ރައީސްގެ މޭޔަރުކަމުގައި ބައްދަލުވުން ބާއްވަން 2 މިލިއަން ޚަރަދުކުރި، މިހާރު ޚަރަދު ކުޑަކޮށްފިން: އާޒިމް

ރައީސް އާސަހަރާ ހުޅުއްވައިދެއްވުން: އެ ރަސްމިއްޔާތުގައި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަތް -- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސިޓީ ކައުންސިލުން މި އަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް 1.15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި 2023 ވަނަ އަހަރު އެ ބައްދަލުވުންތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މިހާރު އެ ޚަރަދުތައް ކުޑަކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ކައުންސިލުން ބޭއްވި ބައްދަލުވުންތަކަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، މި އަހަރުގެ ބައްދަލުވުންތަކުގެ ޚަރަދު ވަނީ ކުރިއަށް ވުރެ ވަރަށް ބޮޑަށް ކުޑަކުރެވިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެގޮތުން 2026ގެ ފެބުރުވަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ޚަރަދުވީ 585,137.34ރ. މި ދެ ބައްދަލުވުމުގެ ޚަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި،" އޭނާ ލިޔުއްވާފައިވެއެވެ.

އާޒިމް ވަނީ، ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި، މުޅި އަހަރުގެ ޚަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ޚަރަދު ކަމަށް ދޭހަވާ ގޮތަށް ސުރުޚީ އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

https://www.sun.mv/226138

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޙްމަދު އައިހަމް ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފެބުރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839.34 ރުފިޔާ އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137.34 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއިން ކޮންމެ ބައްދަލުވުމަކީ ދެތިން ގަޑިއިރަށް ކުރިއަށްގެންދިޔަ ބައްދަލުވުންތަކެކެވެ.

ވަކިވަކި ޚަރަދުތަކަށް ބަލާއިރު، ފެބުރުވަރީ މަހުގެ ބައްދަލުވުމުގައި އިވެންޓް މެނޭޖުމަންޓަށް 360،000 ރުފިޔާ، ވީޑިއޯ ޕްރެޒެންޓޭޝަންއަށް 135،000 ރުފިޔާ، ޓީވީ ލައިވްއަށް 34،607 ރުފިޔާ، ބެނާ ޕްރިންޓް ކުރުމަށް 30،024 ރުފިޔާ އަދި ފޮތް ޕްރިންޓް ކުރުމަށް 8،208 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހަމައެހެންމެ، ޖުލައި މަހުގެ ބައްދަލުވުމުގައި ވެސް އިވެންޓް މެނޭޖުމަންޓަށް 360،000 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600 ރުފިޔާ، ބެނާ ޕްރިންޓް ކުރުމަށް 34،992 ރުފިޔާ، ޓީވީ ލައިވްއަށް 34،607 ރުފިޔާ، ފޮޓޯ އަދި ވީޑިއޯ ނެގުމަށް 18،000 ރުފިޔާ، ބެނާ ދެމުމަށް 5،702 ރުފިޔާ އަދި ފޮތް ޕްރިންޓް ކުރުމަށް 2،235 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގާނޫނުގައި އޮންނަ ގޮތުން ކައުންސިލުތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކީ ބައްދަލުވުން ބާއްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހެއެވެ. މި އަހަރުގެ ފެބުރުވަރީ މަހު މާލޭ ސިޓީ ކައުންސިލުން ބައްދަލުވުން ބޭއްވިއިރު އޮތީ ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތެއް އޮތް ކައުންސިލެކެވެ. ނަމަވެސް، މި ހިނގާ ފަސްވަނަ ދައުރުގެ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު އެމްޑީޕީގައެވެ.

comment ކޮމެންޓް