ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސް އަންގަވައިގެންނެއް ނޫން: ސަރުކާރު

ރައީސް މުއިއްޒާއި ޒަމީރު: ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށް ތަރުޖަމާން ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށާއި، އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޒަމީރު އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާއިރު، މުންދު "ސަން"އަށް ވިދާޅުވީ ޒަމީރުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ ސިއްހީ ސަބަބުތަކެއް ކަމުގައެވެ.

އެ ސިޓީގައި ޒަމީރު ވިދާޅުވެފައިވަނީ މިދިޔަ އަހަރު ވެސް ސިއްހީ ހާލަތު ހުރިގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހުނު ކަމަށާއި، މިހާރު ވެސް އެޑްމިޓްވެގެން ފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ޒިންމާދާރު މަގާމަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވިދާނެ ކަމުގެ ނުތަނަވަސްކަން އޮތުމާއެކު، މަގާމުން ދުރުވުމަކީ ސަރުކާރަށާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީ ކަމަށް، މުންދު މައުލޫމާތު ދެއްވިއެވެ.

https://sun.mv/223024

"[ޒަމީރު] އިސްތިއުފާދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވާތީ،" ތަރުޖަމާން ވިދާޅުވިއެވެ.

ޒަމީރު މި ސަރުކާރުގެ ދެ މިނިސްޓްރީއެއްގައި ކުރެއްވި މަސައްކަތްތައް ސަރުކާރުން ވަނީ ބަލައިގެންފައެވެ. އޭނާ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު، ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރީ ސެޕްޓެމްބަރު 2024ގައެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއާގެ މަގާމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސްކަން ވެސް ޒަމީރު ގެންދެވީ ކުރައްވަމުންނެވެ.

https://sun.mv/223038

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޒަމީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ރައީސްގެ ގައުމީ ސިޔާސީ ފިކުރުގައި ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

ޒަމީރުގެ ބަދަލުގައި، ފިނޭންސް މިނިސްޓަރު ކަމަށް މިހާރު ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު އައްޔަންކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައި އޮތް ރާއްޖޭގެ އިގުތިސާދު ނާޒުކެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ދަރަނި ދައްކާފައިވާއިރު، މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

https://sun.mv/220693

ރައީސް ނޮވެންބަރު 17، 2023ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓާއެކުގައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރާއި މަސްތަކެއް ވެފައިވާއިރު، މިނިސްޓްރީތަކުގެ ޒިންމާތަކާއި މިނިސްޓަރުން ވެސް ބަދަލުކުރައްވައިފައިވެއެވެ.

އެންމެ ފަހުން މިދިޔަ އޭޕްރިލް މަހު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބޮޑު ބަދަލުގައި، 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ. އޭރު ރައީސް ވަނީ މިނިސްޓްރީތަކުގެ އަދަދު 15އަށް މަދުކުރައްވައިފައެވެ.

ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު އެ މަޤާމުން އިސްތިއުފާދެއްވީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ނޫން ކަމަށާއި، އެއީ ޞިއްޙީ ސަބަބުތަކަށްޓަކައި ނިންމެވި ނިންމެވުމެއްކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާހޯއްދަވަން ޖެހިވަޑައިގަތުމާއެކު، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާނުކުރެއްވިދާނެކަމުގެ ކަންބޮޑުވުން އޮތުމުން އިސްތިއުފާދެއްވީކަމަށް ޒަމީރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ. އޭނާގެ ބަދަލުގައި ފިނޭންސް މިނިސްޓަރުކަމަށް މިހާރު ވަނީ ޙަސަން ޒަރީރު އައްޔަންކުރައްވާފައެވެ.

  • މޫސާ ޒަމީރު މަޤާމުން އިސްތިއުފާދެއްވީ ރައީސް އަންގަވައިގެން ނޫންކަމާއި، އެއީ ޞިއްޙީ ޙާލަތު ތަންނުދޭތީ ނިންމެވި ނިންމެވުމެއްކަން ކަށަވަރުކުރުން.
  • ފިނޭންސް މިނިސްޓަރުގެ މަޤާމަށް ކުރީގެ ޓެކްސް ކޮމިޝަނަރު ޙަސަން ޒަރީރު އައްޔަންކުރެއްވުން.
  • ސަރުކާރުގެ ދެ ވުޒާރާއެއްގައި އަދި އެލްޖީއޭ ބޯޑުގެ ރައީސްކަމާއި ޚާއްޞަ ކޮމިޓީތަކުގައި ޒަމީރު ކުރެއްވި ޚިދުމަތްތައް ސަރުކާރުން ބަލައިގަތުން.
  • މަޤާމުން ވަކިވެވަޑައިގަތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ފިކުރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޒަމީރު ދެއްވުން.
  • ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އައު ވަޒީރާއެކު މަސައްކަތް ފެށުން.
comment ކޮމެންޓް