ނިމުނު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އާޖެންޓީނާ އަތުން މިޞްރު ބަލިވި މެޗުގެ ރެފްރީއަށް ފާޑުކިޔުމާ ގުޅިގެން، އެ ގައުމުގެ ހެޑް ކޯޗު ޙުސާމް ޙަސަނާއި ފޯވާޑް މުޞްތޮފާ ޒީކޯއަށް ފީފާއިން ސަސްޕެންޝަނެއް ދީފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި މި ނިންމުމުގެ ދަށުން، ޙުސާމް ޙަސަން ތިން މެޗަށް އަދި ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ވަނީ ހޯމަ ދުވަހު ހާމަކޮށްފައެވެ.
މީގެ އިތުރުން، ޙުސާމް ޙަސަންގެ އެއްމާބަނޑު ކޮއްކޮ އަދި ގައުމީ ޓީމުގެ މެނޭޖަރު އިބްރާހީމް ޙަސަން ވެސް ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފައެވެ.
އީއެފްއޭ އިން ބުނީ މި ނިންމުން ނިންމި ސަބަބުތަކުގެ ތަފްޞީލު ހޯދުމަށް ފީފާގައި އެދިފައިވާ ކަމަށާއި، މި އަދަބުގެ ގާނޫނީ ކަންކަން ބެލުމަށްފަހު އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ސަސްޕެންޝަނުގެ ސަބަބުން، އަންނަ ނޮވެމްބަރު މަހު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މަލާވީއާ ދެކޮޅަށް މިޞްރު ކުޅޭ މެޗުތަކާއި، އަންނަ އަހަރުގެ މާރިޗު މަހުގެ ބައިނަލްއަގްވާމީ މެޗުގައި ޙުސާމް އަދި އިބްރާހީމް ޙަސަންއަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ފޯވާޑް ޒީކޯއަށް އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ޓީމަށް ނުކުޅެވޭނެއެވެ.
އެމެރިކާގެ އެޓްލާންޓާގައި ޖުލައި 6 ވަނަ ދުވަހު ކުޅުނު ވޯލްޑް ކަޕް މުބާރާތުގެ ގަދަ 16 ގެ މެޗުގައި، މިޞްރުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި އާޖެންޓީނާއިން ވަނީ މޮޅުވެފައެވެ.
މި މެޗުގައި ނިންމި ބައެއް ނިންމުންތަކާ މެދު މިޞްރުގެ ޓީމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މީގެ ތެރޭގައި ޒީކޯ ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތުމާއި، މެޗުގެ ފަހުކޮޅު 2-2 އިން އެއްވަރުވެފައި ވަނިކޮށް ޕެނަލްޓީއެއް ނުދިން މައްސަލަ ހިމެނެއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޙުސާމް ޙަސަން ބުނެފައިވަނީ އޭނާގެ ޓީމަށް ބޭއިންސާފުވެފައިވާ ކަމަށާއި، މެޗުގައި އިޙްތިރާމާއި އިންސާފުވެރި ކުޅުމެއް ފެނިފައިނުވާ ކަމަށެވެ.
ނަމަވެސް ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ ރެފްރީގެ ނިންމުންތައް ދިފާޢުކުރައްވައި، މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނާއި އެމީހުންގެ ޢާއިލާތަކަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފައެވެ.