މާލޭގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބާ ބައްދަލުނުކުރެވި ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުމުން، ކައުންސިލަރުން މިނިސްޓްރީއަށް މިއަދު ހިނގައްޖެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމާއި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ހައުސިން މިނިސްޓްރީގެ އިދާރާއަށް ވަޑައިގަތީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ފަހެވެ.
ނަމަވެސް އާޒިމަށާއި ކައުންސިލަރުންނަށް މިނިސްޓަރާ ބައްދަލުކުރެވޭ ގޮތެއް ނުވިއެވެ.
ހައުސިން މިނިސްޓްރީގެ އިދާރާ ހުންނަ ދަރުބާރުގޭ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢާޒިމް ވިދާޅުވީ، ކައުންސިލުން މުއްޠަލިބާ ބައްދަލުކުރަން މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ކައުންސިލުން ސީދާ މިނިސްޓްރީއަށް ދިޔައީ ކައުންސިލުން މިހާތަނަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ނުލިބޭތީ ކަމަށް، ޢާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މުއްޠަލިބާ މަޝްވަރާކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
"އޭގެ ތެރޭ ހައުސިން މައްސަލަ އެންމެ ބޮޑު އެއް މައްސަލަ، މަގުތަކުގެ އަޕްޑޭޓެއްވެސް އަޅުގަނޑުމެންނަކަށް ނުލިބޭ، މަގުތައް ހެދުމުގެ ޕްރޮޖެކްޓްވެސް ހިނގާ ގޮތުގެ އަޕްޑޭޓެއް ނުލިބޭ، ދެން މަސްމާރުކޭޓުވެސް ހަމަ އަޅަންވެގެން އަޅުގަނޑުމެން ވަރަށް ބޮޑަށް އަވަސްކުރަން ބޭނުންވޭ، އެކަމުގެ އަޕްޑޭޓެއްވެސް އަޅުގަނޑުމެންނަކަށް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ބިނާކުރާ ހައުސިން ޓަވަރުތަކާ ގުޅޭ ޕެޓިޝަނެއްވެސް ކައުންސިލަށް ލިބިފައިވާ ކަމަށް ފާހަގަކުރައްވައި، އާޒިމް ވިދާޅުވިގޮތުގައި، އެ ޕެޓިޝަނާ ގުޅޭގޮތުން ވެސް ކައުންސިލުން މަޝްވަރާކުރަން ބޭނުންވެއެވެ.
އާޒިމް ވިދާޅުވީ، މުއްޠަލިބު ބުރަކޮށް އުޅުއްވާ ކަމަށް ބުނެ، ކައުންސިލާއެކީ ބައްދަލުވުން ބޭއްވޭނީ އަންނަ ހަފުތާގައި ކަމަށް، މިނިސްޓްރީން ބުނި ކަމަށެވެ.
މޭޔަރު ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.
"ދެން ފާހަގަކުރެވިގެން އަންނަނީ މި މިނިސްޓަރަކީ ވަރަށް ބޮޑަށް ފިލައިގެން އުޅުއްވާ މިނިސްޓަރެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
ކައުންސިލަރުންނަށްވުރެ ބޮޑަށް މާލޭގެ ހާލަތު އެނގޭނެ ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ، ކައުންސިލުގެ ދައުރެއް ނެތި މިނިސްޓަރަށް ގާނޫނީ ގޮތުން ގޯއްޗާއި ފްލެޓު ދޫކުރެވޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ކައުންސިލަރުންނަށް ރައްޔިތުންގެ ހާލަތު އެނގޭ ވަރަށްވުރެ ރަނގަޅަށް "ފިނި ކޮޓަރީގައި" އިންނަވާ ވަޒީރަކަށް ރައްޔިތުންގެ ހާލަތު އެނގިވަޑައިނުގަންނަވާނެއެވެ.
ސަރުކާރުން އަމަލުކުރަމުން ދަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވެ، މުއްޠަލިބުގެ އަރިހުން ޢާޒިމް އެދިވަޑައިގަތީ ކައުންސިލާ ގުޅިގެން މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މާލޭ ސިޓީ ކައުންސިލުން މުއްޠަލިބާ ބައްދަލުނުކުރެވިގެން އުޅޭއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް. މުއްޠަލިބު ޖަވާބު ނުދެއްވާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން އަމީންއާންމު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީގައިވާ ގޮތުން، ޑިސެންބަރު ހަތަރެއް، 2024އިން ފެށިގެން މިދިޔަ ޖަނަވަރީ މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް، 62 ސުވާލަށް ޖަވާބު ނުލިބި އެބައޮތެވެ.
އޭގެ ތެރެއިންވެސް އެންމެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވައި އޮތީ މުއްޠަލިބެވެ. އެގޮތުން 22 ސުވާލަކަށް މުއްޠަލިބު ޖަވާބު ދެއްވައިފައިނުވާ ކަމަށް، ކުޑޫ ފޮނުއްވި ސިޓީގައިވެއެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުނުދެއްވާ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީއަށް ގޮސްފައެވެ.