ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ބިންމަތީ ސަތަރި އަޅައިގެން ވަޅޯމަސް ހިއްކަމުން ދަނިކޮށް ހުއްޓުވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލުގެ ވިލިމާލޭ ކޮމިއުނިޓީ އެންގޭޖްމަންޓު ޔުނިޓުން ވިލިމާލޭގެ މަގުތަކުގައި އިއްޔެ ހަރަކާތްތެރިވަމުން ދަނިކޮށް، އެ އަވަށުގެ އިންޑަސްޓްރިއަލް ޒޯނުގައި ސާފުތާހިރުކަން ކުޑަކޮށް މަސް ހިއްކަން ބަހައްޓައިފައި ހުރި ކަން ފާހަގަވި ކަމަށެވެ.
އެގޮތުން އެ ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް ބިންމަތީ އަޅައިފައި ހުންނަ ސަތަރި މަތީގައި މަސްހިއްކަން ބަހައްޓަމުންދާ ކަން ފާހަގަވުމާ ގުޅިގެން އެ މައްސަލަ ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އަށް ރަސްމީކޮށް އަންގައިފައިވާ ކަމަށް، ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި، އެއަށްފަހު އެމްއެފްޑީއޭއާއި ކައުންސިލުގެ ވިލިމާލޭ ކޮމިއުނިޓީ އެންގޭޖްމަންޓު ޔުނިޓު ގުޅިގެން އެ އަވަށުގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި އެގޮތަށް ހުރި ތަންތަން ބަލައި، އެ ކަންކަން އިސްލާހުކުރުމަށް ވާނީ އަންގައިފައެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ ގާނޫނާއި ގަވައިދުތަކުގެ ދަށުން މަނާ ކަމެއް ކަން ފާހަގަކޮށް، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން ސާފުތާހިރުކަން ކުޑަވާ ގޮތަށް ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ނުތާހިރުކޮށް، ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މީގެ ކުރިން ވެސް ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސްކުރުމަށް ފަހު، ނުތާހިރުކޮށް ހުންނަ ތަންތަން ބަންދުކޮށްފައިވެއެވެ.