ލިޔެކިޔުމުން ނޫނީ މާލޭ ސިޓީ ކައުންސިލާ ވާހަކަނުދައްކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމައިފިއެވެ.
މާލޭގެ އެތައް މައްސަލައަކާ ގުޅިގެން މަޝްވަރާ ކުރުމަށް މިނިސްޓަރު މުއްތަލިބާ ބައްދަލުނުކުރެވި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވިދާޅުވެ، މިދިޔަ އާދިއްތަ ދުވަހު މާލޭގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން އެ މިނިސްޓްރީ ހިންގާ ދަރުބާރުގެއަށް ވަޑައިގަތެވެ.
އެ ދުވަހު މިނިސްޓަރު ބުރަކޮށް އުޅުއްވާ ކަމަށް ވިދާޅުވެ، މި ހަފުތާގައި ކައުންސިލާއެކީ ބައްދަލުވުމެއް ބޭއްވޭނެކަން މިނިސްޓްރީން އެންގިއެވެ.
އެކަމަކު، މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ވަނީ އެ ކައުންސިލާ މިނިސްޓަރު ބައްދަލުނުކުރައްވާނެކަން ދޭހަވާ ފަދަ ސިޓީއެއް އިއްވާފައެވެ.
އެ ސިޓީގައި ވަނީ، މޭޔަރު އާޒިމާއެކު މިނިސްޓަރު އަނގަ ބަހުން ކުރެއްވި މުއާމަލާތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓުފޯމުތަކުގައި މޭޔަރު ވާހަކަދައްކަވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި، މާލޭގެ ތަރައްގީއާއި ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މިހާތަނަށް މިނިސްޓަރާއެކު، ބޭއްވުނު ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމަށް އާޒިމްގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާ ކަމަށް ވެސް މުއްތަލިބް ތުހުމަތުކުރެއްވިއެވެ.

މާލޭގެ މޭޔަރާއި ހައުސިން މިނިސްޓްރީގެ ބޭފުޅަކާ ސަލާންކުރައްވަނީ: ލިޔުމުން ނޫނީ އެ ކައުންސިލާ ވާހަކަނުދައްކަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެހެންވެ، އެންމެ މަސްލަހަތު ރަނގަޅީ ލިޔުމުން މުއާމާލަތް ކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު، އާޒިމަށް ފޮނުއްވި ސިޓީގައިވެއެވެ. މާލެ ސިޓީ ކައުންސިލާއި މޭޔަރު ބޭނުންފުޅުވާ ކަންކަން ލިޔުމުން ފޮނުވައިދެއްވުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
އެ ސިޓީގައި ހުރި ވާހަކަތައް ދޮގުކުރައްވައި، މޭޔަރު ވިދާޅުވީ، މިހާތަނަށް އެއްވެސް ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބާއެކު ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި، އަނގަ ބަހުންނާއި ފޯނުން ވެސް މިނިސްޓަރާ ބައްދަލުނުވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މި ގަޑީގައި މިނިސްޓަރަށް ދަންނަވާލާން ރައްޔިތުންނަށް ތި ވަރަށް އޮޅުވާލައި، ދޮގު ނުހައްދަވާށޭ. ތި ބޭފުޅާގެ ސަބަބުން މުޅި ސަރުކާރު ބަދުނާމު ވެގެން އެބަދޭ," އާޒިމް ވިދާޅުވިއެވެ.
އޭގެއިތުރަށް، ލިޔެކިޔުމުން ހުރިހާ މައްސަލަތަކެއް މިނިސްޓްރީއަށް ފޮނުވި ނަމަވެސް، މިހާތަނަށް އެއްވެސް ސިޓީއަކަށް ޖަވާބު ދީފައިނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވެސް އެކި މައްސަލަތަކުގައި މިނިސްޓަރު މުއްތަލިބާ ލިޔުމުން ފޮނުއްވި ސުވާލުތަކަށް ވެސް ޖަވާބު ނުދެއްވާ މައްސަލަ ވަނީ މީގެ ކުރިން ފެންމަތިވެފައެވެ.