އެންމެ ގިނައިން ޓެކްސް ދެއްކެވި ފަރުދުންގެ އެވޯޑް ސިޔާމަށް

މީރާގެ އެވޯޑް ހަފްލާއަށް ސިޔާމް ވަޑައިގަންނަވަނީ: އެ މަނިކުފާނަށް އެވޯޑް ލިބިވަޑައިގަތީ އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކެވި ފަރުދުންގެ ބައިން-- ފޮޓޯ: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި އެވޯޑް" ގެ ތެރެއިން، އަމިއްލަ ފަރުދުންގެ ކެޓަގަރީން އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކެވި ފަރާތަކަށް ދޭ އެވޯޑު ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ހާސިލްކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި މި އެވޯޑު ދީފައިވާއިރު، މީރާއިން “ސަން” އަށް މައުލޫމާތު ދެމުން ބުނީ ސިޔާމަށް މި އެވޯޑު ލިބިވަޑައިގަތީ މިދިޔަ އަހަރުގެ ޓެކްސް އަހަރުގައި އަމިއްލަ ފަރުދުންގެ ތެރެއިން އެންމެ ގިނައިން އިންކަމް ޓެކްސް ދައްކާފައިވާ ފަރާތަށް ބަލައިގެން ކަމަށެވެ.

މީރާއިން ބުނި ގޮތުގައި، 2019 ވަނަ އަހަރަށް ފަހު އެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް ރަންލާރި އެވޯޑް އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ. މިފަހަރުގެ އެވޯޑުތައް ބިނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ޑިސެމްބަރު 31 އާ ހަމައަށް ޓެކްސްގެ އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކޮށް، އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށެވެ. މިއީ ކުރިން ނަގަމުން އައި ބިޒިނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ބަދަލުގައި، 2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި އިންކަމް ޓެކްސް ގާނޫނުގެ ދަށުން މި އެވޯޑު ދިން ފުރަތަމަ ފަހަރުކަން ވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ސިޔާމާ އެވޯޑް ހަވާލު ކޮށްދެއްވަނީ: އެ މަނިކުފާނަށް އެވޯޑް ލިބިވަޑައިގަތީ އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކެވި ފަރުދުންގެ ބައިން-- ފޮޓޯ: މީރާ

މީރާއިން ބުނި ގޮތުގައި މި އެވޯޑަކީ ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނަށް ބޯލަނބާ މިންވަރު ނުވަތަ ކޮމްޕްލަޔަންސް ރަނގަޅު ކުރުމަށާއި، އެންމެ ބަރާބަރަށް ޓެކްސް ދައްކާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މީގެ ކުރިން މީރާގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ރަންފަނަރަ" އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑެއް ދީފައިވީ ނަމަވެސް، މިހާރު އަނެއްކާވެސް ދެމުން އަންނަނީ ގަވާއިދުން ދެމުން އައި ރަންލާރި އެވޯޑެވެ.

ސިޔާމްގެ އިތުރުން ވެސް އެކި ކެޓަގަރީތަކުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް މި ހަފްލާގައި ވަނީ އެވޯޑު ދީފައެވެ.

މީގެ ކުރިން ވެސް މީރާއިން ވަނީ ސަން ސިޔާމް ގުރޫޕުން ގަވާއިދުން ޓެކްސް ދައްކަމުން ގެންދާތީ އެކަން އަގުވަޒަންކޮށް އެވޯޑްތައް ދީފައެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު ދިވެހި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިޔާމްގެ ވިޔަފާރިއަކީ ބޭރުގެ މާލީ އިދާރާތަކުން ވެސް ބޮޑު އިތުބާރެއް ކުރާ މަސައްކަތެކެވެ. އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބޭރުގެ އެކި ބޭންކްތަކާއި އިންވެސްޓަރުންނަކީ އަބަދުވެސް އެ މަނިކުފާނުގެ ވިޔަފާރި މަސައްކަތްޕުޅަށް ބޭނުންވާ އެހީ އެއްވެސް ފަސްޖެހުމެއް ނެތި ދެއްވާ ބައެކެވެ. އަދި ވިޔަފާރީގެ މަސައްކަތުގައި ކުރިއަށް ދެވެނީ އެ ފަރާތްތަކުން ކުރާ އިތުބާރުގެ ސަބަބުން ކަމަށް ވެސް ސިޔާމް ވިދާޅުވެފައިވެއެވެ.

ސަން ސިޔާމް ގުރޫޕުގެ ދަށުން ރާއްޖޭގައި ފެންވަރު ރަނގަޅު ފަސް ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި، އިރުފުއްޓާއި، ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީލަންކާގައި ވެސް އެ ގުރޫޕުން ރިސޯޓެއް ހިންގައެވެ.

comment ކޮމެންޓް