އޭރު އޭނާގެ އުމުރުން އެންމެ ތޭރަ ވަރަކަށް އަހަރެވެ. ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީޓީސީ)ގައި، ބޯޓު ބަނުމުގެ މަސައްކަތުގައި އުޅޭ އަހުމަދު އާދަމް ކައިރިއަށް އޭނާ ދިޔައެވެ. އެ ތަނުގައި އުޅެމުން އެ މަސައްކަތަށް އޭނާގެ ހިތް ދޫވެ، އަދި ވެސް އޭނާ ކުރަނީ އެ މަސައްކަތެވެ. އެކަމަކު، އޭރު ދަސްވި ހުނަރުތަކުގެ އިތުރަށް އަމިއްލަ ޚިޔާލު ވެސް ހިމަނައިގެންނެވެ.
މިއީ، މިހާރު އުމުރުން 60 އަހަރުގެ އަހުމަދު ނައީމްގެ ބޯޓު ބަނުމުގެ ހަޔާތުގެ އުސްއަލިތަކެވެ.
ގަދަކަމުން ކުރުވި މަސައްކަތްތަކުން ހިތް ދޫވީ، ބޯޓު ބަނުމަށް!
ތ. ވޭމަންޑޫ ފުނަމާގެ، ނައީމަކީ، އެންމެ ކުޑައިރުން ފެށިގެން ބޯޓު ފަހަރަށް ޝައުގު ހުންނަ މީހެކެވެ. އެ މަސައްކަތުގެ ތެރެއަށް އޭނާއަށް ބޮޑަށް ވަދެވުނީ، އަހުމަދު އާދަމުގެ ސަބަބުންނެވެ. އެއީ، އޭނާއަށް އެންމެ ގިނަ ފިލާވަޅުތައް ދަސްކޮށްދިން އެދުރޭ ވެސް ބުނެވިދާނެއެވެ. އެހެން ބުނެވުނީ، މި ރިޕޯޓަށް އިންޓަވިއު ކުރަމުން ދިޔައިރު، އެންމެ ގިނައިން ނައީމު ފާހަގަކުރި މީހަކީ އާދަމް ކަމަށްވާތީއެވެ.
މީގެ ސާޅީސް ހަތް އަހަރެއްހާ ދުވަސް ކުރިން، އަހުމަދު އާދަމް ކައިރީ މަސައްކަތުގައި އުޅުނުއިރު، ބޭނުން ނުވާ އެތައް ކަމެއް ދައްކައެވެ. ކުރަން ނޭނގޭ އެތައް މަސައްކަތެއް ވެސް އޭރު ނައީމަށް ކުރަން ޖެހެއެވެ.
"އެތާ ބޯޓު ބަންނަން އުޅުނުއިރު، އަޅުގަނޑާ ޖައްސާ މަސައްކަތް ކުރަން މަޖުބޫރު ކުރޭ. ނޭނގެޔޭ ބުންޏަސް [އަހުމަދު އާދަމް ބުނާނެ] އެނގޭނެޔޭ ކުރާށޭ. ދެން އެ ކަންތައްތައް އަޅުގަނޑު ކުރާތީވެ އެ ބޭފުޅާ ވަރަށް ސަމާލުކަން ދެއްވާނެ. އެހެން ކުރަމުން ގޮސް މަސައްކަތް ޝައުގުވެރިވީ" ބޯޓުގެ ބަނުމުގެ މަސައްކަތަށް ޝައުގުވެރިވި ގޮތް ނައީމް ކިޔައިދިނެވެ.

ނައީމު ބަންނަމުންދާ ކޮޅުވެއްޓި ---
ނުވާނެޔޭ ބުނި މީހުންނަށް ސާބިތުކޮށްދިނީ، އާ ކަންކަން ވާނެކަން!
އެހެން އުޅެނިކޮށް، ވީޓީސީގެ ތަމްރީނު ވެސް ނިމިއްޖެއެވެ. އެ ތަމްރީނު ނިންމައި، އުފަން ރަށަށް އައިސް އެހެނިހެން މަަސައްކަތްތައް ނައީމް ފެށިއެވެ. އާމްދަނީ ހޯދުމުގެ ބޭނުމުގައި، ލޮނު މަސް އެޅުމާއި މަސް ކެއްކުމާއި ވެލްޑިންގެ މަސައްކަތްތައް ވެސް ކުރިއެވެ. ދުވަސްކޮޅެއް ފަހުން ބޯޓު ފަހަރު ދުއްވަން ވެސް ފަށައިފިއެވެ.
