ލައިގެން ހުރި ހަރުވާޅުގެ ޖީބު ތެރެއިން މަސްތުވާތަކެތި ފެނުމުން އުމުރުން 46 އަހަރުގެ އަންހެނަކު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ނޫވިލާ، އުމުރުން 46 އަހަރުގެ ޝަޒިއްޔާ އިބްރާހީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރި ކުރާކަމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ.
އެގޮތުން ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުން ގޮސް، އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވާ ބަލާފާސްކޮށްފައިވާ ކަމަށާއި، އެ ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ލައިގެންހުރި ހަރުވާޅުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފެނުނު ޓިޝޫކޮޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އަދި އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ، މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އޭއެމްޕީއާއި އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރެވޭ ކަމަށާއި އެކަމަށް ފަރުވާ ބޭނުންވާކަން އޭނާ ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ވަކިން ޚާއްސަކޮށް ކުދިކުދި ރަބަރު ޕެކެޓުތަކަށް އަޅައިގެން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ވިއްކައި އެ ތަކެތިން ވިޔަފާރި ކުރާ މައްސަލަ މިހާރު ވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.
މި މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންނާއި ކުޑަކުދީންނެވެ.