އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަދިވެސް ކުރީގައި އުޅެނީ އޭނާ ކަމަށާއި، ނަމަވެސް ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލައި އޭނާއަށް ވޯޓުލާން ތިބި މީހުން އުނިކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތުހުމަތުކުރައްވައިފިއެވެ.
ވޯޓުލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މީކާއިލް ވަނީ ވީހާވެސް ގިނަ އާންމު މެންބަރުން ނުކުމެ ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އިންތިޚާބުގެ ތެރެއިން ވަރަށް ހިތާމަވެރި ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެގޮތުން ބައެއް ރަށްރަށުގައި މަންދޫބުންނަށް ގަސްތުގައި ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި ވޯޓު ފޮށި ފަޅާލާފައި ހުއްޓާ އެ ފޮއްޓަށް ވޯޓުލާން ބުނެފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ މެމްބަރު މީކާއިލް ނަސީމް...
"އަޅުގަނޑުމެންނަށް ވޯޓުލާން ތިބި މީހުން ވޯޓާސް ލިސްޓުން އުނިކޮށް ވޯޓުލާ މަންޒަރު އެބަ ފެނޭ،" ވޯޓާސް ލިސްޓަށް ބަދަލު ގެނެސް އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ތަކުރާރު ކުރައްވަމުން މީކާއިލް ވިދާޅުވިއެވެ.
މިއީ އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫންކަން ފާހަގަކުރައްވައި، މިއީ އެ ޕާޓީން ތަސައްވަރުކުރާ އެމްޑީޕީ ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަށް ޕާޓީގެ އިލެކްޝަންސް ކޮމިޓީއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވެން އޮތީ ޕާޓީގެ އެތެރޭގެ އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމުކޮށްގެން ކަމަށެވެ.
"އެތެރޭގެ އިންތިޚާބުތަކުގެ ސައްހަކަން ކަށަވަރުކޮށްގެން، އެ މަގުން ހިނގައިގެން އަޅުގަނޑުމެންނަށް 2028 ލިބޭނީ،" މީކާއިލް ވިދާޅުވިއެވެ.
އިންތިޚާބީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަކީ މުހިންމުކަމެއްކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު ފަހު 14:30 ގައެވެ.
މުޅި ރާއްޖޭގައި ކުރިއަށްދާ މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ.
އެހެންކަމުން، މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން އަނެއްކާ ވެސް ފެންނާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.