ފުޓްބޯޅަ މެޗެއްގެ މިސާލުން ބަލާނަމަ މި ސަރުކާރުގެ ފުރަތަމަ ހާފު ނިމެންދާއިރު މިއޮތީ ހަތެއް, އެކެއްގެ ނަތީޖާއިން ދަށުގައެވެ. އެއާއެކު ޓީމުގެ ކޯޗަކަށް ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ކުއްލި ގޮތަކަށް 10 ކުޅުންތެރިން ބާލުއްވައި, ޓީމު ކުޑަ ކުރައްވައި, އާ ކުޅުންތެރިންގެ ގޮތުގައި ހަތަރު ބޭފުޅަކު މި ވަނީ ދަނޑަށް ނެރުއްވާފައެވެ. ސުވާލަކީ މި ބަދަލު ކިހިނެއްތޯއެވެ؟
އެންމެ ފަހުން ބޭއްވި ބޮޑު އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ބުނި ބޮޑު "ނޫނެކޭ" އަށް ފަހު, ކެބިނެޓަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެކެވެ. އެއީ ތަހުޒީބީ ޑިމޮކްރަސީތަކުގައި އެކަން ކުރާ ވެސް ގޮތެވެ. ނަމަވެސް އެ ގައުމުތަކުން މިފަދަ ބަދަލުތައް ގެންނައިރު އިސްކަން ދެނީ ކުރިއަށް ވުރެން ވަރުގަދަ ޓީމެއް ދެން ރައްޔިތުންނަށް ދެއްކުމަށެވެ. ބޭނުމަކީ ސަރުކާރަށް އަނބުރާ ރައްޔިތުންގެ އިތުބާރު ހޯދައި, ނަތީޖާ ދެއްކުމަށެވެ. ރައީސް މުއިއްޒު މި ގެންނެވި ބަދަލާއެކު އެ މަންޒަރު ސިފަވޭތޯއެވެ؟ ނޫނީ މިއީ ފަހަތަށް އެޅި ފިޔަވަޅެއްތޯއެވެ؟
އަމިއްލަ ހިޔާލުގައި އެ ސުވާލުތަކަށް ޖަވާބު ދޭނަމަ ދަންނަވަން އޮތީ އިއްޔެ ކެބިނެޓަށް ގެންނެވި ބަދަލުން ސަރުކާރު ވަރުގަދަވި މަންޒަރު އަދި ނުފެންނަ ވާހަކައެވެ. އޭގެ ބަދަލުގައި ބަލިކަށިވި މަންޒަރު ފެނެއެވެ. އެއީ އިސްތިއުފާ ދެއްވި 10 ބޭފުޅުންގެ ތެރޭގައި ވަރަށް ގާބިލް ބޭފުޅުންތަކެއް އެބަތިއްބެވިއެވެ. އަދި އިސްތިއުފާ ނުދެއްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރަށް ވަރަށް ޑެމޭޖު ދެއްވި, އަދި ދެއްވަމުން ގެންދަވާ ބޭފުޅުން ތިއްބެވީތީއެވެ. މީގެ އިތުރުން މުޅިން އަލަށް ކެބިނެޓަށް ގެންނެވި ހަތަރު ބޭފުޅުންގެ ތެރޭގައި, މީގެ ކުރީގެ ޕާފޯމަންސަށް ބަލާއިރު އެހާ އުންމީދީ ނޫން ބޭފުޅުން ވެސް އެބަތިއްބެވިއެވެ.
ފެންނަ, ނުފެންނަ ވޯޓަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުން ނޫން ކަމަށް, ސަރުކާރުގެ ބައެއް އިސްވެރިންނާއި ޕީއެންސީން ބުނާއިރު އެއީ ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. ތަހުޒީބީ ގައުމުތަކުގައި މިފަދަ ވޯޓުތަކުގެ ނަތީޖާ ބަލަނީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށެވެ. އިނގިރޭސިވިލާތްފަދަ ގައުމުތަކުގެ ބޮޑުވަޒީރުން މިފަދަ ވޯޓުތައް ނާކާމިޔާބުވުމުން އިސްތިއުފާ ދެއްވާފައި ވެސް އެބަވެއެވެ.
