ކޮންމެ ނަތީޖާއެއް ނުކުތަސް ހުންނާނީ އެމްޑީޕީގައި، މަސައްކަތް އެއް ގިއަރު މައްޗަށް ޖައްސަންޖެހޭ: ޞާލިޙް

ކުރީގެ ރައީސް ޞާލިޙް ވޯޓުލައްވަނީ: ވިދާޅުވީ މަސައްކަތް އެއް ގިއަރު މައްޗަަށް ޖައްސަންޖެހޭ ކަމަށް --- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެމްޑީޕީގައި ދެމިހުންނަވާނެ ކަމަށާއި އެ ޕާޓީގެ މަސައްކަތް އެއް ގިއަރު މައްޗަށް ޖައްސަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 14:30 ގައެވެ. އިންތިޚާބުގެ ވޯޓުލުން މިރޭ 20:30 އާ ހަމައަށް ކުރިއަށްގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ.

ފޯރިގަދަ ކެމްޕޭނަކާ އެކު މި އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ރޭ ވަނީ ފޯރިގަދަ ޕެރޭޑަކާ އެކު ކެމްޕޭން ނިންމާލާފައެވެ. ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ ފޯރިގަދަ ކެމްޕޭނެއް ބުރާސްފަތި ދުވަހު ނިންމާލާފައެވެ. ޞާލިޙް ތާއީދުކުރައްވަނީ މީކާއީލަށެވެ.

ވޯޓުލެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޞާލިޙް ވިދާޅުވީ، މި އިންތިޚާބުގައި އެ މަނިކުފާނު ވަރަށް ސާފުކޮށް މީކާއީލާ އެކު ހުންނެވި ނަމަވެސް ކޮންމެ ނަތީޖާއެއް ނުކުތަސް ޕާޓީ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.

ޞާލިޙް ވޯޓުލާން ވަޑައިގެން: އެ މަނިކުފާނު ވިދާޅުވީ ޕާޓީގައި ދެމިހުންނަވާނެ ކަމަށް --- ސަން ފޮޓޯ/ އަހުމަދު އިޔާދު

"އަޅުގަނޑު ހުންނާނީ އެމްޑީޕީގައި، ކޮންމެ ލީޑާޝިޕަކާ އެކީގައި ވެސް. މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް އޮތީ އެއް ގިއަރު ކުރިއަށް ޖައްސަން ޖެހިފައެވެ.

އެ ގޮތުން، މި ސަރުކާރަށް މިވީ ދެ އަހަރާ ބައިގެ ތެރޭގައި ޑިމޮކްރަސީގައި ރާއްޖެ ފަހަތަށް ސޮއްސާލަމުން ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށް ޞާލިޙް ވިދާޅުވިއެވެ. އެހެންވެ، އެ ސްޕީޑާ އެއްވަރުކުރަން އެމްޑީޕީން ގިއަރު މަތިކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދާ ސްޕީޑަށްވުރެ މާ ބާރު ސްޕީޑެއްގައި ރައީސް މުއިއްޒުގެ ސަރުކާރު ފަހަތަށް އެބަ ޖައްސަވާ. އެހެންވީމާ އެ ލެވެލްގައި އަޅުގަނޑުމެންނަށް ނުހިފެހެއްޓެނީ. އެއަށްވުރެ މާ ބާރު ސްޕީޑްގައި އެ މަނިކުފާނު އެ ވަޑައިގަންނަވަނީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް. އެހެންވީމާ، އަޅުގަނޑުމެން އެއް ގިއަރު މައްޗަށް ޖައްސަން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެކަން ފެނިގެންދާނެ،"

https://sun.mv/223248

ޞާލިޙް ވިދާޅުވީ، މި އިންތިޚާބުން މީކާއީލް މޮޅުވެއްޖެ ނަމަ ޕާޓީގެ ލީޑާޝިޕާ ހަވާލުވާނީ ޒުވާން، އާ ޓީމަކުން ކަމަށެވެ. އެއީ ވެސް ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި ހަމަ އެގޮތަށް ނަޝީދު ކާމިޔާބުކުރައްވައިފިނަމަ އެ މަނިކުފާނު އެ މަގާމަށް ވަޑައިގަންނަވާނީ ވެރިކަމާއި އެ ނޫން ވެސް ގިނަ ތަޖުރިބާއާ އެކުކަން ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޚިޔާލު ތަފާތުވުންތަކަށް ވުރެ ސަރުކާރު ޖަވާބުދާރީކުރުވުން މުހިންމު ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަަރުގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު، ނަޝީދު އެމްޑީޕީ ދޫކުރެއްވި ދޫކުރެއްވުން ތަކުރާރުވެދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޞާލިހް ވަނީ އެ މިސްޓޭކް ދެން ތަކުރާރުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ހިތުން އެ މިސްޓޭކް ދެން އަޅުގަނޑުމެންގެ ތެރޭގައި ހަދައިގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/223247

ނަޝީދު ވެސް ތަކުރާރުކޮށް ވިދާޅުވާ ފަދައިން މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ޞާލިޙް ވެސް މިއަދު ވިދާޅުވިއެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ތަކުރާރުކުރައްވަމުންނެވެ.

ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނަޝީދު އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސް އުފައްދަވައިގެން އެމްޑީޕީއާ ދެކޮޅަށް ނުކުންނެވުމުންނެވެ.

ނަމަވެސް، ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޞާލިޙުގެ ވެރިކަމުގައި ޕާޓީގެ އަސްލު ފިކުރާ ދުރަށް ގޮސް، ނަޝީދު ވަނީ އެކަހެރިކޮށްފައެވެ. އެހެންވެ، ޗެއާޕާސަންގެ މަޤާމަށް ނުކުމެވަޑައިގެން ތިއްބެވި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމަކީ، ޕާޓީގެ ކޮންޓްރޯލް ކުރިއަށް އޮތް ތަނުގައި އޮންނާނީ ކޮން ފެކްޝަނެއްގެ އަތުގައިކަން ކަނޑައަޅައިދޭނެ މުހިންމު ނިންމުމެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، ޕާޓީގައި ދެމިހުންނަވައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަން ހާމަކުރައްވާފައެވެ. މި އިންތިޚާބުގައި އެ މަނިކުފާނު ތާއީދުކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމަށެވެ. ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކަށްވުރެ ބޮޑަށް، ޑިމޮކްރަސީގެ ހަމަތަކުން ކައްސާލަމުންދާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ މަސައްކަތްތައް ހަލުވިކުރަން ޖެހިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މީކާއީލް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ޒުވާން ޓީމަކާއެކު ޕާޓީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ނަޝީދު ކާމިޔާބު ކުރައްވައިފިނަމަ ތަޖުރިބާއާއެކު ޕާޓީ ހިންގޭނެކަން ޞާލިޙް ގަބޫލުފުޅުކުރައްވައެވެ. އަދި މާޒީގައި ޕާޓީ ބައިބައިވެގެން ދިޔަފަދަ ގޯހެއް ތަކުރާރު ނުކުރުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

  • އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާއަށް ބެލުމެއްނެތި ރައީސް ޞާލިޙް ޕާޓީގައި ދެމިހުންނަވާނެކަން ކަށަވަރުކޮށްދެއްވުން.
  • ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މިހާރަށްވުރެ ހަލުވިކޮށް، އެއް ގިއަރު މައްޗަށް ޖައްސަންޖެހޭކަން ފާހަގަކުރެއްވުން.
  • އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމަށް ރައީސް ޞާލިޙްގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރެއްވުން.
  • ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ ދޫކޮށްދިޔުން ފަދަ ކަންކަން ތަކުރާރު ނުކުރުމަށް ބާރުއެޅުއްވުން.
  • ޕާޓީގެ އެއްބައިވަންތަކަން: ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެމްޑީޕީގައި ދެމިހުންނެވުމަށް ރައީސް ޞާލިޙް ނިންމެވުން.
  • ސަރުކާރު ޖަވާބުދާރީކުރުވުން: މިހާރުގެ ސަރުކާރުގެ މިސްރާބު ހުރިގޮތުން ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުން.
  • މުސްތަޤުބަލުގެ އުންމީދު: ޕާޓީގެ ލީޑާޝިޕަށް ޒުވާން ލޭ ނުވަތަ ތަޖުރިބާކާރުން އައި ނަމަވެސް ޕާޓީއަށް ފައިދާވާނެކަމަށް ދެކެވަޑައިގަތުން.
comment ކޮމެންޓް