އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ބާއްވާ "އުރީދޫ މަސްރޭސް 2026" ގައި ރެޖިސްޓާ ކުރުމުގެ ފުރުސަތު މިރޭ 23:59 އަށް ހަމަވާނެއެވެ.
މިއަހަރުގެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމެއް އެކުލަވާލުމަށްފަހު، އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ މިރޭ 23:59 އެވެ.
މިއަހަރުގެ މަސްރޭހުގައި ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ޗެމްޕިއަން ޓީމަށް: 25،000 ރުފިޔާ
ދެވަނަ ޓީމަށް: 10،000 ރުފިޔާ
ތިންވަނަ ޓީމަށް: 5،000 ރުފިޔާ
މީގެ އިތުރުން، އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އެންމެ މޮޅު އަންހެން މަސްވެރިޔާ، އަދި އެންމެ ބަރު މަސް ބާނާ ފަރާތަށްވެސް 1،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.
މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކަށާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން އަމިއްލަ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ނަމަވެސް މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ގިނަވެގެން 20 ޓީމަށެވެ. އެހެންކަމުން، 20 އަށް ވުރެ ގިނަ ޓީމުން ރަޖިސްޓްރީވާން ހުށަހަޅައިފި ނަމަ، ޖާގަ ދެވޭނީ ރަޖިސްޓްރޭޝަން ފުރިހަމަކޮށް އެންމެ ފުރަތަމަ ފައިސާ ދައްކާ 20 ޓީމަށެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށްދޭ މަސްވެރިންގެ އީދެކެވެ.
މިއީ ދިވެހި ކާބަފައިންގެ ޒަމާންވީ މަސްވެރިކަމުގެ އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސްއިން ބާއްވާ ވަރަށް ފޯރިގަދަ ހަރަކާތެކެވެ.