މި މަހުގެ މިހާތަނަށް ރާއްޖެ އައީ މިދިޔަ އަހަރަށް ވުރެ، 2،134 ފަތުރުވެރިން މަދުން

ފަތުރުވެރިންތަކެއް ރިސޯޓެއްގައި --- ފޮޓޯ/ ލަކްސް، ސައުތު އަރި އެޓޯލް

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2،134 މަދު އަދަދެއްކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް މި މަހު ރާއްޖެ އައީ 89،505 ފަތުރުވެރިންނެވެ. އެކަމަކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19ގެ ނިޔަލަށް 91،639 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންވެ، މި އަހަރުގެ ސެޕްޓެމްބަރުގައި އައިސްފައިވަނީ، 2،134 ފަތުރުވެރިން މަދުންނެވެ.

ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ މި އަހަރުގެ މިހާތަނަށް ވަނީ، ޖުމުލަ 1.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެ ފަތުރުވެރިންގެ ތެރެއިން 1.1 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކަށް ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ދިޔައިރު، 28،596 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ޓުއިރިސްޓު ވެސަލްތަކުގައެވެ. އަދި، އެހެނިހެން ތަންނުގައި 2،400 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

މަހުން މަހަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ، ފެބުރުއަރީ މަހެވެ. އެ މަހުގެ ނިޔަލަށް 254،556 ރާއްޖެ ވަނީ އައިސްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ، ޖަނަވަރީގައެވެ.

ފަތުރުވެރިންތަކެއް ރިސޯޓެއްގައި --- ފޮޓޯ/ ޓްރަވަލް ޓްރޭޑް މޯލްޑިވްސް

ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 284,555 ފަތުރުވެރިން ނުވަތަ 18.8 ޕަސެންޓާއެކު، އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ މާކެޓުގެ އެއްވަނަ ކަށަވަރުކޮށްފައި ވަނީ ޗައިނާއިންނެވެ. ދެވަނައިގައި އޮތް ރަޝިއާއިން 222,055 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސި ވިލާތުން ވަނީ 116,658 ފަތުރުވެރިން އައިސްފައެވެ.

މީގެއިތުރުން، 96,010 ފަތުރުވެރިންނާއެކު، މާކެޓުގެ ހަތަރު ވަނައިގައި އިޓަލީ އޮތްއިރު، ޖަރުމަނުން އައީ 94،494 ފަތުރުވެރިންނެވެ.

ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު މަދުވީ، މިދިޔަ ފެބުރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެންނެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު ބޭނުންކުރާ މެދުއިރުމަތީގެ ރޫޓްތަކަށް ހަނގުރާމައިގެ އަސަރުކޮށް، ވައިގެ ދަތުރުފަތުރަށް ގިނަ ދުވަސްތަކެއް ވަންދެން ހުރަސްއެޅިފައި އޮތެވެ.

އެހެންނަމަވެސް މިހާރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނައިރު، މިދިޔަ މަހަކީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކޮށްލެވެއެވެ.

https://sun.mv/227493

ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މި އަހަރުގެ ފަހު ސީޒަން ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު ސީޒަނަކަށް ކަމަށާއި، މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް