ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި، ދަ ޑިމޮކްރެޓްސްއާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފިއެވެ.
އެ ކޮމިޝަނުން ބުނީ، އެ ޕާޓީތައް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނިންމީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީއެއް ދެމިއޮތުމަށް ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ ކަން ވެފައިވާ ނުވާތީ ކަމަށެވެ.
އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީއެކެވެ. ނަމަވެސް މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިކަން 2023ގައި އެ ކޮމިޝަނުން އިއުލާންކުރިއެވެ.
އެހެންނަމަވެސް، ޕާޓީ އުވާލީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ ކަމަށް ބުނެ އެމްއެލްއެސްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ނިންމީ ޕާޓީގެ ކޮޅަށް ކަމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަލުން ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފައެވެ.
ޑިމޮކްރެޓްސް އުވާލިއިރު، އެ ޕާޓީއަކީ މިދިޔަ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ބައިބައިވެގެން ރައީސް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ.
ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުން: އެ ޕާޓީ މިހާރު ވަނީ އުވާލަން ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.
އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ.
އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށްފައެވެ. އެކަމަކު، އެ ޕާޓީއަށް ލިބުނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.

ދަ ޑިމޮކްރެޓްސްގެ އުޅުއްވި ބޭފުޅުން -- ފޮޓޯ/ ޑިމޮކްރެޓްސް
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.
އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި އެ ދުވަހު އެ މަނިކުފާނު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
އޭގެފަހުން، މިދިޔަ އަހަރުގެ ޖޫން 18ގައި، އެ މަނިކުފާނާއި އަރިސް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.