އީސީއަށް އައްޔަނުކުރަން އުޅޭތީ ޝަކީލް، ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވައިފި

އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ޝަކީލް: އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވާފައި --- ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ސެނެޓަރު އަދި އީސީގެ ކުރީގެ މެންބަރު މުޙައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދިނުމާއެކު، އޭނާ މިހާރު ހުންނެވި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން، ޝަކީލް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވިއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ޝަކީލަކީ ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އެ ޕާޓީގެ ސެނެޓް މެންބަރެކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ޝަކީލާ އިންޓަވިއުކޮށްފައެވެ.

https://sun.mv/223761

އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ޝަކީލް ކުރިން އިސްތިއުފާދެއްވި ސަބަބާ ގުޅޭ ގޮތުން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ސުވާލުކުރެއްވުމުން ޝަކީލް ވިދާޅުވީ، އޭނާ އިސްތިއުފާދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނިކޮށް ކޮމިޝަންގެ ތެރެއިން އިވިވަޑައިގެންނެވި ހިތްހަމަނުޖެހޭ، އަދި މިނިވަންކަމާއެކީ މަސައްކަތްކުރަން ދަތިވާނެ ފަދަ ބައެއް އަޑުތަކުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން، އެފަދަ މާހައުލެއްގައި، އޭނާއަށް މަތިކޮށްފައިވާ ޒިންމާތައް މިނިވަންކަމާއެކީ އަދާކުރެވޭނެ ކަމަށް އޭނާގެ ޟަމީރު ގަބޫލުނުކުރާތީ އިސްތިއުފާދެއްވީ ކަމަށް، ޝަކީލް ވިދާޅުވިއެވެ.

ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުޙައްމަދު ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފަންސާސް އެއް މެންބަރުންގެ ވޯޓާއެކު މިއަދު ވަނީ ރުހުންދީފައެވެ. މިކަމާ ގުޅިގެން އޭނާ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުންނާއި ބޯޑު މެންބަރުކަމުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މި އިސްތިއުފާ ގަބޫލުކޮށް، އޭނާ އެ މަގާމުން ވަކިކޮށްފައެވެ. މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ޝަކީލް، އޭރު އެ މަގާމުން އިސްތިއުފާދެއްވީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅޭފަދަ ކަންތައްތަކެއް މެދުވެރިވުމުންކަމަށް ވަނީ ވިދާޅުވެފައެވެ. އޭނާއަކީ ވެރިކަންކުރާ ޕާޓީގެ ސެނެޓަރުކަމާއި، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

  • އިލެކްޝަންސް ކޮމިޝަނަށް މުޙައްމަދު ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފައި.
  • މަޖިލީހުގެ ރުހުން ލިބުމާއެކު އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިއުފާދެއްވާފައި.
  • ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ޝަކީލްގެ އިސްތިއުފާ ގަބޫލުކޮށް މަގާމުން ވަކިކޮށްފައި.
  • މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވި ޝަކީލް އޭރު އިސްތިއުފާދެއްވީ މިނިވަންކަމާއެކު މަސައްކަތްނުކުރެވޭތީ.
  • މި މަގާމު ހުސްވެފައިވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު މެއި މަހު އިސްތިއުފާދެއްވުމާ ގުޅިގެން.
  • --
  • މަސްދަރު: ސަން އޮންލައިން
comment ކޮމެންޓް