ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހިޔާ ޓަވަރުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި-- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލައިފައެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 19ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

ބަދިގޭގައި ހުރި ބައެއް ސާމާނުތައް އަނދާފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައި ނުވެއެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ބަލަމުންނެވެ.

ހިޔާ ފްލެޓްތަކަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އުސް އިމާރާތްތަކަކަށް ވުމާއެކު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. މީގެ ކުރިންވެސް ހިޔާ ފްލެޓްތަކުގައި އަލިފާނުގެ އެކި ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ބެލްކަނީގައި ހުންނަ ކުނިތަކަށް ސިނގިރޭޓް ފިލްޓަރު އެއްލައިލުމުގެ ސަބަބުންނާއި، ކަރަންޓު ޝޯޓްވުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގާފައިވާކަން ރެކޯޑުކުރެވިފައިވެއެވެ.

ގޭތެރޭގައި ކައްކާއިރު ސަމާލުވުމަށާއި، އަލިފާން ރޯވެދާނެ ފަދަ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. މި ހާދިސާއާ ގުޅިގެން އެޕާޓްމަންޓަށް ލިބުނު ގެއްލުމުގެ ތަފްސީލީ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ދަނީ އެއްކުރަމުންނެވެ.

comment ކޮމެންޓް