ޕީއެންސީ މިހާރު ރޫޅެނީ، މިއީ ލީޑާޝިޕް ބަދަލުކުރަންވީ ވަގުތު: ނަޝީދު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު: ޕީއެންސީ މިހާރު ރޫޅެނީ ކަަމަށާއި މިއީ ލީޑާޝިޕް ބަދަލުކުރަންވީ ވަގުތު ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ: މަޖިލިސް

ވެރިކަން ކުރާ ޕީއެންސީ މިހާރު ރޫޅެނީ ކަމަށާއި، މިއީ އެ ޕާޓީގެ ލީޑާޝިޕް ބަދަލުކުރަންވީ ވަގުތު ކަމަށް ކުރީގެ ރައީސް އަދި މްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ، މިއަދު މަޖިލީހުގައި ހިނގި ބައެއް ކަންތައްތަކަށް އިޝާރާތައް ކުރައްވައިފައެވެ. އެގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) މަޖިލީހުގައި ދެއްކެވީ ބޭއަދަބީ އަޚްލާގެއް ކަމަށް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ބަހުސްކޮށްފައެވެ. އެ ބަހުސްގައި އިބްރާހީމް ވަނީ ނަޝީދުގެ ވެރިކަމުގައި ސަރުކާރުގައި ލޮލުގެ ޑޮކްޓަރުންގެ ނަމުގައި އިސްރާއީލުން ބަޔަކު ގެނެސް، ލޮލުގެ ބައެއް ނެގި ކަމަށް ވިދާޅުވި ނުރުހުން ފާޅުކުރައްވައިފައެވެ.

އޭނާ އެ ވާހަކަ ދައްކަވަނިކޮށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަދެއްކެވިއެވެ. އަދި ރިޔާސަތުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުالله ފިއްޓޭއަށް ފުރުސަތު ދިނުމުން، އިބްރާހީމް ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާ ''ހުއްޓުވީތީ'' އެކަން ކުށްވެރިކުރެއްވިއެވެ.

https://sun.mv/223503

އެ ޖަލްސާގައި އިބްރާހީމް ވަނީ ކޯފާ އިސްކުރައްވައި، ޒިޔާދާއީ އަބްދުއްރަހީމާ ދިމާލަށް ވެސް އިނގިލި ދިއްކުރައްވައި އަޑުގަދަ ކުރައްވައިފައެވެ. އަދި އަބްދުއްރަހީމް ވަނީ އިބްރާހީމް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅުވައި ނަޝީދު ވިދާޅުވީ މަޖިލީހުގައި ވެސް ބައެއް ސަރުކާރުގެ މެންބަރުން އްވެސް ހަމައެއް ލަމައެއް ނެތި ވާހަކަދައްކަވާ ކަމަށެވެ. އެއީ އިސްލާމްދީނުގައި އަންގަވައިފައިވާ ރިވެތި އުސޫލު ނޫންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެކަކު އަނެކަކާ މުޚާތަބުކުރަންވާނީ އަދި ތަންތަނުގައި ވާހަކަދައްކަން ވާނީވެސް އެ ތަނެއްގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ނަޝީދުވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ މެންބަރުންނަށް ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ހަނދާންކޮށްދޭން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވައިފައެވެ.

މިއީ ދެން ވަރަށް ވަރަށް އެހެން ކަހަލަ މަންޒަރުތަކެއް މި ފެންނަނީ. އެ ބޭފުޅުން [ޕީއެންސީ] ރޫޅެނީ އެ އިނގޭތޯ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އެތަން މާ ސާފުކޮށް ފެނިގެންދާނެ އަދި. މިހާރު އެ ބޭފުޅުން އެއްކޮށް ހަމަ އެ ރޫޅެެނީ. އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ޕީއެންސީގައި މިހާރު އެންމެ އިސްކޮށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ދައްކަވާ ވާހަކަފުޅު ރާޢްޖޭގެ ރައްޔިތުން މިހާރު އަޑުއަހާ ކަމަށް ރައީސް އަމިއްލަފުޅަށް ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިރޭ ސަންގު ޓީވީއިން ގެނެސްދިން ހޚަބަރަށްފަހު ޕްރޮގްރާމުގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު -- ފޮޓޯ: ސަންގު ޓީވީ

