ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވެ، ފަސް މަސް ތެރޭ ބަޖެޓްގެ 80 ޕަސެންޓް ހުސްވެއްޖެ

ސްޓެލްކޯގެ މަސައްކަތުގެ ތެރެއިން: ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވެ، ފަސް މަސް ތެރޭ ބަޖެޓްގެ 80 ޕަސެންޓް ވަނީ ހުސްވެފައި -- ފޮޓޯ/ ސްޓެލްކޯ

ދައުލަތުން ސަބްސިޑީއަށް ކުރި ހޭދަ އިތުރުވެ، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީ ބަޖެޓުގެ 80 ޕަސެންޓް ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ، ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ތަފްސީލުން ދައްކާ ގޮތުން، މި އަހަރަށް ސަބްސިޑީތަކަށް ކަނޑައަޅައިފައިވަނީ 2.89 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 2.30 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.36 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރުގެ އަދަދަކީ އެއަށްވުރެ 68.9 ޕަސެންޓްގެ އިތުރުވުމެކެވެ.

ދައުލަތުން މިހާތަނަށް ސަބްސިޑީތަކާއި އެހެނިހެން ހިލޭ އެހީއަށް ކޮށްފައިވާ ޚަރަދު މިހާރު ވަނީ 5.69 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ އާސަންދައަށް ކޮށްފައިވާ 971 މިލިއަން ރުފިޔާއާއި ކައުންސިލްތަކަށް ދޫކޮށްފައިވާ 1.05 ބިލިއަން ރުފިޔާ ހިމެނޭ ގޮތަށެވެ. އެ ހުރިހާ އެހީތަކަށް ވަނީ ޖުމްލަ 10.6 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ.

ރާއްޖޭގައި ކަރަންޓާއި ތެލާއި ނަރުދަމާގެ ޚިދުމަތާއި ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ބޮޑު އަދަދެއް ޚަރަދުކުރެއެވެ. މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން ތެލަށް އެކަނި ވެސް 1.06 ބިލިއަން ރުފިޔާގެ ސަބްސިޑީ ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/223019

މި އަހަރުގެ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އޭގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ތެލަށް ކުރާ ހޭދަ ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި ސަބްސިޑީ އާއި އާސަންދަ ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް އޮޑިޓްތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ވެސް ފާހަގަކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.

އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މިދިޔަ އަހަރު އިސްލާހީ ފިޔަވަޅުތަކެއް ބަޖެޓުކުރިއެވެ. އެގޮތުން ސަބްސިޑީ އެންމެންނަށް ދިނުމުގެ ބަދަލުގައި، އެހީ ބޭނުންވާ މީހުން ދެނެގަނެ އެހީ ފޯރުކޮށްދިނުމަށް ނިންމިއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ބުރަވެދާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުން ވަނީ އެ ފިޔަވަޅު ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ.

https://sun.mv/222426

އެ އިސްލާހީ ފިޔަވަޅުތަކުގެ ބަދަލުގައި މިދިޔަ އަހަރު ޚަރަދު ކުޑަ ކުރީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައިގެންނެވެ.

ދައުލަތުން ޚަރަދު ކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހުނީ ފާއިތުވި އަހަރުތަކުގައި ނަގައިފައިވާ ދަރަނިތައް އިތުރުވެ، މި އަހަރު އެކަނިވެސް 1.1 މިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތުމުންނެވެ. އޭގެ ތެރެއިން މިދިޔަ އޭޕްރީލް މަހު އެއްފަހަރާ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކައިފައިވާއިރު، މިހާތަނަށް ބަޖެޓުން ދަރަނި ދައްކަން 8.71 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ މި އަހަރު ދަރަނި ދަައްކަން ބަޖެޓުގައި ހިމެނި 12.9 ބިލިއަން ރުފިޔާގެ 67.4 ޕަސެންޓެވެ.

މި އަހަރަށް ދައުލަތުން ސަބްސިޑީއަށް ކަނޑައަޅައިފައިވާ ބަޖެޓުގެ 80 އިންސައްތަ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވަނީ ޚަރަދުކޮށްފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2.89 ބިލިއަން ރުފިޔާގެ ބަޖެޓަކުން 2.30 ބިލިއަން ރުފިޔާ މިހާރު ވަނީ ބޭނުންކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 68.9 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރަމުންދަނީ ކަރަންޓާއި، ތެލާއި، ނަރުދަމާގެ އިތުރުން ކާޑުގެ ބާވަތްތަކަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ މި ޚަރަދުތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބެވެ. ދަރަނި އަދާކުރުމަށް ވެސް ބަޖެޓުގެ ބޮޑު ބައެއް ހޭދަވަމުންދާއިރު، ސަބްސިޑީ ނިޒާމު އިސްލާހުކުރުމަށް ރޭވި ފިޔަވަޅުތައް ވަނީ ރައްޔިތުންނަށް ބުރަބޮޑުވެދާނެތީ މަޑުޖައްސާލައިފައެވެ. އޭގެ ބަދަލުގައި ސަރުކާރުން ޚަރަދު ކުޑަކުރަމުންދަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައިގެންނެވެ.

  • ސަބްސިޑީ ބަޖެޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 2.89 ބިލިއަން ރުފިޔާގެ ތެރެއިން 2.30 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައި.
  • މިދިޔަ އަހަރާ އަޅައިބަލާއިރު ސަބްސިޑީއަށް ކުރި ހޭދަ ވަނީ 68.9 އިންސައްތަ އިތުރުވެފައި.
  • ތެލުގެ އަގު އުފުލުމާއި އާސަންދަ ފަދަ ޚިދުމަތްތަކަށް ކުރާ ހޭދަ ބޮޑުވުމަކީ ޚަރަދު އިތުރުވި މައިގަނޑު ސަބަބު.
  • ސަބްސިޑީ ނިޒާމު އިސްލާހުކުރުން މަޑުޖައްސާލުމަށްފަހު، ޚަރަދު ކުޑަކުރަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައިގެން.
  • މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 8.71 ބިލިއަން ރުފިޔާ ވަނީ ދައުލަތުން ދައްކާފައި.
comment ކޮމެންޓް