ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ހުޅުމާލެއިން ފެނިއްޖެ

ފުލުހަކު މަގުމަތީގައި: --- ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް މިއަދު ހުޅުމާލެއިން ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނި ގޮތުގައި، 32 އަހަރުގެ އެ ޒުވާނާ ހުޅުމާލެއިން ފެނިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

އާދަމް އިކްރާމް ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ މުއައްސަސާއިން މިހާރު ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

މާލެއިން އާދަމް އިކްރާމް ގެއްލިގެން ހޯދަން ފެށީ، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން ބުދަ ދުވަހުގެ ރޭ އާއިލާގެ ފަރާތުން އެކަން ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ނުފެނުމުން، އިއްޔެ ވަނީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

comment ކޮމެންޓް