އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާ ކުރުމަށް ފޮނުވައިފައިވާ ގިނަ ސުވާލުތަކަށް އަދިވެސް ޖަވާބު ނުދެއްވާތީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން އަމީންއާންމު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީގައިވާ ގޮތުން، ޑިސެންބަރު ހަތަރެއް، 2024އިން ފެށިގެން މިދިޔަ ޖަނަވަރީ މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް، 62 ސުވާލަށް ޖަވާބު ނުލިބި އެބައޮތެވެ.
ސުވާލު ހުށަހެޅުއްވި މެންބަރުންނާއި ސުވާލުގެ އަދަދު:
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ): 27 ސުވާލު
- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ): ދެ ސުވާލު
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް: ފަސް ސުވާލު
- ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު: ތިން ސުވާލު
- ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު: ނުވަ ސުވާލު
- ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ): ދެ ސުވާލު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް: ތިން ސުވާލު
- މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ: ދެ ސުވާލު
- މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު: ހަތް ސުވާލު
- ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު: އެއް ސުވާލު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: އެއް ސުވާލު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ކުޑޫ ފޮނުއްވި ސިޓީގައިވާ ގޮތުން، އެންމެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވާ ވަޒީރަކީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އެގޮތުން މުއްޠަލިބު 22 ސުވާލަށް ޖަވާބު ދެއްވައިފައިނުވާއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު 19 ސުވާލަކަށް ޖަވާބު ނުދެއްވައެވެ.
ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލްގެ ތެރެއިން ދެ ވަޒީރުންވެސް ތިން ސުވާލަށް ޖަވާބުދެއްވައިފައި ނުވެއެވެ.

އެމްޑީޕީގެ ޕީޖީ މެންބަރުން: ސުވާލުތަކަށް ޖަވާބު ނުލިބޭތީ މަޖިލީހުގެ ރައީސަށް ވަނީ ސިޓީއެއް ފޮނުވައިފަ -- ސަން ފޮޓޯ/ މޫސާ ނަދީމް
އޭގެ އިތުރުން، ބައެއް ސުވާލުތަކަށް ޖަވާބުނުދެއްވާ ވަޒީރުންގެ ތެރޭ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދާއި، ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
އެ ސިޓީގައި ކުޑޫ ވަނީ، އެކަން އެހެން ނުވާނޭ ފަދަ ގޮތަކަށް އިންތިޒާމުކޮށްދެއްވުމަށް، ޢަބްދުއްރަޙީމްގެ ކިބައިން އެދިވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ، ސުވާލުތަކަށް ޖަވާބު ލިބުން ލަސްވާތީ ހައުސިން މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް ގޮސްފައެވެ.
މީގެ ކުރިންވެސް ވަޒީރުން ޖަވާބުދިނުން ލަސްވާތީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.