މާލޭ ސިޓީ ކައުންސިލުން މި އަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޙްމަދު އައިހަމް މާލޭ ސިޓީ ކައުންސިލުން ހޯދަން ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ވަނީ، މިދިޔަ ފެބްރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލުން ދިން ޖަވާބުގައިވެއެވެ.
އެހެންކަމުން، ދެ ބައްދަލުވުމަށް ކައުންސިލުން 1.15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެން ކޮންމެ ބައްދަލު ވުމަކީ ދެތިން ގަޑިއިރަށް ބާއްވާ ބައްދަލުވުންތަކެކެވެ.
ވަކިވަކި ޚަރަދުތަކަށް ބަލައިލާއިރު، ފެބްރުއަރީ މަހު:
- އިވެންޓް މެނޭޖުމަންޓް 360,000ރ.
- ވީޑިއޯ ޕްރެޒެންޓޭޝަން 135,000ރ.
- ޓީވީ ލައިވް 34,607ރ.
- ބެނާ ޕްރިންޓް ކުރުން 30,024ރ.
- ފޮތް ޕްރިންޓް ކުރުން 8,208ރ.
އެ ބައްދަލުވުމަށް ޖުމުލަ: 567,839ރ.
ޖުލައި މަހުގެ ބައްދަލުވުމަށް ކުރި ހަރަދު:
- އިވެންޓް މެނޭޖުމަންޓް 360,000ރ.
- ވީޑިއޯ ޕްރެޒެންޓޭޝަން 129,600ރ.
- ބެނާ ޕްރިންޓް ކުރަން 34,992ރ.
- ޓީވީ ލައިވް 34,607ރ.
- ފޮޓޯ އަދި ވީޑިއޯ ނެގުމަށް 18,000ރ.
- ބެނާ ދެމުމަށް 5,702ރ.
- ފޮތް ޕްރިންޓް ކުރުމަށް 2,235ރ.
ޖުލައި މަހުގެ ބައްދަލުވުމަށް ޖުމުލަ: 585,137ރ.
ފެބްރުވަރީ މަހު މާލޭ ސިޓީ ކައުންސިލުން ބައްދަލުވުން ބޭއްވިއިރު އޭރު އޮތީ ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތެއް އޮތް ކައުންސިލެކެވެ. މި ހިނގާ ފަސްވަނަ ދައުރުގެ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީގައެވެ.
ގާނޫނުގައި އޮންނަ ގޮތުން ކައުންސިލުތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކީ ބައްދަލުވުން ބާއްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަންކަމުގައި ހޯދަން ޖެހޭނެއެވެ.