ޝިފާއަށް އެދި ދުޢާކުރާށެވެ! ޝިފާދެއްވަނީ މާތް ރަސްކަލާނގެއެވެ.

އާދަމުގެ ދަރިންނަކީ ބަލިވާ ބައެކެވެ. ބަލިވުމާއި ބަލިން ފަސޭހަވުމަކީ ﷲގެ ޢިލްމުފުޅުގައި އޮންނަ ކަންކަމެވެ. ކޮންމެ ބައްޔަކަށް ވެސް އެއިލާހު ޝިފާއެއް ލައްވައިފައި ވެއެވެ. ޝިފާއަށް އެދި ދުޢާކުރާށެވެ! ޝިފާދެއްވަނީ ﷲއެވެ.

މާތް ﷲ ލިޔުއްވައިފައި އޮތް ތަޤުދީރުގެ ބޭރުން އެއްވެސް މީހަކު ބައްޔެއް ނުވާނެއެވެ. ކޮންމެ ބައްޔެއްގައި އެތައް ގިނަ ފައިދާއެއް ވެއެވެ. އޭގެތެރެއިން އެއް ކަމަކީ މުއުމިނުންގެ ފާފަފުއްސެވުމެވެ. ބައްޔަކީ ފާފަފުއްސެވުމުގެ ސަބަބެކެވެ. ﷲ އިރާދަކުރައްވާ ދުވަހެއް ވަންދެން މީހަކު ބައްޔެއްގެ ވޭން ތަހަންމަލުކޮށްފާނެއެވެ. އަދި އެއިލާހު އިރާދަކުރެއްވުމުން ބަލިން ފަސޭހަވެއެވެ. ބަލިބައްޔަށް ޝިފާދެއްވަނީ ﷲކަމަށް އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ވަނީ ކީރިތި ޤުރުއާނުގައި ގެންނަވައިފައެވެ. ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ (سورة الشعراء: 80) މާނައީ: "އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެއިލާހެވެ."

ބައްޔައް ބޭސްކުރުމުގައި ވިސްނުން ގެންގުޅެން ވާނީ ވެސް މި ހަމައިންނެވެ. ބަލީގެ ޝިފާ ދެއްވަނީ ﷲ ކަމާއި އެ ޝިފާއަށް އޮތް ސަބަބެއް ކަމުގައި ބޭސް ލައްވައިފައި ވާ ކަމެވެ. ބައްޔެއް ޖެހުމުން، މި އަސާސްގެ ދަށުން، ބޭސްވެރިކަމުގެ އެކިއެކި ސަބަބުތަކުގައި ހިފަންވާނެއެވެ. އަދި ހަމަ އެއާ އެކު އެ ބަލިން ސަލާމަތްކޮށްދެއްވުން އެދި الله ޙަޟްރަތަށް ދުޢާ ކުރަންވާނެއެވެ.

ބައްޔަށް ޝިފާދެއްވުން އެދި ކުރާ އެންމެ އާންމު ދުޢާއަކީ «اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اِشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا» މާނައީ: "މީސްތަކުންގެ ރައްބު، ﷲއެވެ! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ދެއްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހެވެ. އިބަ އިލާހު ދެއްވާ ޝިފާ ފިޔަވައި އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ އެއްވެސް ބަލިމަޑުކަމެއް ދޫނުކޮށް ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް ކަމުގައި ލައްވާނދޭވެ!" މިއީ އިމާމް ބުޚާރީ ރިވާކުރައްވައިފައި އޮންނަ ޙަދީޘެއްގައި އޮންނަ ދުޢާއެކެވެ. [رواه البخاري في صحيحه (5743)]

ހަށިގަނޑުގެ ތަނަކަށް ތަދުވަންޏާ، ނޫނީ ވޭނެއް އަޅަންޏާ ކުރަންވީ ދުޢާ ބަޔާންކޮށްދެއްވައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم، ޙަދީޘްކުރެއްވިއެވެ. «ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ» [رواه مسلم في صحيحه 67 – (2202)] މާނައީ: "ހަށިގަނޑުން ތަދު އިޙުސާސްވާ ތަނުގައި އަތް ބާއްވައިފައި 3 ފަހަރު بِسْمِ اللهِ ކިޔާށެވެ. އަދި އެއަށް ފަހު 7 ފަހަރު أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ކިޔާށެވެ." މާނައީ: "މިއަޅާއަށް އިޙުސާސް މިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަންކަމުގެ ނުބައިކަމުން، ﷲ އާއި އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ޛަރީޢާއިން ތިމަނާ ރައްކާތެރިކަން ހޯދަމެވެ."

ބަލިބަލީގެ ތެރޭގައި ހިމެނޭ ކުދި ބަލިތަކަށް އޮތް ޝިފާއެއް ކަމުގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ހިމެނެއެވެ. އެ ޛިކުރުތައް ކިޔުމަކީ ބަލިކަތުންނާއި މުޞީބާތްތަކުންނާއި ގެއްލުންތަކުން ސަލާމަތް ކޮށްދީ ރައްކާތެރިކޮށްދޭނޭ އެއްޗެކެވެ.

އަޅުގަނޑުމެން ވެސް ބަލި ވެސް އުފެއްދިވީ މާތް ﷲއެވެ. އެއިލާހަށް މުޅި ކާއިނާތުގެ ކޮންޓްރޯލު ލިބިގެން ވާ ކަމަށް ޤަބޫލުކުރާ ކޮންމެ މުއުމިނެއްގެ މޮޓޯއަކަށް ވާންވާނީ "ބައްޔަށް ޝިފާ ހޯދުމުގައި އެންމެ އިސްކުރާނީ ދުޢާކުރުން" ކަމެވެ. އާދަކޮށް ޝިފާއަށް އެދި ދުޢާކުރާށެވެ! ޝިފާދެއްވަނީ ﷲއެވެ.

އިންސާނުންނަށް ކުރިމަތިވާ އެކިއެކި ބަލިތަކަކީ الله ގެ މިންވަރުފުޅުން މެދުވެރިވާ ކަންކަމެވެ. ބަލިމަޑުކަމަކީ މުއުމިނުންގެ ފާފަތައް ފުއްސަވައިދެއްވާ ސަބަބެއްކަމުގައިވާއިރު، އެފަދަ ޙާލަތްތަކުގައި ބައްޔަށް ބޭސްފަރުވާކުރުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފުކަމެއް ނޫނެވެ. ނަމަވެސް ބޭސްވެރިކަމަކީ ހަމައެކަނި ސަބަބެއްކަމާއި، ޙަޤީޤީ ޝިފާދެއްވަނީ الله ކަން ޔަޤީންކޮށް، ބަލިން ސަލާމަތްކޮށްދެއްވުން އެދި އެކަލާނގެއަށް ދަންނަވަންވާނެއެވެ. އެހެންކަމުން، ބަލިތަކަށް ޝިފާ ހޯދުމުގެ މަރުޙަލާގައި އެންމެ އިސްކަމެއް ދޭންވާނީ ދުޢާކުރުމަށެވެ.

  • ކޮންމެ ބައްޔަކަށްވެސް ޝިފާއެއް ލައްވާފައިވާއިރު، ބައްޔާމެދު ކެތްތެރިވުމަކީ ފާފަތައް ފުއްސަވާ ކަމެކެވެ.
  • ބޭސްފަރުވާގެ ސަބަބުތަކުގައި ހިފުމާއެކު، ޙަޤީޤީ ޝިފާދެއްވާ ފަރާތަކީ الله ކަމަށް އީމާންވާންޖެހެއެވެ.
  • ބަލިތަކުން ފަސޭހަވުމަށް އެދި ކީރިތި ރަސޫލާ محمد ﷺ އުނގަންނައިދެއްވާފައިވާ ޚާއްޞަ ދުޢާތައް ކުރުން ސުންނަތްވެގެންވެއެވެ.
  • ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ކުދި ބަލިތަކާއި މުޞީބާތްތަކުން ރައްކާތެރިކޮށްދޭނެ މުހިންމު ވަސީލަތެކެވެ.
  • ހަށިގަނޑުގެ ވަކި ތަނަކަށް ތަދުވާނަމަ، އެތަނެއްގައި އަތްލުމަށްފަހު بسم الله ކިޔައި ދުޢާކުރުމަށް އިރުޝާދުދެއްވާފައިވެއެވެ.
  • ބަލިވުމާއި ޝިފާލިބުމަކީ الله ގެ އިރާދަފުޅުން ހިނގާ ކަމެކެވެ.
  • ބޭސްކުރުމަކީ ސަބަބެއްކަމުގައި ދެކި، ޝިފާއަށްއެދި ދުޢާކުރުން އިސްކުރާށެވެ.
  • ސުންނަތުން ސާބިތުވާ ދުޢާތަކާއި ޛިކުރުތައް ކިޔުން އާދަކުރާށެވެ.
comment ކޮމެންޓް