ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކަށް މިއަދު މި ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ގިނަ ދިވެހީން ކުރަމުން ދިޔަ އިންތިޒާރު މިއަދު ނިމުނީއެވެ.
ޓެލެކޮމް ކުންފުނި އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް މިއަދު މި ވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ތައާރަފުކޮށްފައެވެ. އެހެންކަމުން މިއަދުން ފެށިގެން ހުރިހާ ދިވެހީންނަށްވެސް ޕޭޕަލްގެ ޚިދުމަތް ލިބޭނެއެވެ.
ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ބަލައިގަތުމާއި، އަދި ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ. ބޭނުންކުރާ ފަރާތްތަކަށް މީގައި އެކައުންޓެއް ހަދައި، ބޭންކް އެކައުންޓެއް ނުވަތަ ޕޭމަންޓް ކާޑެއް ގުޅުވާލައިގެން، އެމީހުންގެ މާލީ މައުލޫމާތު ސީދާ ހިއްސާނުކޮށް، ވިޔަފާރިކުރުމަށާއި، ފައިސާ ފޮނުވުމަށް ނުވަތަ ފައިސާ ބަލައިގަތުމަށް ޕޭޕަލް ބޭނުންކުރެވިދާނެއެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕޭޕަލް އަކީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސް ވިޔަފާރިތައް ހިމެނޭގޮތަށް، އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށް ލިބޭ ފަސޭހަ އަދި ރައްކާތެރި ވަސީލަތެކެވެ.
ދުނިޔޭގެ ބޮޑު އާބާދީއެއް ބޭނުންކުރަމުން އަންނަ ޕޭޕަލް ރާއްޖެއަށް މިއަދު ތައާރަފުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އުރީދުއާއެކު އެކުލަވައިލި ޕާޓްނާޝިޕްގެ ދަށުން ޕޭޕަލް ތައާރަފްކުރެވިގެން ދިއުމާއެކު، ރާއްޖޭން ބޭރުން ޑޮލަރު ލިބުމާއި، ރާއްޖޭން ބޭރަށް ޑޮލަރު ފޮނުވުން ފަސޭހަވެގެން ދާނެއެވެ. މާނައަކީ ބޭރުގެ އެކި ވިޔަފާރިތައް ކޮށްގެން ދިވެހީންނަށް މިހާރު ފަސޭހައިން ބޭރުން ފައިސާ ގެނެވޭނެއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ދޭ އުރީދޫން ބުނީ، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށްވެސް ޕޭޕަލް މެދުވެރިކޮށް ބޭރު ގައުމުތަކަށް ޑޮލަރު ފޮނުވޭނެ ކަމަށެވެ.
އެމް-ފައިސާ އެކައުންޓާއި ޕޭޕަލް އެކައުންޓު ގުޅުވައިލާނީ ކިހިނެތް؟
އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން ގޫގުލް ޕްލޭ ސްޓޯއަށް، ނުވަތަ އައިއޯއެސް ބޭނުންކުރާ ފަރާތްތަކުން އެޕަލް އެޕް ސްޓޯއަށް ގޮސް، މައިއުރީދޫ އެޕްލިކޭޝަން ޑައުންލޯޑުކުރުމެވެ. އެއަށްފަހު، އެޕްލިކޭޝަން ހުޅުވައި، "އެމް-ފައިސާ" އިންނަ ބަޔަށް ދިއުމަށްފަހު، "ސައިން އަޕް ފޯ އެމް ފައިސާ"އަށް ދާނީއެވެ.
އެ ބަޔަށް ދިއުމަށްފަހު، ފޯނު ނަންބަރާއި އެ މީހަކު ނިސްބަތްވާ ގައުމާއި ދިރިއުޅޭ އެޑްރެހާއި އީމެއިލް އެޑްރެހުގެ މައުލޫމާތު ދިނުމަށްފަހު، އެމް-ފައިސާގެ ޚިދުމަތަށް ރަޖިސްޓްރީވާނީއެވެ.
އެމް-ފައިސާގެ އެކައުންޓެއް އޮތް ފަރާތެއް ނަމަ، މައިއުރީދޫ އެޕްލިކޭޝަނަށް ވަދެ، އެމް-ފައިސާ އިންނަ ބަޔަށް ދާނީއެވެ. އެއަށްފަހު ހޯމްޕޭޖުގައި އިންނަ "ލިންކް ޓު ޕޭޕަލް" އަށް ގޮސް، ޕޭޕަލް އެކައުންޓަށް ވަންނާނީއެވެ. ޕޭޕަލް އެކައުންޓާއި އުރީދޫ އެމް-ފައިސާ އެކައުންޓު ގުޅުވައިލުމުގެ ކުރިން، ޕޭޕަލް އެކައުންޓާއި އެމް-ފައިސާ އެކައުންޓުގައި ބޭނުންކުރާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު އެއްގޮތްތޯ ބަލައިލާށެވެ.
ދެ އެކައުންޓު ގުޅުވައިލުމަށްޓަކައި ބޭނުން ޗެނަލެއް އިޚްތިޔާރުކުރުމުން، ޕޭޕަލުން އޯޓީޕީއެއް ފޮނުވާނެއެވެ. އެ އޯޓީޕީ ލިބުމުން އޯޓީޕީ ޖަހައި، ޓާމްސް އެންޑް ކޮންޑިޝަންތަކަށް އެއްބަސްވުމުން، ޕޭޕަލް އެކައުންޓާއި އެމް-ފައިސާ އެކައުންޓު ގުޅުވައިލެވުނީއެވެ.
އެކައުންޓުތައް ގުޅުވައިލެވިއްޖެ؟ ދެން ފައިސާ ފޮނުވޭނެ، ޖަމާވެސް ކުރެވޭނެ
ބޭރަށް ފައިސާ ފޮނުވުމަށްޓަކައި އެންމެ ފުރަތަމަ ހަދަންޖެހޭނެ ގޮތަކީ މައިއުރީދޫ އެޕްލިކޭޝަން ހުޅުވައިލައި، އެމް-ފައިސާ އިންނަ ބަޔަށް ދިއުމެވެ. އެއަށްފަހު، ޕޭޕަލް ކާޑުން "ވިތްޑްރޯ"އަށް ގޮސް، އެމް-ފައިސާ އެކައުންޓަށް ޖަމާކުރަން ބޭނުންވާ ފައިސާގެ އަދަދު ޖަހާނީއެވެ. އެއަށްފަހު، ފައިސާ ޖަމާކުރަން ބޭނުންވާކަން ޔަގީންކުރުމުން، އެމް-ފައިސާ އެކައުންޓަށް ޑޮލަރު ޖަމާވާނެއެވެ.
އެމް-ފައިސާއިން ޕޭޕަލްއަށް ފައިސާ ޖަމާކުރަން ބޭނުންނަމަ، ޖެހޭނީ ޕޭޕަލް ކާޑު އިޚްތިޔާރުކޮށް، "ޓޮޕް އަޕް" އިޚްތިޔާރުކުރުމެވެ. އެއަށްފަހު، ޕޭޕަލްއަށް ޖަމާކުރަން ބޭނުންވާ ފައިސާގެ އަދަދު ޖަހައި، ފައިސާ ޖަމާކުރަން ބޭނުންވާކަން ޔަގީންކޮށް، ޕޭޕަލް އެކައުންޓަށް ފައިސާ ޖަމާކުރާނީއެވެ. އޭގެ ފަހުން ޕޭޕަލްއަށް ގޮސް ބޭރަށް ފައިސާ ފޮނުވޭނެއެވެ.