ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ އިސްމާއިލް އިޒުއާން އިބްރާހިމް، އާޔަން އަޙްމަދު އިނާން އަދި އާއިޝަތު ޒީކް ރިޔާޒް ހާސިލްކޮށްފިއެވެ.
ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެއްވަނައަށްދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މިރޭ އޮތް ރަސްމިއްޔާތުގައި ހާފިޒުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްމާއިލް އިޒުއާން އިބްރާހިމެވެ. އަދި ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާޔަން އަޙްމަދު އިނާން ހާސިލްކޮށްފައިވާއިރު، ނުބަލައި ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާއިޝަތު ޒީކް ރިޔާޒެވެ.
https://x.com/MVIaffairs/status/2103173869301641506
މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް ދީފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ފިލަޔާއި އެމަނިކުފާނު ދެއްވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ބޭރު ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ ސްކޮލާޝިޕެވެ.
މީގެ އިތުރުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުންދޭ އުމްރާ ދަތުރު ހިމެނެއެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާކިޔެވުމުގެ ގޮފިން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މިއަހަރުގެ މުބާރާތުގެ އޮޑިޝަނުގައި ޖުމްލަ 3،050 ދަރިވަކު ވަނީ ބައިވެރިވެފައިވާއިރު އޮޑިޝަނުގައި ކިޔަވާފައިވަނީ 2،742 ދަރިވަރުންނެވެ. އަދި މުބާރާތުގެ ފައިނަލަށް 140 ދަރިވަރަކު ދަތުރުކުރި ނަމަވެސް އެކި އެކި ސަބަބުތަކާހުރެ ފައިނަލުގައި ކިޔަވާފައިވަނީ 138 ދަރިވަރުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.