ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްއެސްސީ) ގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުން ނޫން ކަމަށާއި، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޝާހު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު ޒިންމާއަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ގަނޑުކޮށް ގަނެ، އެ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭހުގެ ވިޔަފާރިއަކީ އާންމު ވިޔަފާރިތަކާ ހިލާފަށް ސީދާ ރައްޔިތުންގެ ފުރާނައާއި ސިއްހަތާ ގުޅިފައިވާ ކަމަކަށް ވުމުން، ކުންފުނީގެ އޮޕަރޭޝަންތައް ބައްޓަންކޮށްފައިވަނީ ހިދުމަތް ދިނުމުގެ މައްޗަށެވެ.
ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަމަކީ ޒަމާނުއްސުރެ ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ޝާހު ވިދާޅުވީ ވަށައިޖެހޭ ދާއިމީ ހައްލެއް ގެނައުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، ސްޓޮކް މެނޭޖްމަންޓާއި ސަޕްލައި ޗެއިން މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުންފުނިން މިހާރު އަންނަނީ މުޅި ރާއްޖޭގެ ބޭސް ސްޓޮކް ވަގުތުން ވަގުތަށް ބަލައިލެވޭނެ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރްޕީ) ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ދެނެގަނެވި، ބޭސް ހުސްވުމުގެ ކުރިން އޯޑަރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ބާކޯޑް ޓެކްނޮލޮޖީއާއި ކޯލްޑް ޗެއިން މޮނިޓަރިން ފަދަ ވަސީލަތްތައް މެދުވެރިކޮށް ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ވަނީ ރާވާފައެވެ.
މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖެއިން އާންމުކޮށް ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކޮށްގެން ގެނެސްދެމުން އައި ނަމަވެސް، ކުންފުނީގެ ދުރު ރާސްތާގެ އަމާޒު ހުރީ އެހެން ދިމާއަކަށެވެ.
ޝާހު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ދުރާލައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށާނެއެވެ. ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޮޑެތި ކުންފުނިތަކުން ގަނޑުކޮށް ބޭސް ގަތުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރަނގަޅު ޕްލޭނަކާއެކު އެކަން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ކުންފުނީގެ ފައިދާ ބޮޑުކުރުމުގެ ބަދަލުގައި، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ބޭހާއި އާލާތްތައް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފައްދަވާފައިވާ ކުންފުންޏެކެވެ. މީގެ ކުރިން މި ޒިންމާތައް އަދާކުރަމުން އައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. އެސްޕީއެމްއެސްސީ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބޭސް އެތެރެކުރުމާއި ގުދަންކުރުން އަދި ފޯރުކޮށްދިނުމުގެ މަރުހަލާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި އެ ކުންފުނިން ވަނީ 24 ގަޑިއިރު ހިދުމަތްދޭ ހާއްސަ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ.
މި ބަދަލާއެކު، އެސްޓީއޯގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި 193 ފާމަސީއާއި އެ ތަންތަނުގެ މުވައްޒަފުން، މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް އެސްޕީއެމްއެސްސީގެ ދަށަށް ބަދަލުކޮށް، އޮޕަރޭޝަންތައް ފަށައިފައެވެ.