އާޖެންޓީނާ މޮޅުވި މެޗުގެ ރެފްރީންގެ ނިންމުންތަކާ ދެކޮޅަށް މިސްރުން ތެދުވެއްޖެ

ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާއާއި ދެކޮޅަށް މޮސްރު ކުޅުނު މެޗުގެ ތެރެއިން... ފޮޓޯ/ އީއެސްޕީއެން

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އަތުން ބަލިވި މެޗުގައި ރެފްރީން ނިންމި ނިންމުންތަކާ މެދު ހިމޭނުން ނުތިބޭނެ ކަމަށް ބުނެ މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

މިސްރުން ބުނާގޮތުގައި އެ މެޗުގެ ނަތީޖާ ބަދަލުވުމުގައި ރެފްރީންގެ ނިންމުންތަކުގެ ނުފޫޒު ވަރަށް ބޮޑަށް އޮތެވެ.

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މި މެޗުގައި މިސްރުން ފުރަތަމަ ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ ފަހުކޮޅު އާޖެންޓީނާއިން ތިން ލަނޑު ޖަހައި 3-2 އިން މެޗު ކާމިޔާބުކުރި އެވެ.

ނަމަވެސް މި ނަތީޖާއާއެކު ރެފްރީއާއި ވީއޭއާރްގެ ބައެއް ނިންމުންތަކާ މެދު ސަޕޯޓަރުންނާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ މެދުގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ.

އީއެފްއޭގެ ރަސްމީ ބަޔާނުގައި ބުނެފައިވަނީ ގައުމީ ޓީމުގެ ހައްގުތައް ދިފާއުކުރުމަކީ އެ ފެޑެރޭޝަނުގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން މެޗުގެ ރެފްރީންގެ ކަންތައްތައް މުރާޖައާކޮށްދިނުމަށް އެދި ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

ޚާއްސަކޮށް ފުރަތަމަ ހާފުގައި މިސްރުން ޖެހި ލަނޑެއް ވީއޭއާރް އިން ބަލައިނުގަތުމަށް ނިންމި ނިންމުމާ މެދު އެ ފެޑެރޭޝަނުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މިސްރުގެ މުހައްމަދު ސަލާހަށް އާޖެންޓީނާގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ޕެނަލްޓީއެއް ނުދިނުމުން ވެސް މިސްރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މެޗުގެ ރެފްރީކަންކުރި ފްރާންސުއާ ލެޓެކްސިއޭ އެއީ ފައުލެއް ނޫންކަމަށް ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާޖެންޓީނާއިން ވަނީ ކައުންޓާ އެޓޭކެއްގައި މެޗުން މޮޅުވި ލަނޑު ޖަހާފައެވެ.

މިސްރުގެ ކޯޗު ހުސާމް ހަސަން ވެސް ވަނީ މެޗަށްފަހު ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި މެޗުގެ ބޮޑު ބައެއްގައި ރަނގަޅަށް ކުޅުނީ މިސްރުން ކަމަށާއި ނަތީޖާ ބަދަލުވުމުގައި ރެފްރީގެ ނިންމުންތައް ބޮޑު ދައުރެއް އަދާކުރި ކަމަށެވެ.

މިސްރުން ވަނީ މި މައްސަލަ ބަލައި ނިމެންދެން ރެފްރީ ލެޓެކްސިއޭ އާއި ވީއޭއާރު އޮފިޝަލުންނަށް މުބާރާތުގެ އިތުރު މެޗުތައް ނުދިނުމަށްވެސް ފީފާގައި އެދިފައެވެ.

މި މެޗުން ބަލިވުމާއެކު މިސްރު މުބާރާތުން ކެޓި ނަމަވެސް، މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އާޖެންޓީނާ ދެން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސުވިޒަލެންޑާއެވެ.

comment ކޮމެންޓް