"އިސްކަންދަރު ވޯކާސް ޔޫނިއަން"ގެ ނަމުގައި އުފެއްދި ޔޫނިއަން "އިސްކަންދަރު ސްކޫލް"އާ ފުށުނާރާ ކަމަށާއި، ޔޫނިއަންތައް އުފައްދާއިރު އެ ތަނަކަށް ނިސްބަތްވާ ނަމެއް ހިމެނުމަކީ ބޭރު ގައުމުތަކުގައިވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށް، ޔޫނިއަންތަކުގެ ހައްގުގައި މަސައްކަތްކުރާ, މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ)އިން އިއްޔެ ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރުގެ ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ، އިސްކަންދަރު ސްކޫލުގެ މުދައްރިސުން "އިސްކަންދަރު ވޯކާސް ޔޫނިއަން"ގެ ނަމުގައި އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އެންގެވީ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް ވިދާޅުވެފައެވެ.
ޝަފީޢުގެ ޖަވާބު ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ޓްރޭޑް ޔޫނިއަނުން ބުނީ، ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވައިދު މިނިސްޓްރީން މާނަކޮށް އަމަލުކޮށްފައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ މަގުސަދު ހާސިލުނުވާނެ، އަދި މަސައްކަތްތެރިންނަށް އިންތިޒާމުވެވޭނެ ހައްގު ހަނިވާނެ ފަދަ ގޮތަކަށް ކަމަށެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށައިފައިވަނީ މަސައްކަތްތެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިމާޔަތްކޮށް ޔޫނިއަންތައް އުފެއްދުމުގެ ފުރުސަތު ފަހިކުރުމަށް ކަމަށް ފާހަގަކޮށް، އެމްޓީޔޫސީގެ ބަޔާނުގައިވަނީ، ޔޫނިއަންތަކަށް ނަން ދިނުމާ ބެހޭ މާއްދާގެ ބޭނުމަކީ ޔޫނިއަންތަކަށް ނަން ދޭއިރު އަރާ އޮޅުންތައް ފިލުވުން ކަމަށެވެ.
"'އިސްކަންދަރު ވޯކާސް ޔޫނިއަން'، 'އިސްކަންދަރު ސްކޫލް'އާ ސާފުކޮށް ވަކިކުރެވޭ، 'ވޯކާސް ޔޫނިއަން' އޮތުމުން، އެ ޔޫނިއަނަކީ މަސައްކަތްތެރިން ތަމްސީލުކުރާ މިނިވަން ޔޫނިއަނެއް ކަމާއި އެއީ ތައުލީމީ މުއައްސަސާނޫންކަން ސާފުވޭ،" އެ ބަޔާނުގައިވެއެވެ.
އެކިއެކި ޔޫނިއަންތައް އޮންނަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަން އެމްޓީޔޫސީން ފާހަގަކުރެއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޔޫނިއަންތަކުގެ ނަންތަކުގެ ގޮތުގައި އެ ޔޫނިއަންތައް ނިސްބަތްވާ ތަންތަނުގެ ނަންތައް ހިމެނުމަކީ އާންމު، އަދި ބަލައިގެންފައިވާ ކަމެއް، މި ގޮތަށް އަމަލުކުރުމުގެ ސަބަބުން މަސައްކަތްތެރިންނާއި އާންމުންނަށް، ޔޫނިއަންތައް ތަމްސީލުކުރަނީ ކޮން ބައެއްކަން ސާފުވާނެ،" އެމްޓީޔޫސީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ޔޫނިއަންގެ ނަމުގެ ބައިގައި އެ ތަނަކަށް ނިސްބަތްވާ ނަމެއް ހިމެނުމަށް ހުރަސް އެޅުމަކީ ޓްރޭޑް ޔޫނިއަންތައް އުފެއްދުމުގެ މަގުސަދާ ފުށޫއަރާނެ ކަމެއް ކަމަށެވެ.
މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް "އިސްކަންދަރު ވޯކާސް ޔޫނިއަން"ގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އެންގެވި އެންގެވުމާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޓީޔޫސީން ބުނީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، ޔޫނިއަންތައް އެއްވެސް ހުރަހެއްނެތި ހިންގޭނެކަން ކަށަވަރުކޮށްދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
ވުމާއެކު، އިސްކަންދަރު ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުންނަށްވެސް ޔޫނިއަންތައް އުފައްދައި ހިންގުމުގެ ހައްގު އެބައޮތް ކަމަށް، އެމްޓީޔޫސީން ބުންޏެވެ.
"އެހެންކަމުން، އިސްކަންދަރު ވޯކާސް ޔޫނިއަން އުފެއްދުމަށް ހުރި ހުރިހާ ހުރަސްތައް ނައްތައިލައި، މިނިވަންކަމާއެކީ އެ ޔޫނިއަނަށް މަސައްކަތްކުރެވޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" އެމްޓީޔޫސީގެ ބަޔާނުގައިވެއެވެ.
އިއްޔެ ދެއްވި ޖަވާބުގައި ޝަފީޢު ވިދާޅުވީ، ސްކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ޔޫނިއަންތައް އުފެއްދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެ ރަޖިސްޓްރީކުރެވިފައި އޮތީ އެންމެ ރަނގަޅު ގޮތަކަށް ކަމަށް އަޅުގަނޑުމެން ނުދެކެން، އެ މައްސަލަ މިހާރު އަޅުގަނޑުމެން ވާނީ ޔޫނިއަންގެ ރަޖިސްޓްރާއަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން، ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވައިފައިވާ އިރުޝާދާ އެއްގޮތަށް،" ޝަފީޢު ވިދާޅުވިއެވެ.
ސްކޫލުތަކުގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ.