ޝަމްއާން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ހަގީގަތް ހާމަކުރުމުން: ފައްޔާޒް

ހުކުމްކުރުމުގެ އަޑުއެހުމުގެ ކުރިން ޝައްމާން: އޭނާ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް އިއްޔެ އިއްވި 25 އަހަރުގެ ޖަލު ހުކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަސްލު ހަގީގަތް އޭނާ ކިޔައިދެއްވުމާ ގުޅިގެން ކުރި ހުކުމެއް ކަމަށް ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހަވީރު ކުރި މި ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެފައިވާކަމަށް އިއްޔެ ވަނީ ނިމްމާފައިއެވެ. އެއީ މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، ފޭރުމުގެ ކުށަށް އަށް އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރެވެ.

މި މައްސަލައަކީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއެއްގެ އަތުން 530,000 ރުފިޔާ ނެގި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް ޝައްމާން ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

އިއްޔެ ހުކުމް އިއްވުމުގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައްމާން ވިދާޅުވީ، މިއީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. ޝައްމާން ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިހުސާން ވަނީ ވަކި ބަޔަކަށް ވިއްކާލާފައެވެ. އަދި އެކަން ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ރައީސް މުއިއްޒު ސީދާ އޭނާއަށް ގުޅުއްވައި އެކަމާ ދެކޮޅު ނުހެދުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.

https://sun.mv/223117

މިކަމާއި ގުޅިގެން ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތްކަމަށާއި އިއްޔެ ދިގު މުއްދަތަކަށް ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުންކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށާއި އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައިކަމަށެވެ.

https://sun.mv/223112

ފައްޔާޒް ވިދާޅުވީ އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައްކަމަށެވެ.

ޝަމްއާނަށް 25 އަހަރުގެ ޖަލުހުކުމެއް އިއްޔެ އިއްވާފައިވާއިރު، މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ.

ނަމަވެސް އެ ހުރިހާ ތުހުމަތެއް އިހުސާން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ ޝަމްއާން ވިދާޅުވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށެވެ.

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 25 އަހަރުގެ ޖަލު ހުކުމަކީ ސަރުކާރުގެ ކޮރަޕްޝަންތައް ހާމަކުރުމުން އައިސްފައިވާ ސިޔާސީ ހުކުމެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ތުހުމަތުކުރައްވާފައެވެ. ދައުލަތުން ޝައްމާންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގ އާއި ފޭރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވީ ނަމަވެސް، އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކުރައްވާފައެވެ. ޝައްމާން އާއި އޭނާގެ އާއިލާއިން ބުނާ ގޮތުގައި މިއީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހާމަކޮށްފާނެތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ފްރޭމްކޮށްގެން ހިންގާފައިވާ އަމަލެކެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅު ހެދުމުން އެކަން ހުއްޓާލުމަށް ރައީސް މުއިއްޒު އެންގެވިކަމަށްވެސް ޝައްމާން ވަނީ ތުހުމަތުކުރައްވާފައެވެ.

  • ޝައްމާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މަނީ ލޯންޑްރިންގ އާއި ފޭރުމުގެ ކުށް ސާބިތުވެގެންނެވެ.
  • ފައްޔާޒް ވިދާޅުވާ ގޮތުގައި މި ހުކުމަކީ ރާއްޖޭގެ ބޯޑަރު ސިސްޓަމް ވިއްކާލި މައްސަލަ ފަޅާއަރުވާލުމުގެ ނަތީޖާއެވެ.
  • ބޯޑަރު ސިސްޓަމް ވިއްކާލުމާ ދެކޮޅު ނުހެދުމަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށް ޝައްމާން ތުހުމަތުކުރައްވައެވެ.
  • ހޯމް މިނިސްޓަރު އިހުސާން ވަނީ ޝައްމާންގެ ފަރާތުން ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.
comment ކޮމެންޓް