މި ދުނިޔޭގެ ދިރިއުޅުން އުފަލެއް ކަމުގައި ހަދާނީ ހަމަ ތިމާއެވެ. ހަޔާތުގައި ދިމާވާ ކަންކަމަށް، ދެރަނުވާށެވެ! ހިތާމަ ނުކުރާށެވެ!
ދުނިޔޭގައި އިންސާނާއަށް ލިބިފައި ވަނީ ވަރަށް ވަގުތީ ހަޔާތެކެވެ. އެ ތަން ލައްވާފައި ވަނީ ވެސް "އިމްތިޙާނުގެ ގޮވައްޗެއް" ކަމުގައެވެ. އޭގެ ބޭނުމަކީ ކިޔަމަންގަތް އަޅުންނަށް ޤިޔާމަތްދުވަހުން ހިތާމައެއް ނެތް، އުފާވެރިކަމުގެ ބަގީޗާތައް ދެއްވުމެވެ. މި ފަދަ ވާހަކަތަކަކީ ޢިލްމުވެރިންގެ ދޫފުޅުން ކެނޑިނޭޅި އަބަދު އަޑުއިވޭ ވަރަށް އަގުހުރި ފިލާވަޅުތަކެކެވެ. ވަރަށް ޙިކުމަތްތެރި ނަސޭހަތްތަކެކެވެ. އެހެނަސް މި ބަސްތަކާމެދު ނުވިސްނާ މީހުންނަށް، ކިތަންމެ ކުޑަ ނަމަވެސް މުސީބާތެއް ކުރިމަތިވާ ހިނދު، މި ނަސޭހަތްތަކުން ފައިދާ ލިބި ނުގަނެވެއެވެ. އަމިއްލަ ހަޔާތުގައި އެ އިރުޝާދުތައް ތަންފީޒުކުރުން އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައެވެ.
ލިބޭ ނަސޭހަތާއި އިރުޝާދުތަކުގެ މަތީ ދިރިއުޅެން އުނދަގޫ ވަނީ، ހިތާމަތަކާއި މޮޅިވެރިކަން ވެރިވެގަންނަ ހިނދު، މާޔޫސްކަމުގެ މައްޗަށް ބުއްދީގެ ވިސްނުން އިސްނުކުރެވޭތީއެވެ. އެ ކަން ކުރެވޭނީ ނަފުސު ކޮންޓްރޯލު ކޮށްގެންނެވެ. މަޑުމައިތިރިވެ ހިމޭންވެގެންނެވެ. އެ ކަން ކުރުމަށް ޓަކައި ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ފާފަ ފުއްސެވުމަށާއި ރަޙުމަތް ލެއްވުމަށާއި ދަރަޖަ މަތިވެރި ކުރެއްވުމަށް ނޫނީ ﷲ އެއްވެސް މީހަކަށް ބަލާއާއި މުޞީބާތް ނުޖައްސަވާ ކަމެވެ. އެ މީހެއްގެ އުދާސްތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް މެނުވީ ﷲ تعالى އެއްވެސް އަޅަކަށް އިމްތިޙާނެއް ކުރިމަތި ނުކުރައްވާ ކަމެވެ. މިއީ ދުނިޔޭގައި ﷲ ހިންގަވާ އެއިލާހުގެ ސުންނަތްކަން ދަސްކޮށް ނަފުސު އޭގެ މައްޗަށް ހާނުވާށެވެ! ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!
ކޮންމެ ބުސީބާތަކީ ވެސް މުއުމިނުއަޅާގެ ފާފަފުއްސެވުމަށް އޮތް މަގެއް ކަން އެނގިގެން، އެ ކަމަށް ޟަމީރު ހާނުވައިފި މީހާއަށް ހިތާމައާ ދުރުގައި ހުންނަށް ފަސޭހަވާނެއެވެ. އެ ކަމަށް ނަސޭހަތް ލިބޭ ނަބަވީ އިރުޝާދެއްގައި ވެއެވެ. عن أبي سعيد وأبي هريرة رضي الله عنهما عن النبي صلى الله عليه وسلم قال: "مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حَزَن وَلاَ أَذًى وَلاَ غَمٍّ، حتَّى الشَّوْكَةُ يُشَاكُها إِلاَّ كفَّر اللَّه بهَا مِنْ خطَايَاه" (متفق عليه) މާނައީ: މާތް ﷲ އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި أبي سعيد އާއި أبي هريرة އާއި ދެ ބޭކަލުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހުން ރިވާކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއްވެސް މުސްލިމަކަށް އުނދަގުލެއް، ބަލިމަޑުކަމެއް، ނުވަތަ ދެރަކަމެއް، މޮޅިވެރިކަމެއް، ހިތާމައެއް، ކުރިމަތި ވެއްޖެއްޔާ (އެންމެ ކުޑަމިނުން) އޭނާގެ ގަޔަށް ކަށްޓެއް ހެރުނު ކަމުގައި ވިޔަސް، އެ ކަމުގެ ސަބަބުން ﷲ تعالى އެ މީހެއްގެ ކުށްފާފަތައް ފުއްސަވަތެވެ."
