ހޭދަކުރަން އެދޭ މީހާއަށް އެންމެ ފުރަތަމަ ހަނދާންކޮށްދޭން ބޭނުންވަނީ، ހޭދަކުރުމަކީ މުދާ އިތުރުވާ ކަމެއް ކަމެވެ.
ހޭދަކުރުމަށް ލޯބިކުރުމަކީ ފަސޭހައިން، އަދި ގިނައިން، އަދި އޭގެ އެންމެ މުހިންމު ދަނޑިވަޅުތަކުގައި ލަސްނުކޮށް ވީހައި ވެސް އަވަހަށް ހޭދަކުރުމެވެ. ދުނިޔޭގެ ޙަޔާތަކީ ތިބާ ހޭދަކުރުމުން ދުރުކުރާ ސަބަބަކަށް ނުހަދާށެވެ.
ދޭން ހިތަށް އަރާ ކޮންމެ އެއްޗެއް ދޭށެވެ. ބުނަން ހިތަށް އަރާ އެއްވެސް ކުޑައިމީސް ބަހެއް ނުބުނާށެވެ. ކަލަގޮވޭ ޞަދަޤާތަކަށްވުރެ ހެޔޮބަހެއް މާ ހެޔޮކަން ބޮޑެވެ. ﷲ تعالى ވަޙީކުރައްވައިފައި ވެއެވެ. ﴿۞قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَا أَذًى ۗ وَاللَّهُ غَنِيٌّ حَلِيمٌ﴾ (البقرة: ٢٦٣) މާނައީ: "އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި މަޢާފްކުރުން، ހެޔޮކަން މާބޮޑެވެ. ﷲއީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ".
މި ކަމަކީ މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ހިތާމަވެރި މަންޒަރެކެވެ. ވަރަށް ޚާއްޞަކޮށް ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށްދެވޭ ފަހަރުފަހަރު އޭނާގެ ހިތަށް އުނދަގޫކުރުވާ ބަސްތައް ބުނާ ބަޔަކު އުޅެއެވެ.
ގޭތެރޭގެ ހަމަނުޖެހުމަކާ ކުރިމަތިލާން ޖެހިފައި ތިބި ދެ މީހުންގެ ތެރެއިން މީހަކަށް ނުތަނަވަސް ކަމެއް ނުވަތަ އެހީއަށް އެދެންޖެހޭ ޙާލަތެއް މެދުވެރި ވުމުން އަނެއް މީހާ އޭނާއަށް އެހީތެރިވާން ބޭނުން ވެސް ވެދާނެއެވެ. އަދި އެގޮތުގައި ދެވޭ އެހީއާ އެކު އެ ދެ މީހުންގެ ދެމެދު ހިނގި ކަންތަކުގެ ވާހަކަ ހަނދާން ކޮށްދީ، "އެ ކަން އެ ގޮތަށް އޮތަސް، ތިމަންނާ މި އެހީ ވަނީއޭ، ދެންވެސް ކާންދޭ މީހުން ދަންނައްޗޭ!" ފަދަ ބަހެއް ބުނެ އަނެކާގެ ހިތަށް އުނދަގޫ ދިނުމަށްވުރެ އެ ހޭދަ އޭނާގެ މައްޗަށް ނުކުރުން މާ ރަނގަޅެވެ. އޭނާއަށް މާފުދިނުން މާ ހެޔޮކަން ބޮޑެވެ.
އިޖްތިމާޢީ އެކިއެކި ގުޅުން ތަކުގައި ޢަމަލު ކުރަންވީ ގޮތްތައް އިސްލާމީ ޝަރީޢަތުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައިފައި ވެއެވެ. އެފަދަ އެއް ކަމަކީ މުދަލާއި ގުޅުން ހުރި މުޢާމަލާތު ތަކެވެ. އެ ގޮތުން ބަދަލަކައިނުލާ ދެވޭ ހިބައާއި، ހަދިޔާގެ އިތުރަށް ޞަދަޤާތަކީ ވެސް، އެކަމުގައި އަދަބު އަޚުލާޤެއް ބަހަށްޓަން ޖެހޭ ކަންކަމެވެ.
މީހުންނަށް ކުރާ ހޭދައަކީ އަނެކާ ތިބާގެ ދަށުކޮށްލަން ނޫނީ ތިބާ އޭނާގެ މައްޗަށް ބާރުވެރި ވާން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. އެފަދަ ޞަދަޤާތަކުން ދުނިޔޭގެ އުފަލެއް ވެސް އަދި އާޚިރަތުގެ ފަލާޙެއް ވެސް އެ މީހަކަށް ނުލިބޭނެއެވެ. އިލާހީ ރުއްސެވުމާއި ފުއްސެވުމުގެ ބަދަލުގައި، އެއިލާހުގެ އަޒާބާއި ކޯފާ އެ މީހަކަށް ޖެހިދާނެއެވެ.
ހޭދަކުރަން އެދޭމީހާއަށް އޮތީ އެކަމުގެ އަދަބު އަޚުލާޤުން ބޭރުނުވެ އެކަން ކުރުމެވެ. އެ ކުރި ހޭދައިގެ މަންފާ ލިބޭނީ އޭރުންނެވެ. ކާމިޔާބު ވާނީ އެ މީހުންނެވެ.