އެތައް ވަސީލަތެއް ބޭނުންކޮށްގެން ވަރުގަދަ ކެމްޕެއިނެއް ކުރި މި ސަރުކާރަށް, ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ބުނީ ނޫނެކޭއެވެ. އެ ހިސާބުން ނަތީޖާ ބަލައި ގަންނަވާ ކަމަށާއި އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެއާއެކު ބައެއް ކުންފުނިތަކުގެ ވެރިންނަށް އިސްތިއުފާ ދޭން އެންގެވުމާއި ވަކި ކުރެއްވުމުގެ އިތުރުން, ކެބިނެޓަށް މި ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. ނަމަވެސް އަދި ވެސް އެންމެ މުހިންމު އެއް ބަދަލު ނުގެންނަވައެވެ.
ވައްކަމުގެ ހާއްޔަކަށް ވެފައިވާ ކުންފުނިތައް އިސްލާހު ކުރޭ!
ކޮންމެ ސަރުކާރެއްގައި ވެސް ރާއްޖޭގެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކީ "ވައްކަމުގެ ހާލި" ތަކެވެ. އެ ތަންތަނުގެ އިސްވެރިންނަށް ގިނައިން ތިއްބަވަނީ ރެއާއި ދުވާލު, ފާޅުގައި ވައްކަން ކުރުމާއި ނާޖާއިޒު ފައިދާ ނެގުމަށް ޖެހިލުން ނުވާ ފެންވަރުގެ މީހުންނެވެ. ނަތީޖާއަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު މިއޮތް ދަށް ހާލަތެވެ. ގައުމަށް ހެޔޮ އެދޭނަމަ, މިއީ ކޮންމެހެން އިސްލާހު ކުރަން ޖެހޭ ކަމެކެވެ.
ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 ޕަސެންޓް ސަރުކާރުން ހިއްސާ އޮތް ކުންފުންޏެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި މީގެ ތެރެއިން ފައިދާއެއް ނެރެވެނީ އެއް އަތުން ގުނާލެވޭހާ މަދު ކުންފުންޏަކަށެވެ. ގާތްގަނޑަކަށް 90 ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގައި, އަދި ކުރަން ނުވާނެ ހުރިހާ ކަމެއް ކޮށްގެންނެވެ.
ދިވެހިރާއްޖޭގެ ދައުލަތުގެ ކުންފުނިތައް ނުވަތަ ސްޓޭޓް-އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތައް އަބަދުމެ ގެއްލުމުގައި ހިންގަމުންދާ ދިއުމަކީ ހަމައެކަނި "މެނޭޖްމަންޓް ގޯސްވުމުގެ" މައްސަލައެއް ނޫނެވެ. މިއީ ސިޔާސީ، އިގުތިސާދީ، އަދި މުއައްސަސާތަކުގެ އޮނިގަނޑުގައި ހުރި ބޮޑެތި މައްސަލަތަކެއްގެ ނަތީޖާއެވެ. ކޮންމެ ސަރުކާރެއްގައި ވެސް ގިނަ ކުންފުނިތައް ބޭނުން ކުރަނީ އެ ސަރުކާރެއްގެ ވެރިންނާއި އޭރު ވެރިކަން ކުރާ ޕާޓީއެއްގެ މަޖިލިސް މެންބަރުން ވައްކަން ކުރުމަށާއި ނާޖާއިޒު ފައިދާ ނެގުމަށެވެ. އެމްޑީޕީއެއް, ޕީޕީއެމެއް, ޕީއެންސީއެއް ކިޔާނެ ކަމެއް ނެތެވެ. ހަމަ އެންމެން އެއްގޮތެވެ. ޖެހުނުތާކުން ކަނީއެވެ.
https://www.sun.mv/209573
ގައުމުގެ އިގުތިސާދީ މައިބަދަ ކަމުގައިވާ މި ކުންފުނިތައް ހިންގުމުގެ ނިޒާމު ފެއިލްވެ، ދައުލަތުގެ ބަޖެޓަށް އޮތް އެންމެ ބޮޑު ބުރައަށް މިވަނީ ވެފައެވެ. ފައިދާ ހޯދަން އުފައްދާފައިވާ ތަންތަނުން ފައިދާއެއް ނުލިބޭތާ އެތައް ބިލިއަނަކުން ގެއްލުން ވަނީއެވެ. މި ކުންފުނިތައް ހިންގުމުގެ ނިޒާމު ފެއިލްވެފައިވާއިރު، މީގެ ހައްލަކީ ކޮބައިތޯ ކުރެވޭ ބަހުސްގައި އެންމެ ގަދަޔަށް އިވެނީ ޕްރައިވެޓައިޒްކުރުމުގެ ވާހަކައެވެ.
މިސާލަކަށް ދިރާގަށް ބަލަމާތޯއެވެ. އެއީ ދިވެހި ސަރުކާރުގެ ހިއްސާ އޮތްނަމަ ވެސް މެޖޯރިޓީ ހިއްސާ ނެތް ކުންފުންޏެކެވެ. މާނައަކީ ދިވެހި ސަރުކާރުން ބޭނުންހާ ކަމެއް އެ ކުންފުނި ލައްވައި ކުރުމުގެ ބާރެއް ނެތެވެ. ނަތީޖާއަކީ އެ ކުންފުނި އެ ހިންގަނީ ދިވެހި މެނޭޖުމަންޓެއްގެ ހިންގުންތެރިކަމުގެ ދަށުން, ވަރަށް ބޮޑު ފައިދާއެއް ހޯދަމުން, ވަރަށް ބޮޑަށް ކުރިއަރުވަމުންނެވެ. ޒަމާނަށް އަންނަ ހުރިހާ ހެޔޮ ބަދަލުތަކެއް އެ ކުންފުންޏަށް އެބަ ގެނެއެވެ. ރައްޔިތުންގެ މުއާސަލާތީ މައުލޫމާތު ލީކް ވެގެން އުޅޭކަށް ނުޖެހެއެވެ. ހުރިހާ ކަމެއްހެން އެހާމެ ޕްރޮފެޝަނަލެވެ.
ނަމަވެސް އެފަދަ ކުންފުންޏެއްގެ ކޮންޓްރޯލް ދިވެހި ސަރުކާރުގެ އަތުގައި އޮތްނަމަ ވާނެ ގޮތް ވިސްނަވާށެވެ. ކުންފުނީގެ ވެރިންނަށް ތިބޭނީ އެކްޓްވިސްޓުންކަން ޔަގީނެވެ. ކޮންމެ އިންތިޚާބަކަށް ވަޒީފާތައް ބެހުމާއި ޑޭޓާ ޕެކޭޖު ހިލޭ ކުރުމާއި ވިޔަފާރިއަށް ގެއްލުންވާނެ އެތައް ކަމެއް ވޯޓުގެ ބޭނުމަށް ކުރާނެކަން ޔަގީނެވެ. ކޮންމެ ރަށެއްގައި އެންޓަނާ ޖަހަން ވެސް އުޅެދާނެއެވެ. ނަތީޖާއަކަށް ވާނީ މުއާސަލާތީ އެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލުމެވެ.
ދިރާގު އެހާ ރަނގަޅަށް ހިނގާއިރު މީގެ އަނެއް މިސާލަކަށް ބަލާލާނަމެވެ. އެހެން ސަރުކާރުތަކުގައި ނަމަ ފަނަކައެވެ. މި ސަރުކާރުގައި ނަމަ އެ ލިސްޓަށް މައި އެއާޕޯޓް ހިންގާ އެމްއޭސީއެލް އެބަލެވެއެވެ. އެއީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަވެސް މީގެ ކުރީ ސަރުކާރުތަކުން އެމްއޭސީއެލްއަށް ނުފޫޒުތަކެއް ނުފޯރުވައެވެ. ހިންގަމުން ގެންދިޔައީ ޕްރޮފެޝަނަލްކޮށެވެ. ނަމަވެސް މިއަދުގެ ހާލަތާއި ކުރެވޭ ތުހުމަތުތައް ތަފާތެވެ. ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުން އިންތިހާއަށް އިތުރުވެފައިވާ ކަމުގެ އެތައް ތުހުމަތެއް އެ ކުންފުންޏަށް އެބަކުރެވެއެވެ. ގާނޫނުން ލިބިދޭ ބާރުގެ ދަށުން އާރުޓީއައި ލައި އެ ކުންފުންޏަށް އަލަށް ނެގި މުވައްޒަފުންގެ އަދަދު ހޯދަން އެދުމުން އެ މައުލޫމާތު ވެސް ނުދިނެވެ. އޭގެ ފަހުން ލީކްވެގެން މިއުޅޭ ލިސްޓްތަކުން ފެންނަނީ, އެއީ ހަގީގަތެއްނަމަ ކަރުނަ އަޅަން ޖެހޭވަރުގެ ކަންކަމެވެ.
ހަމަ އެކަނި ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުމާއި ނާޖާއިޒު ކަންކަން ކުރާ ކަމުގެ ތުހުމަތު އެކަންޏެއް ނޫނެވެ. އެއާޕޯޓް ތަރައްގީކޮށް ހިންގަން އުފައްދާފައިވާ އެ ކުންފުނީގެ މެންޑޭޓުގައި ކުރިން ނެތް އެތައް ކަމެއް އެބަ ކުރެއެވެ. ރަށްރަށުގައި އައުޓްޑޯ ޖިމް އަޅަން ހަވާލު ވަނީއެވެ. އެވަރުން ނުނިމިގެން ބޮޑެތި ލޯނުތައް ނަގައިގެން ބިންހިއްކަން ފަށާފައި އެވަނީ އެއާޕޯޓް ހިންގަން ޖެހޭ އެ ކުންފުނިންނެވެ. މިހެން ގޮސް އެތައް ކަމެކެވެ.
އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދިނުން ދިފާއު ކުރާކަށް ނޫނެވެ. ނަމަވެސް ދިވެހީންގެ އަތުން އެވަރުގެ ދިވެހި ކުންފުންޏެއް ހަލާކު ކުރާނަމަ އެއީ އަދި މާ ގޯސް ގޮތެއް ނޫންހެއްޔެވެ؟
ފެނަކައާއި އެމްއޭސީއެލްއަށް އެކަނި ބެލި ނަމަވެސް ސިޔާސީންގެ އަތްދަށުން ކުންފުނިތައް ސަލާމަތް ކުރަން ޖެހޭކަން އެ އޮތީ ފެންނާށެވެ. އެކަން ވާނެ ރަނގަޅު މޮޑެލްއެއް އެބައޮތެވެ. އެއީ ސަރުކާރުން ގިނަ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމެވެ. ނުވަތަ ޕްރައިވެޓައިޒްކުރުމެވެ.
މި ހާލަތުން އަރައިގަތުމަށް ޕްރައިވެޓައިޒްކުރުމަކީ އޮތް މަގެއް ކަމަށް ގިނަ ބަޔަކު ވަކާލާތުކުރެއެވެ. މީގެ އެންމެ ބޮޑު ފައިދާއަކީ ހިންގުމުގެ ހަރުދަނާކަމެވެ. އަމިއްލަ މީހުންގެ ހިއްސާ ބޮޑަށް އޮންނަ ކުންފުނިތަކަކީ ފައިދާ ހޯދުމުގެ މަގުސަދުގައި ހިންގާ ތަންތަން ކަމަށްވުމުން، އިސްރާފު ކުޑަކޮށް، ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެއެވެ. ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު، ޕްރައިވެޓައިޒްކުރުމާއެކު ކުންފުނިތަކުގެ އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވެގެންދެއެވެ.
ދެވަނަ ފައިދާއަކީ ދައުލަތުގެ މާލީ ބުރަ ކުޑަވުމެވެ. ގެއްލުމުގައި ހިންގާ ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުން،ދައުލަތުގެ ބަޖެޓުން އެ ކުންފުންޏަށް މިހާރު ކުރަންޖެހޭ ޚަރަދު ހުއްޓި، ގައުމީ ދަރަންޏަށް އޮންނަ ޕްރެޝަރު ކުޑަވެގެންދާނެއެވެ. މީގެ ސަބަބުން، ތައުލީމާއި ޞިއްހަތު ފަދަ މުހިންމު ދާއިރާތަކަށް ދައުލަތުން ކުރާ ހޭދަ އިތުރުކުރުމުގެ ޖާގަ ލިބިގެންދެއެވެ. އަދި ވާދަވެރިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އައު ޓެކްނޮލޮޖީއާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމުގެ މަގު ފަހިވެގެންދާނެއެވެ. އަމިއްލަ ކުންފުނިތަކުން ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އިސްކަންދޭނެތީ، ޚިދުމަތުގެ ފެންވަރު މަތިވުމަކީ ޔަގީންކަމެކެވެ.
https://www.sun.mv/218635
އަނެއްކަމަކީ ކުންފުނީގެ ހިސާބުތައް ގަވާއިދުން އާއްމު ކުރަން މަޖުބޫރުވުމެވެ. ހަމައެއާއެކު ހިއްސާދާރުންނަށް ކުންފުނީގެ ވެރިން ޖަވާބުދާރީވާން ޖެހުމެވެ. މިހާރުހެން ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ރުއްސައިގެން އޭރަކަށް ނުތިބެވޭނެއެވެ. ނަތީޖާއަކަށް ވާނީ ކުންފުންޏަށް ގެއްލުންވާނެ ކަންކަން ކުރަން ފަސް ޖެހުމެވެ.
ރިޕޯޓަށް މައުލޫމާތު ދެއްވި ދިވެހި އިކޮނޮމިސްޓަކު ވިދާޅުވިގޮތުގައި އަމިއްލަ މީހުންގެ ހިއްސާ ކުންފުނީގައި އިތުރުވުމުގެ އެންމެ ބޮޑު ފައިދާއަކީ މާލީ ގެއްލުން ކުޑަކޮށް, ފައިދާ ނެރުމަށް އިސްކަން ދޭ މިންވަރު އިތުރުވުމެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމަށާއި ފައިދާ އިތުރު ކުރެވޭނެ ކަންކަން ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ނިންމުންތައް އަވަސްކޮށް ސިޔާސީ މަންފާއަށް ވުރެ ބާޒާރުގެ ޓްރެންޑަށް ބަލައިގެން ކަންކަން ނިންމާނެއެވެ.
"މި ބަދަލުގެ ސަބަބުން އާ ތަޖުރިބާތަކެއް ލިބި، މެނޭޖްމަންޓް ޕްރެކްޓިސްތައް ރަނގަޅުވާނެ. ސަރުކާރަށް ބަރޯސާވުން ކުޑަވާނެ. ދިރާގާއި ބީއެމްއެލް އަދި އެމްޑަބްލިއުއެސްސީ ފަދަ ސަރުކާރު ނޫން ބައެއް ހިއްސާ އޮންނަ އެސްއޯއީތައް އެވްރެޖްކޮށް މުޅިން ސަރުކާރު ހިއްސާވާ އެސްއޯއީތަކަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެމުންދާތީ އެއީ މިކަމުގެ ހެއްކެއް," ހުންނެވި މަގާމުގެ ގޮތުން ނަން ހާމަނުކުރަން އެދި އެ އިކޮނަމިސްޓް ވިދާޅުވިއެވެ.
ޕްރައިވެޓައިޒްކުރުމުގައި ފައިދާތަކެއް ހުރި ނަމަވެސް، މިއީ ނުރައްކާތަކެއް ވެސް އެކުލެވޭ ކަމެކެވެ. އެންމެ ބޮޑު ބިރަކީ އަސާސީ ޚިދުމަތްތަކުގެ އަގު އުފުލިގެން ދިއުމެވެ. އަމިއްލަ ކުންފުނިތަކުން އިސްކަންދޭނީ ފައިދާއަށް ކަމަށްވުމުން، ކަރަންޓާއި ފެނާއި ދަތުރުފަތުރުގެ އަގު ބޮޑުވުމަކީ ދިވެހި ރައްޔިތުންނަށް އުފުލަން ދަތިވާނެ ތަކުލީފެކެވެ. އެހެންކަމުން ސަރުކާރުން އެއްކޮށް ކޮންޓްރޯލް ދޫނުކޮށްލެވޭ ކުންފުނިތަކެއް ވެސް ހުންނާނެއެވެ. ނަމަވެސް ސަރުކާރުން އެ ކޮންޓްރޯލް ގެންގުޅެން ވާނީ ވިޔަފާރި އުސޫލުން ގެއްލުން ނުވާނެ ގޮތަށެވެ. ހުރިހާ ކަރަންޓް ބިލެއް 400 ރުފިޔާއަށް ހައްދަވަން ރައީސް ނިންމަވާ އުސޫލަކުން ނޫނެވެ.
މާލީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މުޅިން ޕްރައިވެޓައިޒްކުރުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެންމެ ރަނގަޅު ހައްލެއް ނޫނެވެ. މިއަށްވުރެ ބޮޑަށް ބޭނުންވަނީ "މިކްސްޑް" އުސޫލެކެވެ. އެންމެ ފުރަތަމަ ކަމަކަށް، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް ޕްރޮފެޝަނަލް ބޭފުޅުން އައްޔަންކޮށް، ސިޔާސީ ނުފޫޒުން އެތަންތަން ސަލާމަތްކުރަން ޖެހެއެވެ. ދައުލަތުގެ ކޮންޓްރޯލް އޮންނަ ގޮތަށް މައިނޯރިޓީ ހިއްސާ ވިއްކުމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ހިންގުމަކީވެސް ކުރެވިދާނެ ކަމެކެވެ.
މިކަމުގައި އެންމެ މުހިންމީ ވަރުގަދަ ރެގިއުލޭޓަރީ ނިޒާމެއް ގާއިމުކުރުމެވެ. ރައީސުންޖުމްހޫރިއްޔާ ހިތަށް އަރާވަޑައިގަންނަވާކަމެއް ކުރެއްވޭނެ އުސޫލު ބަދަލު ކުރުމެވެ. އަގުތަކާއި ޚިދުމަތުގެ ފެންވަރު ކޮންޓްރޯލްކުރެވޭނެ އުސޫލެއް އޮންނަން ޖެހެއެވެ. ވައްކަމާއި ގެއްލުންވާނެ ކަންކަން ކުރުން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހެއެވެ. މިހާރު ރާއްޖޭގައި މި އޮތްފަދަ އޭސީސީއެއް ނޫނެވެ.
ދައުލަތަށް އާމްދަނީ ހޯދަން އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ މިއަދު ދައުލަތަށް ބޮޑު ބުރައެކެވެ. އެތަންތަނުގެ ތެރޭގައި ފާޅުގައި ވައްކަމާއި ނާޖާއިޒު ފައިދާތައް ކޮންމެ ސަރުކާރެއްގައި ވެސް ހިންގަނީއެވެ. މިއީ ސިޔާސަތާއި ހިންގުމުގެ ނިޒާމުގެ މައްސަލައެކެވެ. މިކަމުގެ އެއް ހައްލަކީ ޕްރައިވެޓައިޒްކުރުމެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއަށް އަތްބާނާ ސިޔާސީ ނުފޫޒު މިއަދު ނުހުއްޓުވައިފިނަމަ، މާދަމާ މަޖުބޫރުވާނީ މުޅި އިގުތިސާދު ފުނޑުފުނޑުވެ، ދައުލަތުގެ މުދާތައް ހެޔޮއަގުގައި ނީލަންކިޔާށެވެ.
އެހެންކަމުން ރައީސް އެ ވިދާޅުވާ "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރަށް އިސްލާހީ ބަދަލުތަކެއް ގެންނަނަމަ ކުންފުނިތައް މި ހިންގާ އުސޫލަށް 180 ޑިގްރީގެ ބަދަލެއް ގެންނަން އެބަޖެހެއެވެ. ވައްކަމާއި ނާޖާއިޒު ފައިދާ ނަގާ މީހުން ވަކިކޮށް, އަދަބު ދޭން ޖެހެއެވެ. ކުންފުނިތަކަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެ ގޮތަށް ކުންފުނިތަކުގެ ކޮންޓްރޯލް ހިއްސާ ސަރުކާރުން ދޫކޮށްލަން ޖެހެއެވެ. ހަމައެހެންމެ ސިޔާސީ ވަފާތެރިންގެ ބަދަލުގައި ކުންފުނިތަކަށް ގާބިލް މީހުން ލާން ޖެހެއެވެ. މިފަދަ ބަދަލުތަކެއް އަވަހަށް ގެންނަން ޖެހެއެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގުމަށެވެ.