ސްރީލަންކާގެ ކުރީގެ ޕޮލިސް ޗީފް އަވަހާރަވެފައި އޮއްވައި ފެނިއްޖެ

ސްރީލަންކާގެ ފުލުހުންގެ އެންމެ އިސްވެރިޔާ ނުވަތަ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ)ގެ މަގާމު ކުރިން ފުރުއްވި ސީ.ޑީ ވިކްރަމަރަތުނަ---

ސްރީލަންކާގެ ފުލުހުންގެ އެންމެ އިސްވެރިޔާ ނުވަތަ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ)ގެ މަގާމު ކުރިން ފުރުއްވި ސީ.ޑީ ވިކްރަމަރަތުނަ އުމުރުން 63 އަހަރުގައި އަވަހާރަވެފައި އޮއްވައި ފެނިއްޖެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ އަވަހާރަވެފައި އޮއްވާ ފެނިފައިވަނީ ތަލަހޭނާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ.

މި ހާދިސާއަކީ އަމިއްލައަށް ފުރާނަ ދުއްވާލުމުގެ އަމަލެއް ކަމަށް ފުލުހުން ލަފާކުރާއިރު، މިއީ ސްރީލަންކާގެ ފުލުހުންގެ ތާރީޚުގައި ކުރީގެ އައިޖީޕީއަކު މިފަދަ ގޮތަކަށް އަވަހާރަވި ފުރަތަމަ ފަހަރު ކަމަށް އެ ގައުމުގެ މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އޭއެސްޕީ) އެފްޔޫ ވޫޓްލާ ވިދާޅުވި ގޮތުގައި، ކުރީގެ އައިޖީޕީގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ރަސްމީކޮށް ގެންގުޅުއްވި ފިސްތޯލައިން ބަޑިޖަހައި ލިބިފައިވާ ފުން ޒަޚަމްތަކަކާއެކުގައެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު މުލެރިޔާވާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު މަލަބޭ ޕޮލިސް ސްޓޭޝަނުން މިހާރު ފަށާފައިވާ ކަމަށާއި، މަރުގެ ސަބަބު ޔަގީންކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވިކްރަމަރަތުނައަކީ ސްރީލަންކާގެ ފުލުހުންގެ ތާރީޚުގައި 35 ވަނައަށް އައިޖީޕީގެ މަގާމު ފުރުއްވި ބޭފުޅާއެވެ. އޭނާ ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1986 ވަނަ އަހަރު ޕްރޮބޭޝަނަރީ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުންނެވެ. ކޮލަމްބޯ ޔުނިވާސިޓީ އަދި ޖެނެރަލް ސާ ޖޯން ކޮތަލާވަލާ ޑިފެންސް ޔުނިވާސިޓީން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ވިކްރަމަރަތުނަ ވަނީ ފުލުހުންގެ މުއައްސަސާގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އައިޖީޕީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ސަދަން ޕްރޮވިންސްގެ ސީނިއާ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައެވެ.

އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވަސްވަރަކީ 2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭގެ ބޮމުގެ ހަމަލާތަކަށްފަހު ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެވަޑައިގަތުމެވެ. ދުވިސައްތަ ފަންސާހަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާތަކާ ގުޅިގެން އޭރުގެ އައިޖީޕީ ޕުޖިތު ޖަޔަސުންދަރަ މަޖުބޫރުން ޗުއްޓީއަށް ފޮނުވާލުމުން، 28 އެޕްރީލް 2019 ގައި އެކްޓިން އައިޖީޕީގެ މަގާމާ ވިކްރަމަރަތުނަ ހަވާލުވެވަޑައިގަތެވެ. އެ ދުވަސްވަރު އޭނާ ވަނީ ހަމަލާތަކުގައި ބައިވެރިވި ފަރާތްތައް ހޯދައި ހައްޔަރުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެއަށްފަހު އެއް އަހަރަށްވުރެ ގިނަ ދުވަހު އެ މަގާމުގައި ހުންނެވުމަށްފަހު، 28 ނޮވެންބަރު 2020 ގައި ރަސްމީކޮށް އައިޖީޕީގެ މަގާމަށް އޭނާ އައްޔަންކުރެވުނެވެ. ވިކްރަމަރަތުނަ ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 27 ނޮވެންބަރު 2023 ގައެވެ.

މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ފުލުހުންގެ އިދާރާއިން ވަނީ ޚާއްސަ ތަހުގީގީ ދެ ޓީމެއް އެކުލަވާލާފައެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މަލަބޭ ޕޮލިސް ސްޓޭޝަނުގެ އިތުރުން ވެސްޓަން ޕްރޮވިންސް ސައުތު ޑިވިޝަން ކްރިމިނަލް ބްރާންޗުން ދަނީ މި މައްސަލަ ގުޅިގެން ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މެޖިސްޓްރޭޓް އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް