މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރު ފަހު 14:30 ގައި ފަށައިފިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްދާ މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މީކާއިލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ.
އެހެންކަމުން، މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން އަނެއްކާ ވެސް ފެންނާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ.

އެމްޑީޕީގެ އިންތިޚާބުގެ ވޯޓްލުމުގެ ކަންކަން ކުރިއަށް ދަނީ-- ސަން ފޮޓޯ: އަޙްމަދު އިޔާދު
މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި މާލޭގައި ވެސް ކުރިއަށްދާއިރު، ވޯޓުލުމުގެ ވަގުތު މިހާރު ވަނީ އިތުރުކޮށްފައެވެ. އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ކުރިން ރޭގަނޑު 20:00 އަށް ވޯޓުފޮށިތައް ބަންދުކުރަން ނިންމާފައި އޮތް ނަމަވެސް، ވީހާ ވެސް ގިނަ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިހާރު ވަނީ ރޭގަނޑު 20:30 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރުކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ. އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމަށާއި ޝަކުވާތައް ބެލުމަށް ޚާއްޞަ ކޮމްޕްލަޔަންސް ކޮމިޓީއެއް ވެސް އެ ޕާޓީން ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަމަޖައްސައި، އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
މި އިންތިޚާބަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް ވަރަށް މުހިންމު އިންތިޚާބެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލައްވާ ފުރަތަމަ ބޮޑު އިންތިޚާބަކީ މިއީއެވެ. ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުންނެވެ.
ނަމަވެސް، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް ޞާލިޙުގެ ވެރިކަމުގައި ޕާޓީގެ އަސްލު ފިކުރާ ދުރަށް ގޮސް، ރައީސް ނަޝީދު ވަނީ އެކަހެރިކޮށްފައެވެ. އެހެންކަމުން، ޗެއާޕާސަންގެ މަޤާމަށް ނުކުމެވަޑައިގެން ތިއްބެވި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމަކީ، ޕާޓީގެ ކޮންޓްރޯލް ކުރިއަށް އޮތް ތަނުގައި އޮންނާނީ ކޮން ފެކްޝަނެއްގެ އަތުގައިކަން ކަނޑައަޅައިދޭނެ މުހިންމު ނިންމުމެކެވެ.
މި އިންތިޚާބާ ދިމާކޮށް ދެ ފަރާތުން ވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕޭނެއް ކޮށްފައެވެ. ރައީސް ނަޝީދު ކެމްޕޭން ކުރައްވާފައިވަނީ އެމްޑީޕީގެ "ރީނދޫ ލަޝްކަރު" އަލުން ރުކުރުވާލައި، ޕާޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވަޢުދާ އެކުގައެވެ. އަނެއްކޮޅުން، މީކާއިލްގެ ކެމްޕޭން ބިނާކުރައްވާފައިވަނީ "އިތުބާރު" މި ޝިޢާރުގެ ދަށުން، ޕާޓީގެ އެތެރޭގެ ފެކްޝަންތައް އެއްގޮތްކޮށް، އާންމު މެންބަރުންނާއި ލޯކަލް ކައުންސިލަރުންނަށް ޕާޓީގެ ޤައުމީ މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ފުޅާކޮށްދެއްވާނެކަމުގެ ވަޢުދުގެ މައްޗަށެވެ.