އީ ސިމްއަށް ނަންބަރު ބަދަލުކޮށްގެން ހިންގާ ސްކޭމްތައް އިތުރުވަނީ؛ ސަމާލުވާން ފުލުހުން އެދެފި

އޯޓީޕީ މެދުވެރިކޮށް ހިންގާ ސްކޭމްތައް ވަނީ އިތުރުވެފައި---

އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ނަންބަރު ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދިއުމާގުޅިގެން ޚާއްސަ ސަމާލުކަމެއް ދިނުމަށް، ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮޅުވާލައިގެން ކުރާ ފޯނު ކޯލުތަކާއި އެސްއެމްއެސް މެދުވެރިކޮށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދަން މަސައްކަތްކުރާ މިންވަރު އިތުރުވެފައިވާކަމަށް ފުލުހުން ނެރެފައިވާ އިލްތިމާސެއްގައި ބުނެފައިވެއެވެ.

މީގެ ތެރެއިންވެސް މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅާ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެމީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ކޯލުގެ ތެރެއިން، ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވާ ކުރަން ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ، ފުލުހުން ވަނީ މިކަންކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެެއް ކަމަށް، ފުލުހުންގެ އިލްތިމާސްގައި ބުނެގައިވެއެވެ. އެއާއެކު، ކުށްކުރާ ފަރާތްތަކުން އަތުލައިގަންނަ އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ބޭނުންކޮށްގެން ކުރަމުންދާ ކަންކަމުގެ ތަފްސީލު، ފުލުހުން ހިއްސާކޮށްފައިވެއެވެ.

https://sun.mv/230351

  1. ހުއްދަނެތި އީ-ސިމް (eSIM) ރަޖިސްޓްރީކުރުން: ސްކޭމަރުންގެ ފޯނަށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކުރުން އެމީހާގެ ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިން އެސްއެމްއެސް އެލާޓްތައް ސްކޭމަރުންނަށް ލިބޭ.
  2. ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު މެދުވެރިކޮށް، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓުތައް ހަދައި، ހުއްދަނެތި މުއާމަލާތްތައް ހިންގާ.
  3. ހުއްދަނެތި، ފައިސާގެ މުއާމަލާތްތައް ހިންގުން: ވަގަށްނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފާކޮށް ބޮޑެތި މާލީ ގެއްލުންތައް ކުރިމަތިކުރަމުން ގެންދޭ،

ފުލުހުންގެ އިލްތިމާސްގައި ވަނީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ހިއްސާކޮށްފައެވެ.

  1. އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރުން: އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)، ޕިން (PIN)، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރުމުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ގުޅި ފަރާތަކީ ނަންބަރު ކުރިން ބޭނުންކުރި މީހާކަމަށް ބުނި ކަމުގައި ވިޔަސް، ރައްޓެއްސެއްކަމަށް ބުނި ކަމުގައިވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ފަރާތެއްކަމަށް ބުނި ކަމުގައި ވިޔަސްމެއެވެ.
  2. ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުން: އެކައުންޓް ރިކަވާކުރުމަށް ކޯޑެއް ބޭނުންވާ ކަމަށް ބުނެ، ނޭނގޭ ނަންބަރުތަކުން ގުޅައި ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަންނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ފޯނު ނަންބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ.
  3. މޮބައިލް ކަނެކްޓިވިޓީއަށް ސަމާލުވުން: އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ހުއްދައަކާ ނުލައި އީ-ސިމް (eSIM) ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީ ލަސްނުކުރައްވާ ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
  4. ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުން: ޝައްކުކުރެވޭފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން، އެކައުންޓުތައް ފްރީޒްކުރުމަށްޓަކައި ބޭންކަށް ގުޅުމަށާއި ސޯޝަލް މީޑިއާ އެކައުންޓުތައް ރިކަވާކުރުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބާ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

https://sun.mv/230393
މިފަހަކަށް އައިސް ރާއްޖޭގައި އެކި ބާވަތްތަކުގެ ސްކޭމްތައް ހިންގުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން، މި މަހުގެ ފުރަތަމަ ހަފުތާގައި 38 ސްކޭމަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. މީގެ އިތުރުން މިދިޔަ އަންގާރަދުވަހު ވަނީ ސްކޭމްގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް