ސުވަރުގެއަކީ އިލާހީ ނިޢުމަތުން ފުރިގެންވާ ބަގީޗާތަކެކެވެ. އެ ތަނަށް އުންމީދު ކުރުމުގެ ޙައްޤު އޮތީ ހަމައެކަނި މުސްލިމުންނަށެވެ.
އިސްލާމުކަމުގެ ތަރަހައިގެ ތެރެއަށް ނުވަދެ، މާދުރުން އުޅޭ ބަޔަކަށް ސުވަރުގޭގެ އަރާމާއި ލައްޒަތު ލިބުމެއް ނުވެއެވެ. އެ މީހުން ތިބޭނީ ސުވަރުގެއިން މަޙުރޫމުވެފައެވެ. އެ މީހުން ސުވަރުގެ ހޯދަނީ މި ދުނިޔެއިންނެވެ. އަޅުގަނޑުމެން މި ދުނިޔޭގެ ވަރަށް ގިނަ ލައްޒަތްތައް ދޫކޮށްލަނީ އާޚިރަތުގެ ގޮވަތިން އުފާ ހޯދާށެވެ. އިސްލާމްނުވެ، ކާފިރުކަން މަތީ ދުނިޔޭގައި ހިތުހުރި ގޮތަކަށް އުޅޭ މީހުން ފެނި އަޅުގަނޑުމެން މާޔޫސް ނުވާން ވީ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ.
ދުނިޔޭގެ ލައްޒަތާއި މަލައްޒާތު ދޫކޮށް، ﷲގެ ފުއްސެވުމާއި ރުއްސެވުން އެދި ޙަރާމު ކަންތައް ޙަރާމު ކަމުގައި ބަލައިގަނެ އަމިއްލަ ހަވާނަފުސާ އިދިކޮޅަށް ޖިހާދުކުރާ މީހުންނަކީ އެ ސުވަރުގޭގެ ޙައްޤުވެރިންނެވެ. އެއީ ތަޤުވާވެރިންނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴾ (الزخرف: ٣٥) މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ."
ދުނިޔޭގެ ދަންފަޅީގައި ތަޤުވާގެ މަގު ދޫކޮށް ހަވާނަފުސުގެ އެދުމަށް ތަބާވެއްޖެ މީހާއަށް، އާޚިރަތުގެ އަރާމު ލިބުމެއް ނެތެވެ. އެފަދަ މީހަކަށް އެކަމަށް އުންމީދު ކުރުމުގެ ފުރުޞަތެއް ވެސް ނޯންނާނެއެވެ. ދުނިޔެއަށް ކިތަންމެ ރަނގަޅު ޚިދުމަތްތަކެއް ކުރާ ބަޔަކު ކަމުގައި ވީނަމަ ވެސް މެއެވެ. އެފަދަ މީހުންގެ ތެރޭގައި އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުންނާއި އެ މީހުންނަށް އެހީ ފޯރުކޮށްދޭ މީހުން ވެސް ވަރަށް ގިނައެވެ. އެއިން އެއްވެސް އެހީއެއް ނޫނީ ކުރާ މަސައްކަތެއް އެއީ އޭނާގެ އާޚިރަތް ގަނެވޭނެ އެއްޗެއް ނޫނެވެ. އެބައިމީހުންގެ އެ މަސައްކަތަށް ލިބޭ އަޖުރެއް ކަމުގައި ދުނިޔޭގެ ދިރިއުޅުން ފަހިވެގެން އައުން ފުދެއެވެ.
އެ ކަންތައްތަކަކީ ހެޔޮކޮށް ކުރެވޭ ކަންތައް ކަމުގައި އެބައިމީހުން ހީކުރިއެއް ކަމަކު އޭގެ އެއްވެސް ހެވެއް އާޚިރުގައި ނުވާކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވަނީ، ﴿الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا﴾ (الكهف: ١٠٤) މާނައީ: "އެއުރެންނަކީ ދުނިޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލްވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައް ކުރާ ކަމަށް އެއުރެން ހީކުރެތެވެ." ﴿أُولَـٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴾ (الكهف: ١٠٥) މާނައީ: "އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ އާޔަތްތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެ ކަމަށް ކާފިރުވި މީހުންނެވެ. ފަހެ، އެއުރެންގެ ޢަމަލުތައް ބާޠިލު ވެފައި ވެއެވެ. ފަހެ، ޤިޔާމަތްދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ ޢަމަލުތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ."
ކަން މިހެން އޮތްއިރު ﷲއަށް އީމާންނުވާ މުޝްރިކުންތަކެއް ދުނިޔޭގައި ކުރާ ޚިދުމަތްތަކާއި އުފުލާ ޝިޔާރުތަކާއި ހޯދާ ކާމިޔާބީތައް ފެނި، ނިކަމެތިކަމާއި މާޔޫސްވުން ލިބޭ ބަޔަކު ކަމުގައި މުސްލިމުން ވެގެން ނުވާނެއެވެ. އެއީ މުޅިން ވެސް އެ މީހުން އަމިއްލައަށް ނަންދީ އުފައްދާފައި ވާ ތަކެއްޗެވެ. ސުވަރުގެ އެއީ ﷲ އުފައްދަވައިފައިވާ ބަގީޗާތަކެވެ. އެ ތަނަށް އުންމީދުކުރުމުގެ ޙައްޤު އޮތީ ހަމައެކަނި އަޅުގަނޑުމެން މުސްލިމުންނަށެވެ.