ފާފަފުއްސެވުމަކީ ކިހާ ބޮޑު އުފަލެއްތޯއެވެ؟ އަޅުގަނޑުމެންނަށް މުޞީބާތެއްގައި ލިބޭ ގެއްލުމަކީ ގިނަ ފަހަރު ފޫބެއްދޭނެވަރުގެ ގެއްލުމެކެވެ. ނޫނީ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކަން ހިތުން ފިލައިގެންދާ ކަންކަމެވެ. ނޫނީ އޭގެ އަސަރުކުޑަވެ، ފަނޑުވެފައި ހުންނަ ކަންކަމެވެ. އެ ކަންކަމައިގެން ދުނިޔޭގައި އުޅެވޭ ވަރުގެ ކަންކަމެވެ. އެހެން އުޅެނިކޮށް މަރުވެއްޖެއްޔާ އެ ކަން އެކީގައި ފިލައިގެން އެ ދިޔައީއެވެ. އެއާ ޚިލާފަށް ފާފައަކީ ނުފުހެވި އޮވެއްޖެއްޔާ، ޤިޔާމަތްދުވަހުން ވެސް އޭގެ ޒިންމާއާ ހަވާލުވާން ޖެހޭ އެއްޗެކެވެ. އެހެންވީމާ ފާފަފުއްސެވުމަކީ ކިހާ ބޮޑު އުފަލެއްތޯއެވެ؟ މި ކަން ހިތްމައްޗަށް ގެނެސް މުޞީބާތުގެ އަސަރު ހިތުން ފުހެލައި އުފާކުރާށެވެ. ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!
ހިތާމައާއި ހިތްދަތިކަން ދިމާވާ އަނެއް ސަބަބަކީ، ތަކެއްޗާއި ކަންކަމަށް އެދެވޭ އެދެވުމެވެ. އެދޭ ގޮތަށް ކަންކަން ނުވުން ނުވަތަ ލަސްވުން އޮންނަނީ މީހާ ހިތާމައިގެ ތެރެއަށް ވައްޓައިލާ ކަމަކަށް ވެފައެވެ. މި ހިސާބުން ﷲގެ އޯގާވަންތަކަމާއި ރަޙުމާނުވަންތަކަމުގެ ބޮޑުކަން އޭނާއަށް ވިސްނެން އުނދަގޫ ވެއެވެ. އެހެނަސް ދަންނަން ޖެހޭނެ ޙަޤީޤަތަކީ، ﷲއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަޙުމާނުވަންތަ ރަސްކަލާނގެކަމެވެ. ހިތްއެދޭ ކަމަކުން މަހުރޫމުވެއްޖެ ނަމަ އެއަށްވުރެ މާ ހެޔޮގޮތެއް މިންވަރު ކޮށްދެއްވާނެ ކަމެވެ. ކަމެއް ލަސްވާ ނަމަ އެ ކަމެއް ލަސްވަނީ ހުރިހާ ގޮތަކުން ވެސް އެ ކަމަށް އެންމެ މުނާސަބު ވަގުތުގައި އެ ކަން އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަށް ކަމެވެ. މި ގޮތަށް ވިސްނުން ބަހައްޓާނީ ފުރިހަމަ މުއުމިނުންނެވެ. އެފަދަ މީހަކު ކަމުގައިވާށެވެ! ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!
ﷲ سبحانه وتعالىގެ ކުޅަދުންވަންތަކަމާއި އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަން އަޅުގަނޑުމެން އެންމެ ދަންނަމުއެވެ. އެކަލާނގެ އިރާދަފުޅާއި، އެކަލާނގެ ދެނެވޮޑިގަތުމާލައިގެން ނޫނީ، ގަހަކުން ފަތެއް ވިޔަސް ނުވެއްޓޭނެ ކަމަށް ކީރިތި ޤުރުއާނުގައި އަންގަވައިފައި ވެއެވެ. މި ކަން ޤަބޫލުކުރާ މުއުމިނުން، ޤަބޫލުކުރާނީ އެބައިމީހުންގެ ޙާލަތު ވެސް އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ ގަދަކީރިތިވަންތަ މާތް ﷲ ކަމެވެ. ހިތުގައިވާ ސިއްރުތަކާއި ލޮލުން ފައިބާ ކަރުނަތައް، އެކަލާނގެއަށް ވަންހަނާ ވެގެން ނުވާ ކަމެވެ. އެއްވެސް އަޅަކާމެދު ﷲ تعالى އަނިޔާވެރިވެވޮޑިގެން ނުވާނޭ ކަމެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ﴿وَلَا يَظْلِمُ رَبُّكَ أَحَدًا...﴾ (الكهف: ٤٩) މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." މިހިރީ ހައްތާވެސް އުފާކުރަންޖެހޭ ސަބަބެވެ. މި ކަންކަން ދަސްކުރާށެވެ! ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!
އެހެންކަމުން، މުއުމިނުން ދަންނަންވީ ޙަޤީޤަތަކީ އުފާ ހޯދުމަކީ ކޮންމެކޮންމެ ހާލެއްގައި ވެސް ކުރެވިދާނެކަމެއް ކަމެވެ. އުފަލާއި ހިތާމަ ހިތްތަކުގައި ޖަމާކޮށްދެއްވާ އިލާހުގެ ރުހުން ލިބުމަކީ އެއުފަލާ ހިސާބަށް ދެވެން އޮތް މަގުކަމެވެ. ހިތާމަޔާ ދުރުގައި އުޅެވެން އޮތް ވަޞީލަތްކަމެވެ. އެ ކަން ހާސިލުވާނީ ރިވެތި ގޮތުގައި ކެތްތެރިވެ އިޚްލާޞްތެރިކަމާ އެކު ދުޢާކޮށްގެންނެވެ. ﷲގެ ދީނުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. އެ ކަމުގެ ތައުފީޤު ދެއްވައިތޯ ﷲއަށް ދުޢާކުރާށެވެ! ދެރަނުވާށެވެ! ހިތާމަނުކުރާށެވެ!