ނަޝީދު ވިދާޅުވީ ޕީއެންސީގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދި ވަރަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށެވެ. އަދި އެ ޕާޓީން ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، އެ ކޮންގްރެސްގައި, ޕާޓީގެ ރައީސްކަމުން ރައީސް މުއިއްޒު ދުރުކުރަން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ލަފާކުރެއްވިއެވެ.

އަޅުގަނޑު ދެކޭގޮތުގައި މި ވަގުތަކީ އެ ޕާޓީގެ ލީޑާޝިޕުން އެ ބޭފުޅާ ދުރުކުރަންޖެހޭ ވަގުތު. އެހެންނޫނީ އެ ޕާޓީވެސް ސަލާމަތެއް ނުވާނެ އިނގޭތޯ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަން ހިނގާ ގޮތަށް މަގުބޫލުކަން ގެއްލުނީމާ ޕާޓީ ލީޑަރު ބަދަލުކުރަން ޖެހޭނީ. އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީ ތެރޭގައި ބޭއްވި ވާދަވެރި އިންތިޚާބަކަށް ފަހު ޗެއާޕާސަން ކަމަށް ވަޑައިގެން ނަޝީދު ގެންދަވަނީ ސަރުކާރާ މެދު ނުރުހުން ފާޅު ކުރުމަށް ހަރަކާތްތައް ބާއްވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ މަނިކުފާނާ ބައްދަލުކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ މާދަމާ ރޭ ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ރާވައިފައެވެ.

https://sun.mv/223285

ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ މަނިކުފާނާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން ޕާޓީ ދޫކުރައްވައި ވަޑައިގަތުމަށްފަހު، އަލުން މިދިޔަ އަހަރު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށްފަހުގައެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕާޓީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، އެ ޕާޓީ އަންނަނީ ރޫޅެމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ސަންގު ޓީވީގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ބައެއް މެންބަރުން އަމަލުކުރައްވާ ބޭއަދަބީ ގޮތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ނަޝީދު ވަނީ އިޝާރާތް ކުރައްވައިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަގުބޫލުކަން މިހާރު ގެއްލިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުން އެ މަނިކުފާނުގެ ވާހަކަފުޅުތައް އަޑުނުއަހާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޕާޓީ ސަލާމަތްކުރުމަށްޓަކައި ކުރިއަށް އޮތް ކޮންގްރެސްގައި ޕާޓީގެ ލީޑާޝިޕުން ރައީސް މުޢިއްޒު ދުރުކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ވަނީ ރާވައިފައެވެ.

  • ޕީއެންސީގެ އެތެރޭގެ އޮނިގަނޑު ރޫޅެމުންދާކަން ރައްޔިތުންނަށް މިހާރު ސާފުވަމުންދާ ކަމަށް ނަޝީދު ވިދާޅުވުން.
  • ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ގަވާއިދާ ޚިލާފަށް އަޑުގަދަކުރައްވާ މައްސަލަ ފާހަގަކުރެއްވުން.
  • ރައީސް މުޢިއްޒުގެ މަގުބޫލުކަން ގެއްލި، ރައްޔިތުން އެ މަނިކުފާނުގެ ވާހަކަފުޅުތައް ގަބޫލުނުކުރާ ކަމަށް ތުހުމަތުކުރެއްވުން.
  • ޕީއެންސީގެ ކުރިއަށް އޮތް ކޮންގްރެސްގައި ޕާޓީގެ ލީޑާޝިޕް ބަދަލުކުރުމަށް ނަޝީދު ލަފާދެއްވުން.
  • ސަރުކާރުގެ ޢަމަލުތަކާ ދެކޮޅަށް އެމްޑީޕީން މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ތައްޔާރުވުން.
comment ކޮމެންޓް