އެ ކަންތައްތަކުގައި އުޅެމުން ބޯޓު ބަންނަން ފެށުމުގެ ޚިޔާލު ނައީމު ކުރަން ފެށިއެވެ. އެ ވިސްނުމުގައި ފުރަތަމަ ނައީމު ލަކުޑިން ބަނީ، މަސް ދޯންޏެކެވެ. އެއަށް ފަހު، 194 ފޫޓުގެ ފައިބަރު ދޯންޏަކާއި ތެޔޮ ބޯޓަކާއި 102 ފޫޓުގެ ބޮޑު ދޯންޏެކެވެ. އެ ދޯނިތައް ބަންތާ ދުވަސްކޮޅެއް ނުވެ، މަސްވެރިކަން ދަށްވާން ފެށިއެވެ. އެހެންވެ، އެހެން ކަމެއް ކުރުމުގެ ޚިޔާލު އޭނާ ގެންގުޅެން ފަށައިފިއެވެ.
އެ ޚިޔާލުގައި އެ ކަން ފެށުމަށް އޭނާ ރަށަށް ދަގަނޑުތަކެއް ގެނައެވެ. އެއީ، ކޮން ބޭނުމަކު ގެނައި އެއްޗެއްތޯ އޮޅުންފިލުމަށް ރަށުގެ ބައެއް މީހުން އޭނާއާ ސުވާލު ވެސް ކުރިއެވެ.

ނައީމު ބަދެފައިވާ ތެޔޮ ބޯޓެއް: މި ބޯޓުގައި 260،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ---
"ދެން އަހަރެން ބުނިން ބޯޓެއް ބަންނަން ވެގެނޭ. ބުނީމަ [އެ މީހުން ބުނި] ބޯޓެއް ވެސް ނޫނޭ ދަގަނޑުން ބަނދެވޭނީކީ. އެކަމަކު، އަޅުގަނޑު ބުނިން ހުންނާށޭ ބަލަން،" ނައީމް ކިޔައިދިނެވެ.
އޭނާއަށް ދަގަނޑުން ބޯޓެއް ނުބަދެވޭނެ ކަމަށް މީހުން އެ ބުނީ، އާންމުކޮށް އެ މަސައްކަތުގައި ބޭނުންކުރަނީ ލަކުޑިއާއި ފައިބަރު ކަމަށްވާތީއެވެ.
ނަމަވެސް، އެ މީހުންގެ ނުސީދާ މަލާމާތަކަށް ނައީމުގެ ފަރުވާލެއް ނެތެވެ. ކުރިއަށް ދިޔައީ އަޒުމާ ހިތްވަރާ އެކީގައެވެ. މި ކަމުގެ ޝައުގު އުފެދުނީއްސުރެ، ރަށަކަށް ޒިޔާރަތްކުރި ނަމަވެސް އޭނާއަށް އުޅެވެނީ، ބޯޓު ބަނުމާ ބެހޭ އިތުރު މައުލޫމާތެއް ހޯދުމުގައެވެ. އެ އުސޫލުން ބޯޓު ފަހަރު ބަނުމަށް މުޅި ރާއްޖެއަށް މަޝްހޫރު ރ. އަލިފުއްޓަށް ވެސް އޭނާ ދިޔައެވެ. މި މަސައްކަތް ކުރާ ގޮތް ދަސްކުރުމަށް ދޮޅު މަހެއްހާ ދުވަސް އެ ރަށުގައި އޭނާ ހޭދަކުރިއެވެ.
މި ހުރިހާ ކަމެއް އޭނާ ކުރަނީ، ކުރާ ހިތުން ކުރާ މަސައްކަތަކަށް ވީތީއެވެ. ބޭނުންހާ ގޮތަކަށް ހެދުމުގެ ބަދަލުގައި ނައީމު އިސްކަންދެނީ، އެ އުޅަނދެއް ވީ އެންމެ ރީތިކޮށް ބަނުމަށެވެ. އެގޮތުން މިހާރު އޭނާ ކުރަނީ ކޮޅުވެއްޓިއެއް ބަނުމުގެ މަސައްކަތެވެ.
ނައީމް ބުނީ، ކޮންމެ އުޅަނދެއް ވެސް ވީ އެންމެ ރީތިކޮށް ބައްޓަން ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އުޅަނދުގެ ކުރެހުން ވެސް އޭނާ މާ ބޮޑަކަށް ނުކުރަހައެވެ. މަތިން މަތިން ގަނޑެއްގައި ކުރާހަފައި އޮތަސް، ހިތުގައި އޮންނަނީ އަސްލު ކުރެހުން ފޮރުވިފައެވެ.

ނައީމު އޭނާ ބަންނަމުންދާ ކޮޅުވެއްޓި ކައިރީ ---
ކޮޅުވެއްޓި ބަނުމުގެ މަސައްކަތަށް ވެސް އެތައް ފައިސާއެއް އޭނާ އަތުން ޚަރަދުވެއްޖެއެވެ. ކިތަންމެ ގިނަ ރުފިޔާއެއް ޚަރަދުވި ނަމަވެސް، އޭނާ 'ފޫގަޅާލާފައި' ހުންނަނީ، ވީ އެންމެ ރީތިކޮށް އުޅަނދު ބަނުމަށެވެ.
އެކަމަކު، ނައީމު ދެރަވާ ކަމެއް އޮވެއެވެ. އެއީ، އޭނާއަށް ލިބިފައި ހުރި ހުނަރުތަކުން ބޮޑެތި އުޅަނދުތައް ބަންނައިރު، އެ ކަން ދަސްކުރަން ޒުވާނުން ނޫޅޭތީއެވެ.
"އަޅުގަނޑު އެންމެ ދެރަވަނީ މި ވަރުގެ ބޮޑެތި ކަންކަން ކުރާއިރު، ދަސްކުރަން އަންނާށޭ ބުނީމައި މި ރަށު ކުދިން ނާންނާތީ. އެ ކަހަލަ ވިސްނުމެއް ނުހުރޭ" ނައީމު ކިޔައިދިނެވެ.
ނައީމުގެ ޚާއްސަ އަނެއް ކަމަކީ، މިހާ ބުރަ މަސައްކަތެއް ކުރާއިރު، ދިމާވެދާނެ ކޮންމެ ހާލަތަކަށް އޭނާ ހުންނަނީ ތައްޔާރުވެގެންނެވެ. އެއީ، ދޯނި ބޭލުމުގައި ދިމާވާ ކަމެއް ވިޔަސް އަދި އެ ނޫން ކަމެއް ވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. އެ ކަންކަން ކުރާނެ ގޮތް އޭނާ އޮންނަނީ ޚިޔާލާއި ފިކުރުގައި ރާވައި، 'ފޮރުވާފައެވެ".

ބަޔަކު ގޮންޖެހި ނަމަވެސް، އޭނާ މި ސާބިތުކޮށްދެނީ އަޒުމާ އެކީ އާ ކަންކަން ވެސް ކުރެވޭނެ ކަމެވެ. ކެރިގެން މަސައްކަތް ކޮށްފިނަމަ، ކޮންމެ މީހަކަށް ވެސް ކާމިޔާބު ކަމެއް ކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
އެ އަޒުމުގައި ދުވަސްތައް ގުނަމުންދާއިރު، މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. މިހާރު 60 އަހަރުގެ ނައީމުގެ ވިސްނުން ހުރީ އަދިވެސް ބޯޓު ބަނުމުގެ ވިޔަފާރި ފުޅާކުރާށެވެ.
ނައީމު އެ ބުނާހެން، މީހާ މީހަކަށް ވާނީ، އަމިއްލައަށް ކުރި މަސައްކަތަކުންނެވެ. އަދި، އެ މީހަކު އަމިއްލައަށް ދަސްކުރި އެއްޗަކުންނެވެ. މިއީ، ނައީމު ކައިރިން އެހެން ދިވެހީން ވެސް ދަސްކުރަން ރަނގަޅު ހުނަރެކެވެ. އަދުގެ ޒުވާނުން މި ކަހަލަ ކަންކަމުގައި އުޅެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން މުހިންމެވެ.