ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރެވިގެން ދިއުމުން، ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.
އިއްޔެ ރާއްޖެއަށް ވަނީ ޕޭޕަލް ތައާރަފްކޮށްފައެވެ.
އެހެންވެ، އެކަމާ ގުޅޭ ގޮތުން މައުލޫމާތުދިނުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، އުރީދޫގެ މޯބައިލް ވޮލެޓް އެމް-ފައިސާއާއި ޕޭޕަލް ގުޅައިލެވިގެން ދިއުމާއެކު، ބޭރު ފައިސާ ލިބެން ފަސޭހަވެގެން ދާނެ ކަމަށެވެ.
"މީގަ އެންމެ ބޮޑު ފައިދާއެއް ކުރާނީ، ޚާއްސަކޮށް ގެސްޓްހައުސް ސެގްމަންޓްގަ މި އުޅޭ ބޭފުޅުންނަށް،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، ސީދާ ޕޭޕަލް އެޕްލިކޭޝަން ފޯނުގައި އޮތުން މުހިންމުނޫން ކަމަށާއި، ކަސްޓަމަރުންނަށް ލިބޭ ޑޮލަރު ސީދާ އުރީދޫގެ އެމް-ފައިސާއިން ފެންނަން ހުންނާނެ ކަމަށެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ވަގުތު ނެގި ސަބަބުވެސް ކުރުކޮށް ނިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ޕޭޕަލް ތައާރަފްކުރުން ލަސްވީ ޕޭޕަލް ބޭނުންވާ ހަމަތަކަށް އެމް-ފައިސާ ޕްލެޓްފޯމް ފެއްތުމަށްޓަކައެވެ.
"ވަރަށް ދިގު ޓެސްޓިންތަކެއް ހިނގައިގެން ދިޔަ މީގެ ތެރޭގައި،" ނިޔާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރެވިގެން ދިއުމާއެކު، ހުޅުވައިލެވިގެން މި އައީ ޒުވާނުންނަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ގެއްލުނު ފުރުސަތުތައް ކަމަށް، ނިޔާޒް ވިދާޅުވިއެވެ.
ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ބަލައިގަތުމާއި، އަދި ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ. ބޭނުންކުރާ ފަރާތްތަކަށް މީގައި އެކައުންޓެއް ހަދައި، ބޭންކް އެކައުންޓެއް ނުވަތަ ޕޭމަންޓް ކާޑެއް ގުޅުވާލައިގެން، އެމީހުންގެ މާލީ މައުލޫމާތު ސީދާ ހިއްސާނުކޮށް، ވިޔަފާރިކުރުމަށާއި، ފައިސާ ފޮނުވުމަށް ނުވަތަ ފައިސާ ބަލައިގަތުމަށް ޕޭޕަލް ބޭނުންކުރެވިދާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕޭޕަލް އަކީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސް ވިޔަފާރިތައް ހިމެނޭގޮތަށް، އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށް ލިބޭ ފަސޭހަ އަދި ރައްކާތެރި ޕްލެޓްފޯމެކެވެ.
ރާއްޖޭގައި ޕޭޕަލް ތައާރަފްކުރީ އުރީދުއާއެކު އެކުލަވައިލި ޕާޓްނާޝިޕްގެ ދަށުންނެވެ.