އެޗްޑީސީއިން 2024ގައި މުވައްޒަފުންނަށް ކުރި ޚަރަދު 44 މިލިއަން ރުފިޔާ އިތުރު

އެޗްޑީސީގެ އެމްޑީއަކަށް މީގެ ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: އެޗްޑީސީން 2024ގައި މުވައްޒަފުންނަށް ކުރި ޚަރަދު 44 މިލިއަން ރުފިޔާ އިތުރުވި -- ފޮޓޯ/ ރައިސް އޮފީސް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 2024ގައި މުވައްޒަފުންނަށް ކުރި ޚަރަދު، 2023ވަނަ އަހަރަށްވުރެ 44 މިލިއަން ރުފިޔާ އިތުރު ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ، 2024 ވަނަ އަހަރުގެ އެޗްޑީސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ އަހަރު އެ ކުންފުނިން މުވައްޒަފުންނަށް ކުރި ޚަރަދު 500 މިލިއަން ރުފިޔާއަށް އަރައެވެ. އެއާ އަޅައިބަލާއިރު 2023ގައި މުވައްޒަފުންނަށް ޚަރަދު ކޮށްފައިވަނީ 455 މިލިއަން ރުފިޔާއެވެ.

އެޗްޑީސީގެ މުވައްޒަފުންގެ މުސާރައަށް 2023ގައި 137 މިލިއަން ޚަރަދުކުރިއިރު، 2024ގައި އެ އަދަދު ވަނީ 157 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ 20 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އިނާޔަތްތަކާއި ބޯނަސްތަކަށް ކުރި ޚަރަދު 8.3 މިލިއަން އިތުރުވެ، 2024ގައި ވަނީ 301 މިލިއަން ރުފިޔާއަށް އަރައިފައެވެ.

މުސާރައާއި އިނާޔަތްތަކާއި ބޯނަސްއަށް ކުރި ޖުމްލަ ޚަރަދު 28.5 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު އެއީ 6.61 ޕަސެންޓްގެ އިތުރުވުމެކެވެ.

އެޗްޑީސީ މުވައްޒަފެއް: އެޗްޑީސީން 2024ގައި މުވައްޒަފުންނަށް ކުރި ޚަރަދު 44 މިލިއަން ރުފިޔާ އިތުރުވި ---- ފޮޓޯ/ އެޗްޑީސީ

މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭ ކުންފުންޏެއް ކަމަށްވާ އެޗްޑީސީން 2024ގައި މުވައްޒަފުންނަށް ސިއްހީ ގޮތުން ކުރި ޚަރަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ސިއްހީ ކަންކަމަށް ކުރި ޚަރަދު ވަނީ 18.8 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާ އަޅައިބަލާއިރު 2023ގައި ސިއްހީ ކަންކަމަށް ޚަރަދުކޮށްފައިވަނީ 3.06 މިލިއަން ރުފިޔާއެވެ. އެއީ 15 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި:

  • ޕެންޝަން ފަންޑަށް: 9.8 މިލިއަން ރުފިޔާ
  • ދަތުރުފަތުރާއި ވިސާ: 3.77 މިލިއަން ރުފިޔާ

ހުޅުމާލެ ބެލެހެއްޓުމުގެ އިތުރުން ބޮޑެތި މަޝްރޫއުތަކާ ހަވާލުވެފައިވާ އެޗްޑީސީއަށް 2024ގައި 3.54 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފައިދާ 2.01 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް 2.04 ބިލިއަން ރުފިޔާގެ ފައިދާވިކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، އެޗްޑީސީގެ ދަރަނި 2023ގައި 11.7 ބިލިއަން ރުފިޔާގައި ހުރިއިރު، 2024ގައި އެ އަދަދު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

https://sun.mv/220647

އެޗްޑީސީއާއި ސަރުކާރުގެ އެހެން ކުންފުނިތަކުގައި ވެސް، މަސައްކަތާ ނުބައްދަލު މިންވަރަށް މުވައްޒަފުންގެ އަދަދު އިތުރުވަމުންދިޔުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހުގެ 18ގައި ވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ.

އެއަށްފަހު، މިދިޔަ އާދިއްތަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް، އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައިފައެވެ.

https://sun.mv/224795

އެ ސާކިއުލާ ނެރުމުގެ ކުރިން ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެއެވެ.

މިދިޔަ އޭޕްރިލް މަހު، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުންނެވެ.

comment ކޮމެންޓް