މާކެޓުގެ ހަ ވަނައިގައި އިންޑިއާ އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ، ޓޫރިސްޓުން މަދުވަނީ

ފަތުރުވެރިންތަކެއް ރާއްޖޭގައި: އިންޑިއާ މާކެޓު ހަވަނައިގައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި --- ފޮޓޯ/ ޓްރެވަލް ޓްރޭޑް ޖާނަލް

އިންޑިއާއިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު އަހަރުން އަހަރަށް މަދުވެ، މާކެޓުގެ ހަވަނައިގައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

އިންޑިއާއަކީ، 2022އާއި 2023ގައި ރާއްޖޭގެ އެއްވަނަ މާކެޓެވެ. އެކަމަކު، 2024 އަހަރުގެ ޖަނަވަރީ ދެވަނަ ދުވަހު އެ ގައުމު ލިސްޓުގެ ތިންވަނައަށް ވެއްޓުނެވެ. އޭގެފަހުން މަޑުމަޑުން އެ ގައުމު ދިޔައީ އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ލިސްޓްގެ ދަށަށެވެ. މިގޮތުން، 2024، މާރިޗު ފެށުނު ފަހުން އެ ގައުމު އޮންނަނީ މާކެޓުގެ ހަ ވަނައިގައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު،، މާކެޓުގެ އެއްވަނައިގައި އޮތް އިންޑިއާއިން 2023ގައި ޖުމުލަ 209،198 ފަތުރުވެރިންނެވެ. އެކަމަކު، 2024 ނިމުނުއިރު، އެ އަދަދު ހުރީ 130،328 ދަށްވެފައެވެ. އެހެންވެ، އެ އަހަރު އިންޑިއާ ފަތުރުވެރިން އައީ، 2023އަށް ވުރެ 78،870 ފަތުރުވެރިން މަދުންނެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ: އިންޑިއާ ފަތުރުވެރިންގެ އަދަދުތައް އަންނަނީ ދަށްވަމުން ---- ފޮޓޯ/ އެމްއޭސީއެލް

މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ވެސް އެ ގައުމަށް ބޮޑު ކުރިއެރުމެއް ނާދެއެވެ. އަހަރު ނިމުނުއިރު ވެސް އޮތީ، މާކެޓުގެ ހަވަނައިގައި 'ތާށިވެފައެވެ'. ނަމަވެސް، 2024ގައި އެ ގައުމުން އައި ފަތުރުވެރިންނާ އަޅާބަލާއިރު، ކުޑަކޮށް އިތުރުވިއެވެ. މިގޮތުން، މިދިޔަ އަހަރު އިންޑިއާއިން ވަނީ، 131،470 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު، އަދިވެސް އިންޑިއާ އޮތީ އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ހަވަނައިގައެވެ. އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ގައުމުން މިއަހަރު ރާއްޖެ އައިސްފައި ވަނީ، 59،922 ފަތުރުވެރިންނެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މިއަހަރު ވަނީ ޖުމުލަ، 1،028،549 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެންމެ ގިނައިން ފަތުރުވެރިން އަންނަނީ، މިދިޔަ އަހަރު ވެސް މާކެޓުގެ އެއްވަނަ ޖާގަ ކަށަވަރުކުރި ޗައިނާއިންނެވެ. އެ ގައުމުން އެކަނި، މިހާތަނަށް 160،811 ފަތުރުވެރިން ވަނީ އައިސްފައެވެ.

އެ އަދަދާ އެންމެ ކައިރިކުރާ ގައުމަކަށް މާކެޓުގައި ދެން އޮތީ ރަޝިއާއެވެ. އެގޮތުން، އެ ގައުމުން ވަނީ، 143،000އަށްވުރެ ފަތުރުވެރިން އައިސްފައެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި: އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓްގެ އަދަދު ދަށް--

އިންޑިއާ ފަތުރުވެރިން އައުން ދަށްވާން ފެށީ، މި ސަރުކާރުގެ ކުރީކޮޅު އެ ގައުމާއި ރާއްޖެއާ ދެމެދު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.

ދެ ގައުމުގެ ގުޅުން ގޯސްވީ، ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ.

އޭރު، އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ.

އެކަމަކު، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އެހެން އެ ކަން އޮއްވައި، މިދިޔަ މެއި މަހު މޯދީ ވަނީ، ހަނގުރާމައިގެ ސަބަބުން ހަރަދު ކުޑަކުރުމަށްޓަކައި ޗުއްޓީ ދަތުރުތައް މަދުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފައެވެ. އެއާއެކު އިންޑިއާގެ ފަތުރުވެރިން މަދުވެދާނެ ކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި ކުރިން އޮތް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. ސިޔާސީ ގުޅުންތަކަށް އައި ހީނަރުކަމަކާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން މި އަދަދުތައް ދަށަށް ގޮސްފައިވާއިރު، ފާއިތުވި ދެ އަހަރަށް ވުރެ ގިނަ ދުވަހު އިންޑިއާ އޮތީ މާކެޓުގެ ހަވަނައިގައެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިނަމަވެސް، އަދިވެސް މި މާކެޓަށް ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

  • 2023 ވަނަ އަހަރު 209،198 ފަތުރުވެރިން އައި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 130،328 އަށް ދަށްވެފައެވެ.
  • މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ އަދި ރަޝިއާއިންނެވެ.
  • އިންޑިއާ ފަތުރުވެރިން މަދުވާން ފެށީ ދެ ގައުމުގެ ދެމެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމާއި ބޮއިކޮޓް ކުރުމުގެ ގޮވާލުންތަކާ ގުޅިގެންނެވެ.
  • ރައީސް ޑރ. މުއިއްޒު އިންޑިއާއަށް އަދި ބޮޑުވަޒީރު މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވައި ގުޅުން ރަނގަޅުކުރަން ވަނީ މަސައްކަތްކުރައްވާފައެވެ.
  • ހަރަދު ކުޑަކުރުމުގެ ގޮތުން ޗުއްޓީ ދަތުރުތައް މަދުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ގޮވާލެއްވުމަކީވެސް އަދަދުތައް ދަށްވުމަށް މެދުވެރިވި ސަބަބެކެވެ.
comment ކޮމެންޓް