ގްލޮކޯމާ: ލޮލަށް ފާހަގަނުވެ ގެއްލުންދޭ ބައްޔެއް

ގްލޮކޯމާ އަކީ ލޮލުން ފެންނަ މަންޒަރުތައް ސިކުނޑިއަށް ފޯރުކޮށްދޭ މައި ނާރަށް ގެއްލުންލިބޭ ބައްޔެއް--ފޮޓޯ/އީއެމްސީ

ލޮލުގެ ފެނުމަށް މައްސަލައެއް ދިމާވާނީ ލޯ ރަތްވުމުން ނުވަތަ ލޮލުގައި ރިއްސައި ފުސްވުމުން ކަމަށް ގިނަ ބަޔަކަށް ހީކުރެވިފައި އޮވެއެވެ.

ނަމަވެސް، ގްލޮކޯމާ ނުވަތަ ލޮލަށް ފެންބޭރުވުން ފަދަ ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނިވެސް ކުރިމަތިވެދާނެ ކަމެކެވެ. މި ބަލި ތަހައްމަލުކުރާ ގިނަ މީހުންނަށް މިކަން ފާހަގަވަނީ، ފެންނަ ދާއިރާ (ވިޝުއަލް ފީލްޑް) ހަނިވެ، ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއަރަން ފެށުމުން ކަމަށް އީއެމްސީ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު، ޑރ. މެލީސާ ޔުލީޓާ ވިދާޅުވެފައިވެއެވެ.

ގްލޮކޯމާގެ ސަބަބުން ލޮލުގެ ނާރަށް ލިބޭ ގެއްލުމަކީ ދާއިމީ ގެއްލުމަކަށް ވާތީ، މި ބަލި ކުރިއާލާ ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.

ގްލޮކޯމާ އަކީ ލޮލުން ފެންނަ މަންޒަރުތައް ސިކުނޑިއަށް ފޯރުކޮށްދޭ މައި ނާރު (އޮޕްޓިކް ނާވް)އަށް ގެއްލުންލިބޭ ބައްޔެކެވެ. އާންމުގޮތެއްގައި މި ގެއްލުން ލިބެނީ ލޮލުގެ ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ.

ނަމަވެސް، ލޮލުގެ ޕްރެޝަރު އާދައިގެ މިންވަރެއްގައި ހުންނަ މީހުންނަށް ވެސް މި ބަލި ޖެހިދާނެއެވެ. އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، ނާރަށް ލިބޭ ގެއްލުން އިތުރުވެ، ފެނުން އެއްކޮށް ގެއްލި ލޯ އަނދިރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. މެލީސާ ވިދާޅުވެއެވެ.

ގްލޮކޯމާ އަކީ އެއްވެސް އިންޒާރަކާ ނުލައި މަޑުމަޑުން ފެނުން ނެތިކޮށްލާ ބައްޔަކަށް ވާތީ، މިއީ "ސައިލެންޓް ތީފް އޮފް ސައިޓް"ގެ ގޮތުގައި ގިނަ ސިއްހީ މާހިރުން ސިފަކުރައްވާ--ފޮޓޯ/އީއެމްސީ

މި ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނެއެވެ. ސީދާ ކުރިމަތިން ފެންނަ މަންޒަރުތައް ސާފުކޮށް ފެންނާތީ، ލޮލުގެ ނާރަށް ގެއްލުންވަމުންދާކަން ގިނަ މީހުންނަށް ނޭނގެއެވެ. ބަލީގެ އަސަރު އެންމެ ފުރަތަމަ ކުރަން ފަށަނީ އަރިމަތިން ފެންނަ މަންޒަރުތަކަށެވެ.

ދުވަސްވާވަރަކަށް ފެންނަ ދާއިރާ ހަނިވަމުން ގޮސް، ހޮޅިއެއްގެ ތެރެއިން ބަލާ ފަދަ ގޮތަކަށް (ޓަނަލް ވިޝަން) ފެނުން ބަދަލުވެއެވެ. މި ބައްޔަކީ އެއްވެސް އިންޒާރަކާ ނުލައި މަޑުމަޑުން ފެނުން ނެތިކޮށްލާ ބައްޔަކަށް ވާތީ، މިއީ "ހިމޭން ފޭރުމެއް" ނުވަތަ "ސައިލެންޓް ތީފް އޮފް ސައިޓް"ގެ ގޮތުގައި ސިފަކުރެވެއެވެ.

ގްލޮކޯމާގެ ނުރައްކާ ބޮޑު މީހުންގެތެރޭ، އުމުރުން 40 އަހަރުން މަތީގެ މީހުން، ގްލޮކޯމާ ތަހައްމަލުކުރަމުންދާ އާއިލާއަކަށް ނިސްބަތްވާ މީހުން، ލޮލުގެ ޕްރެޝަރު މަތިވާ މީހުން، ހަކުރު ބަލި ނުވަތަ އެނޫންވެސް ބައެއް ދާއިމީ ބަލިތައް ހުންނަ މީހުން އަދި ގިނަ ދުވަހަށް "ކޯޓިކޯސްޓެރޮއިޑް" ބޭސް ބޭނުންކުރާ މީހުން ހިމެނެއެވެ.

މިފަދަ ކަމެއް ހުރިނަމަވެސް ބަލި ކުރިއާލާ ދެނެގަތުމަށްޓަކައި ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ބަލީގެ ކުރީކޮޅުގައި އަލާމާތްތައް ނުފެންނާތީ، ގްލޮކޯމާ ދެނެގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ގަވާއިދުން ލޯ ޓެސްޓު ކުރުމެވެ. ބަލި އަވަހަށް ދެނެގަނެވުނު ވަރަކަށް، ފެނުން ސަލާމަތްކުރުމަށާއި ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް ފަސޭހަވާނެއެވެ.

comment ކޮމެންޓް