޯމް އިޚްތިޔާރުކުރީ ބޭންކުގެ ހިންގުން ހަރުދަނާކޮށް އީޖާދީ ޚިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ.

ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި ހިމެނެނީ:

• އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.
• އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
• ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
• ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކުރުމާއި، ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ.

ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބުކަމަށާއި އެ ބޭންކުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

comment ކޮމެންޓް