މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު, ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް އެ މަގާމުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، އެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ރަސްމީ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވާފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ރާއްޖޭގެ ޓެކްސް އިދާރާ ހިންގުމުގެ އެންމެ އިސް މަގާމަށްވާއިރު، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، މަޖިލީހުގެ ރުހުމާއެކު ބޭފުޅަކު ޢައްޔަން ކުރެވޭނެއެވެ.
މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު، މިދިޔަ ހޯމަ ދުވަހު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.
ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.