ބޭރު ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ދިމާވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ޓެކްސް ނިޒާމު ހިންގަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ މިއަދު ވިދާޅުވެއްޖެއެވެ.
މީރާއަށް މިއަދު 16 އަހަރު ފުރުމުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައި އަމީޒާ ވިދާޅުވީ، ފާއިތުވި 16 އަހަރުގެ ތެރޭގައި ރާއްޖެއާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި، ޒަމާނީ، ލުއިފަސޭހަ އަދި ޓެކްނޮލޮޖީއާ ރައްޓެހި ޓެކްސް ނިޒާމެއް ގާއިމުކޮށް، ހިންގުމުގެ މަސައްކަތުގައި ފާހަގަކުރެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެއީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކާއި މީރާގެ އެހާރާއި މިހާރުގެ އިސް ވެރިންނާއި މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މަސްރަހަށް ލޮޅުންތައް އަރަމުންދާކަން ފާހަގަކުރައްވައި އަމީޒާ ވިދާޅުވީ، އޭގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ގޮންޖެހުންތައް ކުރިމަތިވަމުންދާކަން މީރާއިން ބަލައިގަންނަ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން، ދެމެހެއްްޓެނިވި ގޮތެއްގައި ޓެކްސް ނިޒާމު ހިންގުމުގެ މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޓެކުހުގެ ގާނޫނުތަކަށް ކިޔަމަންވެ ތަބާވުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ކުރަން ލާޒިމު ކަމަކަށް ވީހިނދު، މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް ބާރު އަޅައި، ހަމަހަމަ ގޮތެއްގައި، އިސްތިރާޖީ ވިސްނުމެއްގައި، ޓެކްސް ނިޒާމު ހިންގުމުގެ މަސައްކަތް ކުރާނަމެވެ.
ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ
އޭނާ ވަނީ، 16 އަހަރުގެ މުއްދަތުގައި މީރާއިން ވަނީ، ކަރުދާސް ފޯމްތަކާއި ޚިދުމަތް ހޯދަން ދިގު ކިޔޫ ހަދަން ޖެހުން ނިމުމަކަށް ގެނެސްފައިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މީރާގެ ޚިދުމަތްތައް މިހާރު ކޮންމެ ވަގުތަކު، ކޮންމެ ތަނަކުން ވެސް ލިބެން ހުންނަ ކަމަށް އަމީޒާ ވިދާޅުވިއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި، މީރާއަށް މިހާރު ބަލައިގަންނަ ޓެކްސް ބަޔާނުގެ 96 ޕަސެންޓް އާއި ޕޭމަންޓްގެ 99 ޕަސެންޓް ބަލައިގަންނަނީ އޮންލައިންކޮށެވެ.
އަމީޒާ ވިދާޅުވީ މީރާއީން މިހާރު އަމާޒު ހިފައިފައިވަނީ އެ އިދާރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕާއެކު ރާއްޖޭގައި އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ގާއިމުކުރުމަށެވެ. އެއާއެކު، ވިޔަފާރިތަކުން އިންވޮއިސް ދޫކުރުމުގެ ވައްޓަފާޅިއާއި ޓެކުހުގެ އިލްތިޒާމުތައް އަދާކުރުމުގެ މަސައްކަތަށާއި، ޓެކްސް ނިޒާމު ހިންގުމަށް އިންގިލާބީ ކުރިއެރުމެއް ގެނައުމަށް އުއްމީދުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީރާގެ އަމާޒަކީ އެ ނިޒާމުގެ މަންފާ ކައިރި މުސްތަގުބަލެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އަމީޒާ ލިޔުއްވާފައިވެއެވެ.
"މީގެ އިތުރުން ޓެކްސް ނިޒާމު އިތުރަށް ކުރިއެރުވުމަށް ޓަކައި، ޓެކުހުގެ ގާނޫނުތަކަށް ގެނެވޭ ބަދަލުތައް އޮމާންކަމާއެކު ތަންފީޒު ކުރުމަކީ ވެސް އަޅުގަނޑުމެން އިސްކަންދޭނެ ކަމެކެވެ." އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ ޢައްޔަންކުރެއްވީ މިދިޔަ މަހުގެ 19ގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް، މިދިޔަ މަހު އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.