އަމްޖޭގެ 50 ވަނަ ފިލްމު 'ގިލަން' މި މަހު އަޅުވަނީ، ޓްރެއިލާ ދައްކާލައިފި

ގިލަން ފިލްމުގެ ޕޯސްޓަރު: މި ފިލްމު އަޅުވަނީ މި މަހު 30ގައި ---

ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ 50 ވަނަ ފިލްމު، 'ގިލަން' މި މަހު އޮލިމްޕަހުގައި އަޅުވަން ނިންމައި، ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު 30ގައި އޮލިމްޕަހުގައި އަޅުވާ މި ފިލްމުގެ ޓިކެޓު ވިއްކަން ފަށާނީ، އަންނަ އާދިއްތަ ދުވަހެވެ.

މިއީ، އާއިލީ ގުޅުންތަކާއި ސިއްރު ލޯބީގެ ކަންތައްތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެ މަންޒަރުތައް މިދިޔަ އަންގާރަ ދުވަހު އާންމުކުރި ޓްރެއިލާއިން ވެސް ފެނެއެވެ. އެގޮތުން، ރުއިމާއި އާއިލީ ދެބަސްވުންތަކުގެ މަންޒަރުތައް ޓްރެއިލާއިން ފެނެއެވެ.

މި ފިލްމަކީ، ލިޔުންތެރިޔާ މުޙައްމަދު ގާސިމްގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށްވާއިރު، މިއީ އެކި ސަބަބުތަކާ ހެދި ރިލީޒްނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ، ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި ފާތިމަތު އާޒިފާ (އަޒޫ)އެވެ. އަދި، އެކްޓަރު އަހުމަދު ސައީދާއި އައިމިނަތު ނޫރާއާއި އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)އާއި މަރިޔަމް ޝަކީލާ އެހެނިހެން ރޯލުތަކުން ފެނެއެވެ.

މި ފިލްމުގެ އެޑިޓިން މަސައްކަތް ކޮށްފައިވަނީ ރަވީ ފާރޫގް ކަމަށްވާއިރު، ތަޖުރިބާކާރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި)ގެ ސިނަމަޓޮގްރަފީގެ ހުނަރުތައް މި ފިލްމުން ފެންނާނެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ގިލަން އަޅުވާއިރު، އަމްޖޭއަކީ، ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ފިލްމު ޑައިރެކްޓަރެވެ. ފިލްމުތަކުގެ ސްކީރިންޕްލޭ ވެސް ލިޔާ އަމްޖޭ ޑައިރެކްޓުކުރި ގިނަ ފިލްމުތަކެއް ދިވެހީންގެ ތެރޭގައި މަގުބޫލުވިއެވެ.

އޭގެ ތެރޭގައި، އުދަބާނި، މިލަ ހަނދުވަރު، ސަނދުރަވިރޭ، ބާރައިގެ ފަސް، ދިން ވޭނުގެ ހިތާމައިގައި، ދޮންކަމަނަ ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް